ޚަބަރު

ޔޫކްރެއިނާއި ރަޝިޔާއާ ދެމެދު ވަރުގަދަ ޙަމަލާތަކެއް ބަދަލުކޮށް, ބޮޑެތި ގެއްލުންތަކެއް ދީފި


ޔޫކްރެއިނުން ރަޝިޔާގެ ކްރަސްނަދަރުގައި ހުންނަ ތެޔޮ ރައްކާކުރާ ގުދަންތަކެއް ހުރި ސަރަޙައްދަކަށް ވަރުގަދަ ޑްރޯން ޙަމަލާތަކެއް ދީފިއެވެ. ރަޝިޔާއިން ބުނީ, އެ ސަރަޙައްދަށް ޙަމަލާ ދޭން ޔޫކްރެއިނުން ގިނަ ޢަދަދެއްގެ ޑްރޯން ބޭނުން ކޮށްފައިވާ ކަމަށާއި, އޭގެ ތެރެއިން ހަ ޑްރޯނެއް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ.

ނަމަވެސް, ޑްރޯންތަކުގެ ބައިތައް ވެއްޓި ތެޔޮ ރައްކާކުރާ ގުދަންތަކުގައި ހުރި ޓޭންކުތަކެއްގައި އަލިފާން ރޯވި ކަމުގައި އެ ސަރަޙައްދުގެ ކުއްލި ހާލަތްތަކާ ބެހޭ އިދާރާއިން ބުންޏެވެ. އަދި, އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މި ހާދިސާ ހިނގާފައި ވަނީ ކްރަސްނަދަރުގެ އަވަށެއް ކަމުގައިވާ ޔޫރަވްސްކާގައެވެ. ހުސްވި މޭ މަހުގެ 2ވަނަ ދުވަހު ވެސް ޔޫކްރެއިނުން ވަނީ އެ ސަރަޙައްދަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.

ރަޝިޔާ-ޔޫކްރެއިން ސަރަޙައްދީ ރޮނގު ހުރަސްކޮށް ރަޝިޔާގެ ރަށްތަކަށް ޔޫކްރެއިންގެ ފައުޖުތަކުން ދެމުންދާ މި ފަދަ ޙަމަލާތައް ފަހަކަށް އައިސް ވަނީ އިތުރު ކޮށްފައެވެ. މީގެ ތެރެއިން ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ, ރަޝިޔާގެ ހަކަތައިގެ ޢުމްރާނީ ވަސީލަތްތަކަށެވެ. ތެޔޮ އުފައްދައި, ސާފުކުރާ ކާރުޚާނާތަކާއި ތެޔޮ ރައްކާކުރާ ގުދަންތަކަށެވެ. ނަމަވެސް, ޔޫކްރެއިނުން މި ފަދަ ޙަމަލާތަކުގެ ޒިންމާ އުފުލާފަން ދެކޮޅު ހަދައެވެ.

މި ޙަމަލާތަކުގެ ރައްދުގައި ރަޝިޔާއިން ވެސް ވަނީ ޔޫކްރެއިންގެ ރަށްތަކަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް އަމާޒު ކޮށްފައެވެ. ގިނަ ޢަދަދެއްގެ މިސައިލާއި ޑްރޯން ބޭނުން ކޮށްގެން ދީފައިވާ މި ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޔޫކްރެއިންގެ ހަކަތައިގެ ވަސީލަތްތަކަށެވެ. ޔޫކްރެއިންގެ ވައިގެ ސިފައިން ބުނީ, ރަޝިޔާގެ ޙަމަލާތަކުގައި 55 މިސައިލާއި 21 ޑްރޯން ބޭނުން ކޮށްފައިވާ ކަމުގައެވެ.

އޭގެ ތެރެއިން 39 މިސައިލާއި 20 ޑްރޯން ދިފާޢުކޮށް ވައްޓައިލާފައިވާ ކަމުގައި ވެސް ޔޫކްރެއިންގެ ވައިގެ ސިފައިން ބުންޏެވެ. ނަމަވެސް, ރަޝިޔާގެ ޙަމަލާތަކުގައި ކުރީގެ ރޫސީވިލާތުގެ ޒަމާނުގައި ބިނާ ކޮށްފައިވާ އިންޖީނުގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި, ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑުނެވެ.

"ރަޝިޔާއިން އަނެއްކާ ވެސް މި ވަނީ ޔޫކްރެއިންގެ ހަކަތަ އުފައްދާ އިންޖީނުގެތަކާއި ވަސީލަތްތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފައި،" ޔޫކްރެއިންގެ ހަކަތައާ ބެހޭ ވަޒީރު ހަރްމަން ހަލުޝްޗެންކޯ ވިދާޅުވިއެވެ. އޭގެ ތެރެެއިން, ވެރިރަށް ކީވް ހުންނަ ސަރަޙައްދަށް ދިން ޙަމަލާތަކުގައި ދެ މީހަކު ޒަޚަމުވި ކަމަށާއި, ކިރޮވޮހްރަދް ސަރަޙައްދަށް ދިން ޙަމަލާގައި އެކަކު ޒަޚަމުވި ކަމުގައި ޔޫކްރެއިންގެ ދާޚިލީ ވަޒީރު އީހޯރް ކްލިމެންކޯ ވިދާޅުވިއެވެ.

ރަޝިޔާގެ އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޕޮލްތާވާއާއި, ކިރޮވޮހްރަދާއި, ޒަޕޮރީޜިޔާއާއި, ލްވީވާއި, އިވަނޯ-ފްރާންކިވްސްކުގެ އިތުރުން ވިންނިޓްސިޔާއަށެވެ. މި ޙަމަލާތަކުގައި 30 ގެއަކާއި, ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ބޭނުންވާ އުޅަނދުފަހަރާއި, އެއްގަމު އުޅަނދުފަހަރުގެ އިތުރުން އަލިފާން ނިއްވާ އިދާރާއެއްގެ މަރުކަޒަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައި ޔޫކްރެއިންގެ ދާޚިލީ ވުޒާރާއިން ބުންޏެވެ.

މި ޙަމަލާތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ, ރަޝިޔާއިން ވަރުގަދަ ޙަމަލާތަކެއް ދީފައި މި ވަނީ ޔޫކްރެއިނުން ދެވަނަ ބޮޑު ހަނގުރާމައިގެ ނިމުން ފާހަގަ ކުރާ ދުވަހާ ދިމާކޮށް ކަމުގައެވެ. "ކްރެމްލިނުން ދެވަނަ ބޮޑު ހަނގުރާމައިގެ ނިމުން ފާހަގަ ކޮށްފައި އެ ވަނީ ޔޫކްރެއިނަށް ވަރުގަދަ ޙަމަލާތަކެއް ދީގެން. ޢާންމުންގެ ދިރިއުޅުން ވިއްސިވިހާލި ކޮށްލައިގެން. އެއީ ނާޒީން ކަން ކުރާ ގޮތް،" ޒެލެންސްކީ ވިދާޅުވިއެވެ.

2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ޔޫކްރެއިނަށް އަރައި ރަޝިޔާ ސިފައިން ފެށި ހަނގުރާމައިގައި ޔޫކްރެއިންގެ ބައެއް ސަރަޙައްދުތަކަށް ވަނީ އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި އެ ޤައުމުގެ އިރުމަތީގައި އޮންނަ ދޮންބާސްގެ ދެ ސަރަޙައްދު, ލުހާންސްކާއި ދޮންޏެސްކުގެ އިތުރުން ދެކުނުގައި އޮންނަ ޒަޕޮރީޜިޔާ ހިމެނެއެވެ. ރަޝިޔާގެ އިސްތިޢުމާރީ ސިފައިންނާ ދެކޮޅަށް ޔޫކްރެއިނުން ދަނީ ރައްދު ޙަމަލާގެ އަސްކަރީ ކެމްޕޭނެއް ވެސް ހިންގަމުންނެވެ.