ޚަބަރު

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު އެމްޕީއެލްގެ 5 ފަރާތަކަށް


  • ކޮންމެ އަހަރަކު 5 މުވައްޒަފުން ޙައްޖަށް ފޮނުވާ

  • 3 މުވައްޒަފުން ޢުމްރާގެ އަޅުކަމަށް ފޮނުވާ

  • މިއީ އެމްޕީއެލްގެ ޙައްޖާއި ޢުމްރާ ޕޮލިސީގެ ދަށުން ދޭ ފުރުޞަތެއް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްއިން އެކުންފުނީގެ 5 މުވައްޒަފަކަށް މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދީފިއެވެ.

މިއަދު ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި ވަނީ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުޞަތު ލިބުނު މުވައްޒަފުންނަށް އެކަމާއި ގުޅޭ ލިޔުން ޙަވާލުކޮށްފައެވެ.

އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އަހަރު މި ކުންފުނީގެ ޚަރަދުގައި ޙައްޖަށް ދިއުމުގެ ފުރުޞަތު ލިބުނު 5 މުވައްޒަފުންނާ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް ވަނީ ބައްދަލުކުރައްވައި، އެ މުވައްޒަފުންނަށް ޙައްޖު ދަތުރު ހަމަޖެހުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވައިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޙައްޖު ދަތުރު ލިބުނު މުވައްޒަފުންނަށް ސީ.އީ.އޯ ވަޖީހް ވަނީ މަރުޙަބާ ދަންނަވައި، މަބްރޫރު ޙައްޖަކަށް އެދިވަޑައިގެންފައެވެ.

މި އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު ލިބުނު މުވައްޒަފުންނަކީ އިލްޔާސް މުޙައްމަދު – އެސިސްޓަންޓް އެގްޒެކުޓިވް، އަޙްމަދު ރަޝާދު – ސްޕެޝަލިސްޓް އިންޖިނިއަރ، އަޙްމަދު އުންމީދު – ސަރވިސް އިންޖިނިއަރ އަދި މުޙައްމަދު ނަބީލް – އޮޕަރޭޝަންސް އެގްޒެކުޓިވް މީގެ އިތުރުން ޒަކަރިއްޔާ އިބްރާހިމް – ލީޑް އެގްޒެކުޓިވް

އެމްޕީއެލްގެ ޙައްޖާއި ޢުމްރާ ޕޮލިސީގެ ދަށުން ކޮންމެ އަހަރަކުވެސް 5 މުވައްޒަފަކަށް ޙައްޖުގެ އަޅުކަން އަދާކުރުމަށް ކުންފުނީގެ ޚަރަދުގައި ފޮނުވައެވެ. އަދި 3 މުވައްޒަފުން ޢުމްރާގެ އަޅުކަމަށް ކުންފުނީގެ ޚަރަދުގައި ފޮނުވައެވެ.