ސަރުކާރުގެ އަމާޒަކީ މޯލްޑިވްސް ޑިވަލޮޕްމެންޓް ބޭންކަކީ ސަރަޙައްދީ ގޮތުން ފާހަގަކޮށްލެވޭ ތަނަކަށް ހެދުންކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކު އުފައްދާވާފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އަދި މި ބޭންކު އަންނަ ޖުލައި މަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ޑިވަލޮޕްމެންޓު ބޭންކު ޤާއިމްކުރެވޭނީ ދުނިޔޭގެ ތަޖުރިބާކާރުންގެ އެހީއާއެކު ކަމަށެވެ. އަދި މި ބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް ދުނިޔޭގެ ފެންވަރު ރަނގަޅު ތަޖުރިބާކާރެއް ހޯދަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމައެއާއެކު ބޭންކުގެ ބޯޑުގައިވެސް ތިއްބަވާނީ ދުނިޔޭގެ އަދި ރާއްޖޭގެ ފެންވަރު ރަނގަޅު މީހުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ސަޢީދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މޯލްޑިވްސް ޑިވަލޮޕްމެންޓް ބޭންކަކީ ސަރަހައްދީ ގޮތުން ފާހަގަކޮށްލެވޭ ތަނެއްގެ ގޮތުގައި އެތަން ޤާއިމްވެގެންދިޔުން ކަމަށެވެ.
އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރުގެ ވާހަކަފުޅުގައި ވަނީ ބޭންކުގެ ލިޔެކިޔުންތައް އެކުލަވާލާއިރު ފަންނީ އެހީދޭ ޓީމެއް ރާއްޖެ ގެންނާނެކަން ފާހަގަކުރައްވާފައެވެ. އަދި އެފަރާތްތަކަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައި ބޭންކިންގެ ނިޒާމު ޤާއިމްކުރުމަށް އެހީތެރިވެފައިވާ ބައެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ލިޔެކިޔުންތަކާއި އޮނިގަނޑުތައް އެކުލަވާލާއިރުގައި އަޅުގަނޑުމެން ބޭނުންކުރާނީ ދުބާއީ ތަންތަނުގައި މިފަދަ ބޭންކުތައް ޤާއިމްވެގެންދިޔައިރު ފަންނީ މަޢުލޫމާތު ދިން މީހުންގެ ލަފާ." އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ ރާއްޖޭގައި ޑިވަލޮޕްމެންޓް ބޭންކު ޤާއިމްވެގެންދިޔުމާއެކު ވަރަށް ގިނަ ފައިދާއާއި މަންފާ ކުރާނެ ކަމަށެވެ. އެގޮތުން ފައިސާ ލިބޭނެ ގޮތެއް ނެތުމުން ބޮޑެތި މަޝްރޫޢުތައް ހުއްޓޭ ހުއްޓުމަށް، މި ބޭންކާއެކު ހައްލު ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ގެދޮރު ޢިމާރާތްކުރުމަށް 5 އިންސައްތައަށްވުރެ ދަށުން ލޯނު ދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ވަޢުދެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ދަށް އިންޓަރެސްޓުގައި ލޯނު ދިނުމަށްވެސް އެބޭންކާއެކު ފަސޭހަވާނެ ކަމަށެވެ.
ސަޢީދު ވިދާޅުވީ ޑިވަލޮޕްމެންޓު ބޭންކާއެކު ރާއްޖޭގައި މާލީ ސިނާޢަތެއް ޤާއިމްކުރެވި ދިވެހިން ކުރިއަށްދާން ބޭނުންވާ އުސްމިންތަކަށް ދިޔުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ތަރައްޤީގެ ބޭންކެއް ޤާއިމްކުރުމުގެ ބޭނުމަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމެވެ. އަދި ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރު ކުރުމަކީވެސް މިފަދަ ބޭންކެއް ޤާއިމްކުރުމުގެ އެއް ބޭނުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.