ޚަބަރު

ޤައުމީ ބައިތު ބާޒީ މުބާރާތެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުން


މުޅި ރާއްޖޭގައި ޒަމާނީ ފިކުރުގެ ޤައުމީ ބައިތު ބާޒީ މުބާރާތެއް ދިވެހި ބަހުގެ އެކަޑަމީއާއި ގުޅިގެން ބޭވުމަށް ތައްޔާރުވަމުންދާކަން ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމުން އިއުލާންކުރައްވައިފިއެވެ.

މިކަން އިޢުލާން ކުރެއްވީ މިއަހަރުގެ ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައެވެ. އަދި މިފަހަރުގެ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުން އެންމެމޮޅު 15 ދަރިވަރުންނަށް ޕީ.އެސް.އެމްގެ ޗެނަލްތަކުގެ ޕްރޮގްރާމްތައް ޕްރެޒެންޓު ކުރުމާއި، ޕީ.އެސް.އެމްއިން ހިންގަވާ މިފަދަ ޙަރަކާތްތަކުގައި ބައިވެރިކުރުމުގެ ފުރުޞަތުދެއްވަން ކުންފުނިން ވަނީ ނިންމަވާފައެވެ.

ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތް މިއަހަރު ބާއްވާފައިވަނީ، ދިވެހިބަހުގެ އެކަޑަމީއާއި، ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެންނެވެ. ވާހަކަދެއްކުމުގެ ޤައުމީ މުބާރާތާއި، މަޒުމޫނު ލިއުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި ދެ މުބާރާތުގެ އުމުރުފުރާތަކާއި ސްކޫލްތަކުގެ ބައިން ވަނަވަނަ ހޯދި ދަރިވަރުންނަށް އިނާމުދެއްވާފައިވެއެވެ. އެއްވަނަ ހޯދި ފަރާތްތަކަށް އިނާމް ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރްފްވެރި މެހެމާނު ކުރީގެ ރައީސް އަލްއުސްތާޒް މައުމޫނު އަބްދުލްޤައްޔޫމެވެ. އެގޮތުން ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުން 13 އަހަރުން ދަށުގެ އުމުރުފުރާއިން އެއްވަނަ ހޯދާފައިވަނީ އިސްކަންދަރު ސްކޫލްގެ ދަރިވަރު، ފައިޙާ އަޙްމަދު ވަހީދެވެ. 13 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރު ފުރާއިން އެއްވަނަ ހޯދާފައިވަނީ، ތާޖުއްދީން ސްކޫލުގެ ދައިވަރު އަޙްމަދު ނައީމެވެ.

މީގެ އިތުރުން، 16 އަހަރާއި 21 އަހަރާއި ދެމެދުގެ އުމުރުފުރާއިން އެއްވަނަ ހޯދާފައިވަނީ، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ އިސްމާއީލް ލީވާނެވެ. މި މުބާރާތުގެ ސްކޫލްތަކުގެ ބައިން، 13 އަހަރުން ދަށުގެ އުމުރުފުރާގެ އެއްވަނަ ކަލާފާނު ސްކޫލް ހާސިލުކޮށްފައިވާއިރު، 13 އަހަރާއި، 16 އަހަރާއި ދެމެދުގެ އުމުރުފުރާއިން އެއްވަނަ ސްކޫލަކީ، ތާޖުއްދީން ސްކޫލެވެ. ތިންވަނަ އަކީ، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލެވެ.

32 ވަނަ ގައުމީ މަޒުމޫނު ލިޔުމުގެ މުބާރާތުން އެއްވަނަ ހޯދާފައިވަނީ ޖަމާލުއްދީން ސްކޫލެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން، ރައީސް މައުމޫން ވިދާޅުވީ، ކުރީގެ ވާހަކަދެއްކުންތެރިންގެ ވާހަކަދެއްކެވުމާއި ފަހުގެ ވާހަކަދެއްކުންތެރިންގެ ހުށަހެޅުމުގެ ގޮތްތައް މިހާރު ވަރަށް ބޮޑަށް ބަދަލްވެފައިވާކަމަށް ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ މޮޅު ވާހަކަދެއްކުންތެރީންގެ ކިބައިގައި މައުލޫމާތާއި، ވާހަކަދެއްކެވުމުގައި ގެންގުޅޭ ނުފޫޒުގެ އިތުރުން މަޖާޒީ ނުވަތަ ސަމާސަގޮތްގަނޑެއް ހުންނަންވާނެކަމަށް ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނު، މަރުޙޫމް އިބްރާހީމް ޝިހާބުގެ ވާހަކަދެއްކުންތެރިކަމުން މިސާލުނަންގަވާފައިވެއެވެ.

މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ޕަބްލިކް ސާވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުލަތީފް ވިދާޅުވީ، ދިވެހި ބަހުގެ އެކަޑަމީއާއި ގުޅިވަޑައިގެން ދިވެހި ބަހާއި އަދަބިއްޔާތު ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން ކުރިއަށްއޮތް ރަމަޟާން މަސް ނިމުމުން މުޅި ރާއްޖޭގައި ޒަމާނީ ފިކުރުގެ ޤައުމީ ބައިތު ބާޒީ މުބާރާތެއް ފެއްޓެވުމުގެ ތައްޔާރީތައް މިހާރުވަމުންދާކަމުގައި ވިދާޅުވިއެވެ. އިކްރާމް ވިދާޅުވީ، މި މުބާރާތް ކުރިއަށްގެންދާނީ، މީހުން ޝައުގުވެރިވާ ގޮތަކަށް ބަދަލުކުރައްވައިގެންކަމަށެވެ.

ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް ފަދަ މުބާރާތްތައް ދިވެހި ބަހުގެ އެކަޑަމީ އާއި ގުޅިގެން ޕީ.އެސް.އެމް އިން ކުރިއަށްގެންދެވުމުގައި، ހުނަރުވެރި ޕްރެޒެންޓަރުން ހޯދުމަކީ އަމާޒެއްކަން އިކްރާމް ފާހަގަކުރެއްވިއެވެ. އެގޮތުން މިފަހަރުގެ މުބާރާތުގެ އެންމެ މޮޅު 15 ދަރިވަރުންނަށް ޕީއެސް.އެމް ގެ ޕްރޮގްރާމްތައް ޕްރެޒެންޓް ކުރުމާއި، އެހިނިހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުދެއްވާނެކަމަުގައި ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައި އަދަބީ މުބާރާތްތައް މިހާރަށްވުރެ ދަރިވަރުންނާއި ޒުވާނުން ޝައުގުވެރިވާފަދަ ގޮތަކަށް ބައްޓަން ކުރައްވައިގެން ކުރިއަށްގެންދާނެކަން ދިވެހިބަހުގެ އެކަޑަމީންވަނީ މިޖަލްސާގައި ހާމަކުރައްވާފައިވެއެވެ.