ޚަބަރު

ފުރަތަމަ 4 މަހު ދަޢުލަތަށް 12.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް، މިއީ %4.2 ކުރިއެރުމެއް


  • ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 10.2 ބިލިއަން ރުފިޔާ

  • ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 2 ބިލިއަން ރުފިޔާ ލިބިފައިވޭ

  • އެހީގެ ގޮތުގައި 77.4 މިލިއަން ރުފިޔާ ލިބުނު

މިއަހަރުގެ ފުރަތަމަ 4 މަސްތެރޭ ދައުލަތަށް 12.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.

މާލީ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ވީކްލީ ފިސްކަލް ރިޕޯޓުގައިވާގޮތުން މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 4.2 އިންސައްތަ އިތުރު އަދަދެކެވެ.

މާލީ ވުޒާރާގެ ރިޕޯޓުގައިވާގޮތުން މިއަހަރުގެ ފުރަތަމަ 4 މަސް ދުވަސްތެރޭ އާމްދަނީގެގޮތުގައި ލިބިފައިވާ 12.4 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 10.2 ބިލިއަން ރުފިޔާއާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ 2 ބިލިއަން ރުފިޔާއާއި އެހީގެ ގޮތުގައި ލިބުނު 77.4 މިލިއަން ރުފިޔާއެވެ.

ޓެކްސް އާމްދަނީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިމްޕޯޓު ޑިއުޓީއާއި، ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް، ބީޕީޓީއާއި ގުޑްސް އެންޑް ސަރވިސް ޓެކްސް، ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.

ޓެކްސް އާމްދަނީގެ ހިސާބުތައް:

• އިމްޕޯޓް ޑިއުޓީން 932 މިލިއަން ރުފިޔާ
• ބީޕީޓީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ
• ޖީއެސްޓީގެ ގޮތުގައި 5.8 ބިލިއަން ރުފިޔާ
• ގްރީން ޓެކްސްގެ ގޮތުގައި 412.1 މިލިއަން ރުފިޔާ
• އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 387.9 މިލިއަން ރުފިޔާ

މާލީ ވުޒާރާގެ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރާއި އަޅާ ބަލާއިރު ދައުލަތުގެ ޚަރަދުތައް ވަނީ ކުޑަކުރެވިފައެވެ.

އެގޮތުން އަހަރުގެ މިހާތަނަށް ދައުލަތުގެ ޚަރަދުތައް ހުރީ 14.3 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުވެފައިވާ 16.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެއްކަން ފާހަގަކުރެވެއެވެ.

ޚަރަދުތަކުގެ ތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދަށް ހިނގި 11.2 ބިލިއަން ރުފިޔާއާއި، ކެޕިޓަލް ޚަރަދަށް ހިނގި 3 ބިލިއަން ރުފިޔާއެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިމެނެނީ މުސާރައާއި އިނާޔަތަށް ޚަރަދުކޮށްފައިވާ 4.4 ބިލިއަން ރުފިޔާއާއި، އިދާރީ ހިންގުމަށް ހިނގާފައިވާ 6.7 ބިލިއަން ރުފިޔާއެވެ. ކެޕިޓަލް ޚަރަދުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށް ހިނގާފައިވާ ޚަރަދެވެ.