ޚަބަރު

މާލީ ހާލަތު ރަނގަޅުކުރުމަށް އިސްލާހީ ބަދަލުތައް ގެނައުމަށް ދަނީ ތައްޔާރުވަމުން: މާލީ ވަޒީރު


  • މިދިޔަ އަހަރުތެރޭ އިސްލާހީ ފިޔަވަޅު އަޅާފައިނުވުމުން އިޤްތިސާދީ ކުރިއެރުން ދަށްވި

  • މިއަހަރަށް ލަފާކުރި ވަރަށް އާމްދަނީ ދަނީ ލިބެމުން ކަމަށް ވަޒީރު ވިދާޅުވި

  • ސަރުކާރުން އިސްލާހީ ބަދަލުތައް ގެންނާނެ ކަމަށް ވަޒީރު ވިދާޅުވި

ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި އިސްލާހީ ބަދަލުތައް ގެނައުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވެއްޖެއެވެ.

މާލީ ވަޒީރު މިހެން ވިދާޅުވީ ވޯލްޑް ބޭންކުން ރާއްޖެއާ ގުޅޭގޮތުން ތައްޔާރުކުރި "ސްކޭލިން ބެކް އެންޑް ރީ-ބިލްޑިންގ ބަފާސް" ރިޕޯޓާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުގައެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައިވަނީ މިދިޔަ އަހަރުތެރޭ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބުނު ނަމަވެސް އިޤްތިސާދީ ކުރިއެރުން މަޑުޖެހިފައިވާ ކަމަށް ބުނެފައެވެ. ފަތުރުވެރިން އައި އަދަދަށް ކުރިއެރުން ލިބުން ނަމަވެސް، ޤައުމީ އުފެއްދުންތެރިކަމަށް އެވަރުގެ ކުރިއެރުމެއް އައިސްފައި ނުވަނީ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ފައިސާގެ މިންވަރު ދަށްވުމުން ކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވަނީ މިދިޔަ އަހަރު ނިމުނު ރާއްޖޭގެ އިޤްތިސާދަށް އަންނާނެ ކަމަށް ލަފާކުރި މިންވަރަށް އިޤްތިސާދު ކުރިއަރާފައިނުވާ ކަމަށް ވިދާޅުވެފައެވެ. އަދި މިއީ އެ އަހަރުތެރޭ ސަރުކާރުން އަޅަން ރޭވި އިސްލާހީ ފިޔަވަޅުތައް އަޅާފައި ނުވާތީކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ރިފޯމް ޕްރޮގްރާމްތައް ތަންފީޒުކޮށްފައިނުވުމުން އިޤްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރި މިންވަރަށް ކުރިއަރާފައިނުވޭ، އެެހެންނަމަވެސް މިހާރު މިދަނީ އިސްލާހީ ގިނަ ފިޔަވަޅުތަކެއް އުޅުމަށް ތައްޔާރުވަމުން" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޑރ. ޝަފީޤު ވިދާޅުވީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ޙާއްސަ އިސްކަމެއް ދެއްވާކަމަށެވެ. އަދި އިސްލާހީ ބަދަލުތައް ގެނައުމުގައި ސަބްސިޑީ ދިނުމުގެ އުސޫލަށް ބަދަލުގެނައުމާއި، އާސަންދަ ދިނުމުގެ އުސޫލަށް ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިސްލާހީ ބަދަލުތައް ގެނައުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށްވެސް ބަދަލުތަކެއް ގަނައުން ހިމެނޭކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"މާލީ ދާއިރާއަށް އިސްލާހީ ބަދަލުތައް ގެނައުމަށް މިދަނީ ތައްޔާރުވަމުން، އެންމެ ރަނގަޅު ދަނޑިވަޅުގައި މި ބަދަލުތައް ތަންފީޒުކުރެވިގެންދާނެ، މި ބަދަލުތައް ގެނައުމުގައި ވޯލްޑް ބޭންކު އަދި އައިއެމްއެފް ފަދަ އެޖެންސީތަކުގެ އެއްބާރުލުން ބޭނުންވޭ." ވަޒީރު ޑރ. ޝަފީޤް ވިދާޅުވިއެވެ.

މާލީ ވަޒީރު ޑރ. ޝަފީޤް ވިދާޅުވީ މިއަހަރަށް ދައުލަތަށް ލަފާކުރި އާމްދަނީގެ އަދަދުތަކާއި އެއްވަރަކަށް ދައުލަތަށް އާމްދަނީ ލިބެމުންދާ ކަމަށެވެ. އަދި އަންނަ އަހަރަށް ދައުލަތުގެ ބަޖެޓު ތައްޔާރުކުރުމުގައި އައިއެމްއެފްއާއި ވޯލްޑް ބޭންކުން ރާއްޖޭގެ އިޤްތިސާދާއި ގުޅޭގޮތުން ނެރެފައިވާ ރިޕޯޓުތަކުގެ ބޭނުން ހިފާނެކަމަށް ވަޒީރު ވިދާޅުވިއެވެ.