ޚަބަރު

ހުޅުމާލެ ދެވަަނަ ފިޔަވަހި ބީޗްގައި ހުރި ހަޓުތައް ނަގަން އަންގައިފި


  • ދެވަނަ ފިޔަވަހި ބީޗް ތަރައްޤީކުރުމުގެ މަސައްކަތް އަދި ފަށާފައި ނުވޭ

  • އަލަށް ތަރައްޤީކުރާއިރު ކުދި ވިޔަފާރި ހިންގަން ޖާގަ ކަނޑައަޅާނެ

  • މިހާރު އެސަރަހައްދުގައި ހިންގަނީ ހުއްދަ ނެތި ހިންގާ ތަންތަން

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ގޮނޑުދޮށް ސަަރަޙަައްދު ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށްޓަކައި އެސަރަހައްދުގައި އަމިއްލަ ފަރާތްތަކުން މިހާރު ހަދާފައިވާ ހަޓުތަކާއި، ބަހައްޓާފައިވާ ތަކެތި ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން އަންގައިފިއެވެ.

އެޗްޑީސީން ނެގުމަށް އަންގާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރުއްގަނޑު 3 ސަރަޙައްދުގައިވާ ހަޓުތަކާއި ތަކެއްޗެއްވެ. އެ ސަރަޙައްދުގައި މިހާރު ހިންގަމުންދާ ތަންތަނަކީ އެޗްޑީސީން ދޫކޮށްގެން ހިންގަމުންދާ ތަންތަނެއް ނޫނެވެ. އެގޮތުން ހެދިކާ ވިއްކާ ގާޑިޔާތަކާއި، ކޮފީއާއި ކާބޯތަކެއްޗާއި އެހެނިހެން ސާމާނު ވިއްކާ ހަޓުތައް އެ ސަރަޙައްދުގައި އާއްމު ފަރާތްތަކުން ދަނީ ހިންގަމުންނެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނީ އެ ތަންތަން ނަގަނީ ބީޗް ސަރަހައްދު ތަރައްޤީކުރަންކަމަށާއި، ބީޗް ސަރަޙައްދު ތަރައްޤީކުރާނީ އެފަދަ ވިޔަފާރިތަކަށް ބޭނުންވާ ޖާގައާއި ވަސީލަތްތަކާއެކުކަމަށެވެ.

ބީޗުގައި ހަދާފައިވާ ހަޓުތަކާއި ތަކެތި ޖޫން މަހުގެ 15ވަނަ ދުވަހުގެ ކުރިން ނެގުމަށް ވަނީ އަންގާފައެވެ.

އެޗްޑީސީން ބުނީ ރޭވުންތެރިކަމެއް ނެތި ވަގުތީ ހަޓްތަކެއް ޖަހައިގެން އަމިއްލަ ގޮތުން ވިޔަފާރިކުރަމުންދާތީ، އެކަމާ ގުޅޭ ގޮތުން ގިނަ ބައެއްގެ ޝަކުވާ ލިބެމުންދާކަމަށެވެ. އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، އެ ސަރަހައްދު އިތުރަށް ތަރައްގީކޮށް ވަސީލަތްތައް ޤާއިމުކުރުމަށް ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެ ސަރަހައްދު ތަރައްގީ ކޮށް ނިމުމުން، ކަނޑައެޅޭ އުސޫލެއްގެ ދަށުން ވިޔަފާރިތަކަށް އަލުން ހުޅުވާލާނެއެވެ.

އެޗްޑީސީން ބުނީ އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ވީހާވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށްކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް އޭރިއާ ތަރައްޤީކުރުމަށް މިހާތަނަށް މާގިނަ މަސައްކަތްކެއް ކޮށްފައެއް ނުވެއެވެ. މޫދަށް އެރޭ ސަރަޙައްދުގައި ބެންޗު ޖަހާ އަދި ވަގުތީ ބާބަކިއު އޭރިއާއެއް ވަނީ ހަދާފައެވެ. ނަމަވެސް ދެވަނަ ފިޔަވަހި ބީޗް އޭރިއާ ތަރައްޤީކުރުމުގެ މަސައްކަތުގެދަށުން، އެތަންތަނަށް ބޭނުންވާ ވަސީލަތްތައް އެޗްޑީސީން އަދި ޤާއިމުކޮށްފައެއް ނުވެއެވެ.