ޚަބަރު

ކުރު މުއްދަތެއް، ބްރިޖްގެ އިތުރު %9 މަސައްކަތް ނިންމައިފި


  • ބްރިޖްގެ މަސައްކަތް ފެށީ 2022 ވަނަ އަހަރު

  • ސަރުކާރު ބަދަލުވިއިރު ނިމިފައިވަނީ %28 އެއްހާ މަސައްކަތް

  • މިހާރު ޖުމްލަ %37.71 މަސައްކަތް ވަނީ ނިމިފައި

ތިލަމާލެ ބްރިޖް މަޝްރޫޢުއަކީ މާލެ ސަރަޙައްދާ އަދި މުޅި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް މިވަގުތަށް އެންމެ މުހިންމު އެއް މަޝްރޫޢުއެވެ. މާލޭ ސަރަޙައްދުގައި ބޯހިޔާވަހިކަމަށް ތަރައްޤީކުރާ ރަށްތައް މި މަޝްރޫޢުގެ ތެރެއިން ގުޅާލާނެއެވެ. އަދި ރާއްޖޭގެ އިޤްތީޞާދީ މައި ހަބު ތިލަފުށި މާލޭއާއި ގުޅާލުމަކީ ވިޔަފާރިއާއި އިޤްތިޞާދަށް ލިބޭނެ އެންމެ ބޮޑު ކުރިއެރުމެވެ.

މާލެ-ވިލިމާލެ-ގުޅިފަޅު-ތިލަފުށި ބްރިޖަކުން ގުޅާލުމުގެ މަޝްރޫޢުއަކީ ނިމުނު ސަރުކާރުން ކުރިއަށްގެންދަން ނިންމި އެންމެ ބޮޑު ޕްރޮޖެކްޓެވެ. ނަމަވެސް މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ ދަޢުރު ނިމެން އަހަރަކަށްވެފައިވަނިކޮށެވެ. އޭރު ބުނަމުންދިޔައީ ދަޢުރު ނިމުމުގެ ކުރިން ވިލިމާލެއާ ހަމައަށް ގުޅާލުމުގެ މަސައްކަތް މުޅިން ނިމި އަދި މުޅި މަޝްރޫޢުގެވެސް ބޮޑު ބައެއް ނިންމާނެކަމަށެވެ.

ޓައިމްލައިނަށް މަސައްކަތްތައް ނިމެމުންދާކަމުގެ ބޮޑު ޔަޤީންކަމެއްވެސް އޭރުގެ ސަރުކާރުން ރައްޔިތުންނަށް ދެމުންދިޔައެވެ. ދަޢުރު ނިމުނުއިރު މުޅި މަޝްރޫޢުގެ %77 އޮންނަންޖެހޭނީ ނިމިފައެވެ. ނަމަވެސް 5 އަހަރުގެ ދަޢުރެއް ނިމިގެންދިޔައިރު ނިމިފައިވަނީ ބްރިޖް މަޝްރޫޢުގެ އެންމެ %28 މަސައްކަތެވެ. ބޮޑު މަޝްރޫޢުއެއް ހިނގަމުންދާ މަންޒަރު ރައްޔިތުންނަށް ފެނިގެނެއް ނުދެއެވެ.

އައު ސަރުކާރު އައިސް އެންމެ އިސްކަން ދެއްވި އެއް މަސައްކަތަކީ މަޝްރޫޢު ލަސްވާ ސަބަބުތައް ދެނެގަނެ، ބްރިޖް މަޝްރޫޢުގެ މަސައްކަތް ހަލުވިކުރުމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެ ފަހަރެއްގެ މަތިން ވަނީ ބްރިޖްގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ވަޑައިގެން ޢަމަލީގޮތުން މަސައްކަތްތައް ބައްލަވާލައްވާފައެވެ. އަދި އެ ޕްރޮޖެކްޓް ކުރިއަށްގެންދާ އިންޑިއާގެ ކުންފުންޏާ އަދި ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކުރައްވާ ޕްރޮޖެކްޓްގެ މަސައްކަތްތައް ފަހަތަށްނުޖެހި އަވަސްކުރުމަށް ވަނީ އަންގަވާފައެވެ.

އައު ސަރުކާރު ހަވާލުވެ މިވީ 6 މަސްދުވަހަށް ބަލާއިރު، ބޮޑު ބިޔަ މަޝްރޫޢުއެއް ހިނގާ މަންޒަރު މިހާރު މާލޭގެ ދެކުނު ފަރާތުން ވަނީ ފެންނަން ފަށާފައެވެ.

ކުރިން ފެންނަންހުރި ދަގަނޑު ހޮޅިތަކުގެ ބަދަލުގައި، ބްރިޖްގެ ބޮޑު ކޮންކްރީޓް ސްޓްރަކްޗަރގެ މަލަމަތި މިހާރު މާލޭގެ ދެކުނުން ވަނީ ފެންނަން ފަށާފައެވެ. މަޝްރޫޢުގެ ޓައިމްލައިނަށްވުރެ ކުރިއަށް މަސައްކަތްތައް ޖައްސާ، 6 މަސްތެރޭގައި އިތުރު %9 މަސައްކަތް މުޅިން ވަނީ ނިންމާފައެވެ. މުޅި މަޝްރޫޢުގެ %37.71 ނިންމާ، މަޝްރޫޢުއަށް ބޮޑު ކުރިއެރުމެއް ވަނީ ހޯދާއެވެ.

ތަނބުތައް ޖެހުމަށް ޖަހާ 203 ޕައިލިން މަސައްކަތުގެ ތެރެއިން 163 ޕައިލްގެ މަސައްކަތް ވަނީ މުޅިން ނިންމާފައެވެ. އެއީ ޕައިލިން މަސައްކަތް %80 މަސައްކަތެކެވެ.

ބްރިޖްގެ އެއް ތަނބު އަނެއް ތަނބާ ގުޅުވާލާނީ ޕްރީ-ކާސްޓް ސެގްމަންޓްތަކަކުންނެވެ. އެގޮތުން 993 ސެގްމަންޓްގެ ތެރެއިން 373 ސެގްމަންޓްގެ މަސައްކަތް މުޅިން ވަނީ ނިމިފައެވެ. އަދި މިހާރު ވަނީ އެއް ތަނބު އަނެއް ތަނބާ ގުޅާލުމުގެ މަސައްކަތްތައް ފަށާފައެވެ. މިހާތަނަށް 18 ޕްރީ-ކާސްޓް ސެގްމަންޓް ވަނީ ގުޅާލާފައެވެ.

މަސައްކަތްތައް ލަސްވަމުންދިޔަ މިންވަރަށް ބަލާ އެންމެ ފަހުން ތާވަލުކޮށްފައި ވަނީ 30 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް މުޅި މަޝްރޫޢު ނިންމުމަށެވެ. މަލެއިން ގުލިފަޅަށް ގުޅާލުމުގެ މަސައްކަތް ނިންމަން އޮތީ 31 މާރިޗު 2026 އަށެވެ.

މި ޕްރޮޖެކްޓާއެކު މާލެ ސަރަޙައްދުގެ ޚިދުމަތްތަކަށް ބޮޑެތި ކުރިއެރުންތައް ލިބޭނެއެވެ. އެންމެ ބޮޑު އެއް ބަދަލަކީ މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރާއިރު ލިބޭ ލުޔެވެ. އަދި ވިލިމާލޭގެ ރައްޔިތުންގެ އިތުރުން، ގުޅިފަޅުގައި މީހުން އާބާދުކުރުމުގެ މަސައްކަތަށްވެސް ބޮޑު ކުރިއެރުމަކަށްވާނެއެވެ.

ތިލަމާލެ ބްރިޖްގެ މަޝްރޫޢުއަކީ 7 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫޢުއެކެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ބާކީ ބައި ދަޢުލަތުން ޚަރަދު ކުރާގޮތަށެވެ. މަޝްރޫޢުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރިއަށްގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއި ޙަވާލުކޮށްގެންނެވެ.