ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ފްރާންސާއި ޕޮލެންޑް ބައްދަލުކުރާއިރު ދެ ޓީމަށް ވެސް އެއް ކަމެއް ވަނީ ޔަގީން ކުރެވިފަ އެވެ. ޕޮލެންޑަށް މުބާރާތުގެ ގަދަ 16 އަކަށް ނުދެވޭނެ އެވެ. ފްރާންސް މެޗަށް ނުކުންނަނީ މުބާރާތުގެ ދެ ވަނަ ބުރު ޔަގީންކޮށްގެންތިބެ އެވެ.
ޕޮލެންޑްގެ ތަޖުރިބާކާރު ކެޕްޓަން އަދި ފޯވަޑް ރޮބަޓް ލެވޮންޑޯސްކީ އޭނާގެ ކުރީގެ ޓީމު ކަމަށްވާ ބޮރޫޝިޔާ ޑޯޓްމުންޑްގެ ދަނޑަށް ނުކުންނައިރު ވިސްނަނީ އެންމެ ކަމަކަށެވެ. ގައުމީ ޓީމަށް ކުޅުމަކީ ޝަރަފަކަށްވުމުން، ރަނގަޅު މެޗެއް ނިންމާލުމަށެވެ. ބަލިނުވެ ފަރުޖައްސާލުމަށެވެ. 1982 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ތިން ވަނަ ހޮވި މެޗުގައި ފްރާންސް އަތުން މޮޅުވި ފަހުން، ވާދަވެރި މެޗެއްގައި އެފަދަ މޮޅެއް ލިބިފައިނުވާތީވެ، މި މެޗުން ލަދުވެތިކަން ބޮޑުނުވެ ނިންމާލުމަށެވެ.
މިއާ ހިލާފަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯން ވިސްނުން ހުރީ މައިގަނޑު ދެ ކަމަކަށެވެ. އެންމެ ފުރަތަމަ ކަމަކީ ކެޕްޓަން އަދި ޓީމުގެ އެންމެ ނުރައްކާތެރި ފޯވަޑް ކީލިއަމް އެމްބާޕޭ އެވެ. އޮސްޓްރިއާ މެޗުގައި އޭނާގެ ނޭފަތް ހަލާކުވި ނަމަވެސް ރައްކާތެރި މޫނުމައްޗަކާއެކު އޭނާ ވަނީ ޕްރެކްޓިހުގައި ދެ ގޯލު ޖަހައި އިތުރު ދެ ގޯލު ޖަހަން މަގުފަހިކޮށްދީފަ އެވެ. މާސްކް އަޅައިގެން ކުޅެވޭނެކަން އެމްބާޕޭ ކޯޗަށް ސާބިތުކޮށްދީފައިވީ ނަމަވެސް ޑެޝޯންގެ ވިސްނުން ތަފާތެވެ. އެމްބާޕޭ ކިތަންމެ ކުޅެން ބޭނުންވި ނަމަވެސް މިރޭގެ މެޗުގައި އޭނާ ލައްވައި ކުޅުވުމަކީ ޑެޝޯނަށް ދެކޭ ގޮތުގައި މަޖުބޫރުކަމެއްނޫނެވެ. އެއަށްވުރެ މުބާރާތުގައި ކުރިއަށްހުރި އެންމެ މުހިންމު މެޗުތަކަށް އެމްބާޕޭ ފިޓްކޮށް ބެހެއްޓުމަކީ ޑެޝޯން ދެކޭގޮތުގައި އޭނާ ކޮންމެކުރަންޖެހޭ ގައުމީ ވާޖިބެކެވެ. އަނެއްކޮޅުން ފްރާންސަށް މިރޭގެ މެޗު މުހިންމުވަނީ މުޅިން އެހެން ވިސްނުމަކުންނެވެ. އެއީ މި ގްރޫޕުގެ ކުރި ހޯދާ ޓީމަށް ޕޯޗުގަލް ހިމެނޭ ގްރޫޕުގެ ދެ ވަނަ ޓީމާ ވާދަކުރަންޖެހޭތީ އެވެ. މުބާރާތުގެ ދެ ވަނަ ބުރުގައި ޕޯޗުގަލްފަދަ ޓީމަކާ ކުޅެން ފްރާންސް ވެސް އެހެން ޓީމަކުންވެސް ބޭނުމެއްނުވާނެ އެވެ. ނަމަވެސް މިއީ ފްރާންސް އަތުގައި އޮތް ބާރަކަށްނުވާތީވެ އެކަމާ އެހާ ބޮޑަށް ބޯގާނަން ކޯޗު ބޭނުމެއްނުވެ އެވެ.
ފްރާންސްގެ ޓީމު މި މުބާރާތުގައި ދައްކަމުން އަންނަ ކުޅުމަކީ ހަމައެކަނި ސަޕޯޓަރުން ކަންބޮޑުވާކަމެއްނޫނެވެ. ކޯޗު ޑެޝޯންގެ އެންމެ ބޮޑު ނުތަނަވަސްކަމަކީ އޭނާގެ ފޯވަޑުން ގޯލް ނުޖަހާތީ އެވެ. އެމްބާޕޭ ހުރެގެންނާއި ނެތި ކުޅެގެން ވެސް ފްރާންސަށް މިހާތަނަށް މުބާރާތުގައި ޖެހިފައިވަނީ އެންމެ އެންމެ ގޯލެކެވެ. އެވެސް އޮސްޓްރިއާގެ މެކްސިމިލާން ވޮބާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިކަން ރަނގަޅު ކޮށްގެން މެނުނީ ޑެޝޯންގެ ކެޕްޓަންކަމުގައި 2000 ވަނަ އަހަރު ހޯދި ތަށި އަލުން އަނބުރާ ޕެރިހަށް ގެންދިއުމަކީ ވުން ދަތިކަމަށްވާނެ އެވެ.
2018 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ތަށި ހޯދައި އޭގެ ހަތަރު އަހަރު ފަހުން ކުޅުނު ވޯލްޑްކަޕުގެ ފައިނަލަށް ދަތުރުކޮށް، ނޭޝަންސް ލީގުގެ ފައިނަލަށް ފްރާންސް ދަތުރުކުރި މައިގަނޑު ސަބަބަކީ ޓީމުގެ ފޯވަޑް ލައިނެވެ. ގިނަ ގޯލުތަކެއްޖެހުމެވެ. ނަމަވެސް މި ފަހަކަށް އައިސް ހުރިހާ ފޯވަޑުންގެ ފޯމު ކަޓާފައި ތިބުމަކީ ކޯޗުގެ އިތުރުން ކުޅުންތެރިން ވެސް ކަންބޮޑުވާ ކަމެކެވެ.
ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ފޯވަޑް އޮލީވިއާ ޖީރޫޑް ވެސް ބުނީ ހަމަލާދިނުމުގެ ތޫނުފިލިކަން ޓީމުގައި ކުޑަވެއްޖެކަމަށާއި ނަމަވެސް މިއީ ގޮތްހުސްވެ، ކަންބޮޑުވާންޖެހޭ ހިސާބަށް ގޮސްފައިވާ ކަމެއްނޫން ކަމަށެވެ. ފްރާންސްގައި މޮޅު ފޯވަޑުން އެބަތިބި ކަމަށާއި އެކަކަށް ނަތީޖާ ނުރެވިދާނެނަމަ އެކަން ކުރާނެ މޮޅު އެހެން ކުޅުންތެރިން ޓީމުގައި އެބަތިބި ކަމަށެވެ. އޭނާ އިޝާރާތް އެކުރީ މިފަހަރުގެ މުބާރާތުގައި ފުރަތަމަ 11އިން ޖާގަ ނުލިބޭ ވާހަކައަށެވެ. ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 135 މެޗުގައި 57 ޖަހައިގެން ރެކޯޑް ހަދާފައިވާ ފޯވަޑަކު ބެންޗުގައި ބައިންދައިގެން ފާރުގަނޑަށް ބޭސް ނުކުރެވޭނެ ވާހަކަ އެވެ. މިހެންވެ މިރޭ އެންމެ ކުރިއަށް ކުޅެން ހަނިފުރުސަތެއް ލިބުނަސް ޖީރޫޑް ބޭނުންހިފާނެ އެވެ. އޭނާގެ އުމުރުން 37 އަހަރުވި ނަމަވެސް ޒުވާން ފޯވަޑުންނަށް ނުކުރެވިދާ ކޮންމެ ކަމެއްގައި އަދިވެސް އޭނާގެ ބޭނުން ކުރެވިދާނެކަން ސަޕޯޓަރުންނަށް ސާބިރުކޮށްދޭން އޭނާ ހުރީ ތައްޔާރަށެވެ.