މާވަރުލު އެއަރޕޯޓުގެ އޮޕަރޭޝަން ފުރިހަމަ ގޮތުގައި ދިނުމަށް ބޭނުންވާ ވަސީލަތްތައް މިހާރު ޤާއިމުކޮށް ނިމިފައިވާކަމަށް ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ.
2020 ވަނަ އަހަރު ނިންމާ އޮޕަރޭޝަނަށް ގެނެސްފައިވާ މާވަރުލު އެއަރޕޯޓުގައި، ބައެއް މުހިއްމު ޚިދުމަތް ޤައިމުވެފައި ނެތުމާއެކު ޚިދުމަތް ހަރުދަނާކުރުމަށް މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު މުބީން ވިދާޅުވީ، މާވަރުލު އެއަރޕޯޓަކީ ވަރަށް ފަހުން ހުޅުވި އެއަރޕޯޓެއް ނަމަވެސް އެތަނުން ލިބެންޖެހޭ ބައެއް ޚިދުމަތްތައް މިވީ މުއްދަތުގެ ތެރޭގައި ޤާއިމުވެފައި ނެތްކަމަށެވެ.
އެގޮތުން ކަރަންޓުގެ ޚިދުމަތާއި، ރާއްޖޭގައި މިހާރު އޮތް ޤައުމީ އެމްބިއުލާންސްގެ ނިޒާމުގެ ތެރެއިން އެއަރޕޯޓުގައި ލިބިދޭންޖެހޭ އެމްބިއުލާންސްގެ ޚިދުމަތް ދިނުން ފަދަ ކަންތައްތައް މިހާރު ތަރުތީބުކޮށްފައިވާކަމަށް މުބީން ވިދާޅުވިއެވެ.
"މާވަރުލު އެއަރޕޯޓު ޚިދުމަތް ފެށިގެން މިވީ ދުވަސްކޮޅެއް. އެތަންވެސް ފެށިއިރު ނެތް ބައެއް ޚިދުމަތްތައް. ކަރަންޓު މައްސަލަވެސް ޖެހޭ، އެހެންވެ ކަރަންޓު އަޕްގްރޭޑް ކުރުމަށް އިތުރު ޖެންސެޓުވެސް ގެންގޮސްގެން އެ މަސައްކަތްވެސް މިވީ މުއްދަތުގައިކޮށްފި. އަދި ވަކިން އޮންނަ ރަށެއްވީމަ، އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށް ބޭނުންވާ އެމްބިއުލާންސްވެސް މިހާރުވަނީ ގެންގޮސްފައި." މުބީން ވިދާޅުވިއެވެ.
މާވަރުލަކީ މުޅިން އަލަށް ޚިދުމަތް ފަށާފައިވާ އެއަރޕޯޓެކެވެ. އެހެންކަމުން ވަކިން އޮންނަ މާވަރުލަކީ ދަތުރުވެރިންނަށް ހިތްފަސޭހަ ތަނަކަށް ހެދުމަށްވެސް ރީޖަނަލް އެއަރޕޯޓްސްއިންދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެތަނުގައި ހިންގާ ކެފޭ އަދި ރެސްޓޯރެންޓަކީވެސް ރަނގަޅު ފެންވަރެއްގައި ޚިދުމަތްދެވޭ ތަނަކަށް ހެދުމަށްވެސްދަނީ މަސައްކަތްކުރަމުންނެވެ. މީގެއިތުރުން މުވައްޒަފުންގެ ފެރީގެ ޚިދުމަތްވެސް ރަނގަޅުކުރުމަށްދަނީ މަސައްކަތް ކުރަމުންނެވެ.
މާވަރުލު އެއަރޕޯޓުގެ މަސައްކަތް ނިންމާ ބޭނުންކުރަން ފެށީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. އެމްޓީސީސީއާއި ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މިމަޝްރޫޢު ކުރިއަށްގެންގޮސްފައިވަނީ 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެތެރޭގެ އުދުހުންތަކަށް ޚާއްސަ މާވަރުލު އެއަރޕޯޓުގައި 1200 ދިގު ރަންވޭއެއްވަނީ ތަރައްޤީކޮށްފައެވެ. މާވަރުލު އެއަރޕޯޓަށް ޝޭޑިއުލް ދަތުރުތައް ކުރަމުންދަނީ ބުރާސްފަތި އަދި ހޮނިހިރު ދުވަހުގައެވެ.