ޚަބަރު

ލޭ ހަދިޔާކުރާ މީހުންގެ ދުވަސް: ފަސްޖެހުމެއް ނެތި ލޭހަދިޔާކުރާ މީހުންނަށް ޝުކުރު ޙައްޤު


  • 2023 ވަނަ އަހަރު 9247 މީހުން ވަނީ ލޭ ހަދިޔާކޮށްފައި

  • ލޭ ހަދިޔާކުރުމުން ހާޓް އެޓޭކް ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭ

  • ގަވައިދުން ލޭ ހަދިޔާކުރެވޭނީ ކޮންމެ 3 މަހަކުން 1 ފަހަރު

މިއަދަކީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހެވެ. މި ދުވަސް ބައިނަލްއަޤްވާމީ ފެންވަރުގައި އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ 2004 ވަނަ އަހަރުއެވެ.

ލޭ ހަދިޔާކުރާ މީހުންގެ ދުވަހެއް ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރަން ފެށި ގިނަ ސަބަބުތަކަކާ ހުރެއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ ޑަބްލިޔުއެޗްއޯއިން ބުނާ ގޮތުގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލޭ ބޭނުންވާ ބަލި މީހުންނާއި ކުޑަކުދިންނަށް ލޭ ހަދިޔާކޮށްދޭ ދަރުމަވެރިންނަށް ޝުކުރުއަދާކުރުމާއި އެ މީހުންގެ އަގުވަޒަން ކުރުމެވެ. އަދި ލޭ ހަދިޔާކުރާނެ މީހުން ހޯދުމުގައިހުރި ދަތިކަމާއި ބަލި މީހުންނަށް ލޭ ފޯރުކޮށްދިނުމުގައިހުރި ގޮންޖެހުންތަކުގެ މަތިން ހަނދާންކޮށް، އެ ކަންކަމަށް ހައްލު ހޯދުމަކީވެސް މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމެއްކަމަށް ޑަބްލިޔުއެޗްއޯއިން ބުނެފައިވެއެވެ.

މިއަހަރުގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ ޝިޢާރު ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވަނީ ލޭ ހަދިޔާކުރާ މީހުންނަށް ޝުކުރުއަދާކުރުމުގެ މައްޗަށް ބިނާކޮށެވެ. އެގޮތުން މިއަހަރުގެ ޝިޢާރަކީ "ލޭ ހަދިޔާކުރުން ފާހަގަކުރާތާ 20 އަހަރު: ލޭ ހަދިޔާކުރާ މީހުންނަށް ޝުކުރިއްޔާ!"އެވެ.

ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް ލޭ ބޭނުންވާ ގިނަ ޢަދަދެއްގެ މީހުންނާއި ކުޑަކުދިން އުޅެއެވެ. އެގޮތުން ރާއްޖޭގައި އެންމެ ގިނައީ ލޭ ބޭނުންވާ ތެލެސީމިއާ ކުދިންނެވެ. މޯލްޑިވިއަން ބްލަޑް ސާވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނިޔަލަށް 658 ކުއްޖަކު އަންނަނީ ތެލެސީމިއާއަށް ފަރުވާ ހޯދަމުންނެވެ. މީގެ ތެރެއިން އެމްބީއެސްއިން ފަރުވާ ހޯދަމުން ގެންދަނީ 323 ކުއްޖެކެވެ. އަދި އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން 335 ކުއްޖެއް ދަނީ ފަރުވާ ހޯދަމުންނެވެ.

އެމްބީއެސްގެ ތަފާސްހިސާބަށް ބަލާއިރު 2023 ވަނަ އަހަރުގެ ނިޔަލަށް 9247 މީހުން ލޭ ހަދިޔާކޮށްފައިވެއެވެ. މީގެ ތެރެއިން 57 އިންސައްތަ މީހުންނަކީ ޑައިރެކްޓް ޑޯނަރުން ނުވަތަ ހަމައެކަނި ލޭ ބޭނުންވުމުގެ ސަބަބުން ލޭ ހަދިޔާކުރި މީހުންނެވެ. އަދި 26 އިންސައްތަ މީހުންނަކީ ލޭ
ކޭމްޕުތަކަށް ލޭ ހަދިޔާކުރި މީހުންނެވެ. އަދި މީހަކު ލެޔަށް ނޭދެނީސް އަމިއްލައަށް ލޭ ހަދިޔާކުރީ 5 އިންސައްތަ މީހުންނެވެ. އަދި އެފެރެސިސްގެ ގޮތުގައި 2 އިންސައްތަ މީހުން ލޭ ހަދިޔާކޮށްފާވާއިރު، 10 އިންސައްތައަކީ އެހެނިހެން ގޮތްގޮތުން ލޭ ހަދިޔާކުރި މީހުންނެވެ.

ލޭ ހަދިޔާކުރުމުގެ ފައިދާތައް:

ދުނިޔޭގެ އެހެން ޤައުމުތަކެކޭވެސް އެއްގޮތަށް ރާއްޖޭގައި މީހަކު އެދެމުގެ ކުރިން އަމިއްލައަށް ލޭ ހަދިޔާކުރާ މީހުން މަދެވެ. އެހެންނަމަވެސް އޮންނަ އުޞޫލެއްގެ ދަށުން ލޭ ހަދިޔާކުރުމަކީ ޞިއްޙީ ގޮތުން ގިނަ ފައިދާތަކެއް ކުރާނެ ކަމެކެވެ. އެގޮތުން ލޭ ހަދިޔާކުރުމުން ހާޓް އެޓޭކް ޖެހުމުގެ ފުރުޞަތު ކުޑަ ކޮށްދެއެވެ. އަދި ލޭގައި ހުންނަ މާއްދާއެއްކަމަށްވާ ދަނގަޑުގެ ބައި މާ ގިނަ ނުވަތަ މަދުވިޔަނުދީ މެދު މިންވަރެއްގައި ހިފަހައްޓައިދެއެވެ. ލޭގައި ދަނގަޑުގެ ބައި މާ ގިނަ ވެއްޖެނަމަ ނުރައްކާތެރި ބަލިތަކާ ކުރިމަތިވާނެއެވެ.

ހަމައެއާއެކު ލޭ ހަދިޔާކުރާ މީހުންނަށް ކެންސަރު ޖެހުމުގެ ފުރުޞަތުވެސް ކުޑަކަމަށް ދިރާސާތަކުން
ދައްކައެވެ.

ގަވާއިދުން ލޭ ހަދިޔާ ކުރުން:

ގަވައިދުން ލޭ ހަދިޔާކޮށް އުޅުމަކީ ބައެއް މީހުންގެ އާދައެވެ. އެހެންނަމަވެސް ގަވައިދުން ލޭ ހަދިޔާކުރަން ވާނީ އެކަމަށް ކަނޑައެޅިފައި އޮންނަ ޚާއްސަ އުޞޫލެއްގެ ދަށުންނެވެ.

ލޭ ހަދިޔާ ކުރުމުން މީހާގެ ހަށިގަނޑުގައި ލޭގެ ރަތް ސެލް ހުންނަ މިންވަރު ދައްވެއެވެ. އަދި މި ރަތް ސެލްތައް އަލުން އިޢާދަވާން ގާތްގަނޑަކަށް 60 ދުވަހާއި 90 ދުވަހާ ދެމެދުގެ މުއްދަތެއް ނަގައެވެ. އެ މުއްދަތަށް ބެލުމަށްފަހު ކަނޑައަޅާފަވާ އުސޫލުގެ ދަށުން ގަވައިދުން ލޭ ހަދިޔާ ކުރެވޭނީ ތިން މަހުން ތިން މަހުންނެވެ. ވީމާ ގަވައިދުން ލޭ ހަދިޔާކުރާ މީހަކަށް އެންމެ ގިނަ ވެގެން ލޭ ހަދިޔާކުރެވެނީ ކޮންމެ 3 މަހަކުން 1 ފަހަރުއެވެ. ނަމަވެސް ރަތް ސެލްތައް އިޢާދަވާ މުއްދަތަށް ބަލައި، ލޭ ދިނުމަށްފަހު ބައެއް މީހުން 3 މަހަށްވުރެ ދިގު މުއްދަތަކަށް މަޑުކުރަން ޖެހިދާނެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި ގަވައިދުން ލޭ ހަދިޔާ ކުރުމުން ހަށިގަނޑަށް އޭގެ އެއްވެސް ނުރަނގަޅު އަސަރެއް ނުކުރެއެވެ. ނަމަވެސް ގަވައިދުން ލޭ ހަދިޔާކުރާ މީހުން، އެ މީހުންގެ ޞިއްޙަތު ރަނގަޅަށް ބެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެގޮތުން ރަނގަޅު ކާނާ ކައި ކަސްރަތުކޮށް ދުޅަހެޔޮ ޞިއްޙަތެއްގައި ދަރުމަވެރިން ތިބުމަކީ ވަރަށް މުހިންމު ކަމެކެވެ.

ރާއްޖޭގައި ލޭ ރައްކާކުރުމާއި ލޭ ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް ލެއާގުޅޭ ހުރިހާ ޚިދުމަތެއް ހިމެނޭ ފުލް ފްލެޖްޑް ބްލަޑް ބޭންކު، ރާއްޖޭގެ 5 ސަރަހައްދެއްގައި ޤާއިމްކުރައްވާނެކަމަށް ޞިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ވިދާޅުވެފައެވެ. އަދި މި މަސައްކަތުގެ ދަށުން ބްލަޑް ބޭންކުތައް ޤާއިމްކުރުމަށް ރާއްޖޭގެ 5 ސަރަހައްދެއްގައި ހުރި ހޮސްޕިޓަލުތައް ރިވިއުކޮށް މަޢުލޫމާތު އެއްކޮށްފައިވާކަމަށްވެސް މީގެ ކުރިން ވަޒީރު ވިދާޅުވެފައިވެއެވެ. އަދި މި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މިއަހަރުގެ ތެރޭގައި ކުޅުދުއްފުށި ސިޓީއާއި އައްޑޫ ސިޓީގައި ފުލް ފްލެޖްޑް ބްލަޑް ބޭންކު ޤާއިމްކުރެވޭނެކަމަށް ޞިއްޙީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ފުލް ފްލެޖްޑް ބްލަޑް ބޭންކަކީ ލެއާ ގުޅުންހުރި ހުރިހާ ޚިދުމަތެއް ހިމެނޭ ލޭގެ ލެބޯޓަރީއެކެވެ. މިފަދަ ލެބޯޓަރީތަކުގައި ލޭ ރައްކާކުރުމުގެ އިތުރަށް ލޭ ޓެސްޓްކޮށް، ޕްރޮސަސްކޮށް، ތަފާތު ބާވަތްތަކުގެ ލޭ ވަކިކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ.