ޚަބަރު

މީޑިއާގެ ޕްރޮގްރާމްތައް ހުރިހާ ކުދިންނަށް ބައްޓަންކުރަންޖެހޭ


ކުޑަކުދިންނާއި މީޑިއާގެ ވާހަކަ ދައްކާނަމަ އެންމެ ފުރަތަމަވެސް ވިސްނަންޖެހޭކަމަކީ މީޑިއާތަކުން ގެނެސްދޭ ކޮންޓެންޓް ނުވަތަ ކުޑަކުދިންނާ ގުޅުން ހުރި ޕްރޮގްރާމްތަކަކީ އެކުދިންނަށް ކިހާ ފައިދާކުރުވަނިވި ޕްރޮގްރާމްތަކެއްކަމާއި، އެއާމެދު އެކުދިން ދެކެނީ ކިހިނެތްކަމެވެ. އެކި އުމުރުފުރާތަކުގެ ކުދިން ބަލަން ޝައުގުވެރި ވަނީ ތަފާތު ކަންކަމަށް ޚާއްސަކުރެވޭ ޕްރޮގްރާމްތަކެކެވެ. އެހެންކަމުން ރާއްޖޭގެ މީޑިއާތަކުން ފޮނުވަން ކުދިންގެ ޝައުގުވެރިކަން ހުންނަނީ ކޮންކަހަލަ ޕްރޮގްރާމްތަކެއްކަމާއި، އެކުދިންގެ ބެލެނިވެރިން މިކަމާމެދު ދެކޭ ގޮތެއްގެ އިތުރުން ކުޑަކުދިންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށް ފޮނުވާ ޕްރޮގްރާމްތަށް ބައްޓަން ކުރަންވީ ގޮތުގެ މައްޗަށް ބަލާލާނަމެވެ.

ރާއްޖޭގެ ޓީވީތަކާއި ރޭޑިއޯތަކުން ކުޑަކުދިންނާއި ގުޅޭ ކޮންޓެންޓް ނުވަތަ ކުޑަކުދިންނަށް ޚާއްސަ ޕްރޮގްރާމްތައް ޢާންމުކޮށް ގެނެސްދެމުންދަނީ، ކޮންމެ ދުވަހެއްގެވެސް ހަވީރުގެ ވަގުތުތަކުގައެވެ. އެއީ ހަވީރު ހަތަރަކުން ހަޔަކަށެވެ. މިގަޑިތަކުގައި އާންމުކޮށް ގެނެސްދެވެނީ ކާޓޫންފަދަ ޕްރޮގްރާމެވެ. ރާއްޖޭގެ ގިނަ ޓީވީ ތަކާއި ރޭޑިއޯތަކުން ދުވާލުގަޑީގައި އަދި ރޭގަނޑުގެ އިރާކޮޅު ގެނެސްދޭނީ ކުޑަކުދިން ބެލުމަށް އެކަށީގެންވާ ޕްރޮގްރާމްތަކަށެވެ.

ދައުލަތުގެ މީޑިއާގެ ރޭޑިއޯ ސްޓޭޝަން ކަމުގައިވާ ދިވެހިރާއްޖޭގެ އަޑުން މަޢުލޫމާތުދެއްވި ގޮތުން ކޮންމެ ދުވަހެއްގެ ހަވީރު ހަތަރުގަޑި ފަނަރައިން ހަޔެއްޖެހުމާއި ހައަށާއި، އަދި ހުކުރު ހޮނިހިރު މި ދެދުވަހުގެ ހެނދުނުވެސް އެސްޓޭޝަންގެ ޕްރޮގްރާމްތަށް ޚާއްސަ ކުރައްވާފައިވާނީ ކުޑަކުދިންނަށެވެ. ދިވެހިރާއްޖޭގެ އަޑާއި، ޓެލެވިޒަން މޯލްޑިވްސް އިން ގެނެސްދޭ ގިނަ ޕްރޮގްރާމްތައް ކުޑަކުދިން ބަލަން އެކަށޭނެ ގޮތަށް ގެނެސްދޭއިރު، އެޕްރޮގްރާމްތައް އުފައްދާ ޕްރޮޑިއުސަރުންނަކީ ސީދާ ކުޑަކުދިންނަށް ޚާއްސަ ޕްރޮގްރާމް ގެނެސްދިނުމުގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ ބައެކެވެ.

img:http://s2.psmnews.mv/images/660x400/14628849526541.jpg|ދަރިވަރުންތަކެއް ރޭޑިއޯ ޙަބަރު ހުށަހަޅައިދެނީ / ފޮޓޯ: ޕީއެސްއެމް

އަމިއްލަ މީޑިއާތަކަށް ބަލާއިރު، މައިގަނޑު ގޮތެއްގައި ހުރިހާ ތަނަކުންވެސް ހަވީރު ގަޑި ޚާއްސަކޮށްފައި ވަނީ ކުޑަކުދިންނަށެވެ.

ކުޑަކުދިންގެ ޕްރޮގްރާމްތަށް ވާންވާނީ އެކުދިން ބަލާލަން ޝައުގުވެރިވާ ހަމަ އެހެންމެ އޭގެ ސަބަބުން އެކުދިންނަށް ކޮންމެވެސް އިބުރަތެއް ނުވަތަ އިލްމީ ގޮތުން ފައިދާ ލިބޭނެ ޕްރޮގްރާމަކަށެވެ. އެގޮތުން ރާއްޖޭގެ މީޑިއާގެ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެއްކަމުގައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރު އަހުމަދު ހަމްދޫން ވިދާޅުވީ، ކުޑަކުދިންނަށް ގެނެސްދޭ ޕްރޮގްރާމްތައް ވާންވާނީ އެކުދިންގެ އުމުރާއި ގުޅޭ ޕްރޮގްރާމްތަކެއް ކަމަށާއި، މިފަދަ ޕްރޮގްރާމްތައް ގެނެސްދިނުމުގައި އެކުދިންގެ ކަރާމާތް ނުގެއްލޭނޭހެން މީޑިއާތަކުން އަމަލުކުރެއްވުން މުހިއްމުކަމުގައި ހަމްދޫން ވިދާޅުވިއެވެ.

ކުޑަކުދިންގެ ޕްރޮގްރާމްތަށް މިހާރު ގެންނަ ގަޑިތަކާމެދު އެކުދިން ދެކެނީ ކިހިނެތްކަމާއި، ގެނެސްދޭ ޕްރޮގްރާމްތަކާއި ގުޅޭގޮތުން އަޅުގަނޑުމެން ވާހަކަ ދައްކާލި ބައެއް ކުޑަކުދިން ބުނީ، ކާޓޫން ޕްރޮގްރާމްތަކަށް ވުރެ ދީނީ، އަދި ތައުލީމީ ޕްރޮގްރާމްތަށް ގިނަގިނައިން ފެންނަން ބޭނުންވާކަމަށެވެ. އަދި ސްކޫލަތަކުގައި އެކުދިން ކުރިއަށްގެންދާ ބައެއް ކޮންސެޓް އަދި ފެއަރފަދަ ހަރަކާތްތައް ކޮންމެވެސް ސިފައެއްގައި މީޑިއާތަކުން ގެނެސް ދެއްވުމަށް އެކުދިން އެދެއެވެ.

img:http://s2.psmnews.mv/images/660x400/14628850734410.jpg|ރޭޑިއޯ ޙަބަރު ހުށަހެޅުމުގައި ދަރިވަރެއް / ފޮޓޯ: ޕީއެސްއެމް

ބައެއް ބެލެނިވެރިން ބުނީ މިހާރުވެސް ދިވެހި މީޑިއާތަކުން ގެންނަ ޕްރޮގްރާމްތަށް ބަލައިގަންނަކަމަށާއި، އެހެން ނަމަވެސް މުޖުތަމައުގައި އުޅޭ ހުރިހާ ކުދިންނަށް ޕްރޮގްރާމްތަށް ބައްޓަންކުރުން މުހިންމުކަމަށެވެ. އެގޮތުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ކޮންޓެންޓް އުފެއްދުމަށް ބައެއް ބެލެނިވެރިން ވަނީ އިޝާރާތްކުރައްވާފައެވެ.

ކުޑަކުދިންނަށް ޚާއްސަ ކުރެވިގެން ކުރިން ގެނެސްދޭ ޚަބަރު ނުވަތަ ސްކޫލް ޚަބަރު މިހާރު ނުފެންނާކަމާއި، ކުޑަކުދިންގެ ހުނަރު ކުރިއެރުވައި އާންމުންނާއި ހަމައަށް މީޑިއާތަކުން ގެންނަ ނިސްބަތް މިހާރު މަދުކަން އަޅުގަނޑުމެން މަޝްވަރާކޮށްލި ބައެއް ދަރިވަރުންނާއި ބެލެނިވެރިންވެސް ފާހަގަކުރެއެވެ.

ރާއްޖޭގައި ޒަމާނުންސުރެ ކުޑަކުދިންނަށް ޚާއްސަކޮށްގެން ޕްރޮގްރާމްތައް ގެނެސްދޭކަމީ ޙަގީގަތެކެވެ.