 
										
			އޮޕަރޭޝަން ކުރަނގި މުޅި ރާއްޖެއަށް ފުޅާކުރުމަށް ޚާއްސަ މަސައްކަތް މިމަހު ފަށްޓަވާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.  މި މަސައްކަތް މިމަހުގެ 18ގައި ފެށުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. 
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭނީންގެ މައްސަލަ ޙައްލުކުރުމަށް އޮޕަރޭޝަން ކުރަނގި ނަމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން އަންނަނީ އޮޕަރޭޝަނެއް ހިންގަމުންނެވެ. ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި ކ. ހިންމަފުށި އަދި މާފުށީގައި މިމަސައްކަތް މިހާރުވަނީ ކުރިއަށްގެންގޮސްފައެވެ. މިތަޖުރިބާއަށް ބެލުމަށްފަހު މިއީ ވަކި ވަކި ރަށްރަށުގައި ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން އެކަނި ކުރެވޭނެކަމަކަށް ނުވާތީ، މިކަމުގައި ރަށްރަށުގެ ކައުންސިލްތަކާއި ފުލުހުންނާއި ޑީއެންއާރް ގުޅިގެން މަސައްކަތް ކުރެވޭނެ މަގުފަހިކުރުމަށް އެވުޒާރާއިންދަނީ މަސައްކަތް ކުރަމުންނެވެ. 
މި އޮޕަރޭޝަނާއި ގުޅޭ މަޢުލޫމާތު ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރުގެ ނައިބު އަޝްރަފް މުޙައްމަދު ޢަލީ ވިދާޅުވީ، މިޕްރޮގްރާމް މުޅި ރާއްޖެއަށް ފުޅާކުރުމަށް މިހާރު ތައްޔާރުވަމުންދާކަމަށެވެ. އެގޮތުން މިމަހުގެ 18 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލްތަކަށް ޚާއްސަ ތަމްރީންތަކެއް ދިނުމަށް ނިންމާފައިވާކަމަށް އަޝްރަފް ވިދާޅުވިއެވެ. އަދި މިމަސައްކަތް ކުރުމަށް ޤާއިމުކުރަންޖެހޭ ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަން އަޝްރަފް ފާހަގަކުރެއްވިއެވެ. 
"ބިދޭސީންގެ މަޢުލޫމާތު އެއްކޮށް ބަޔޯ މެޓްރިކް މަޢުލޫމާތު ރައްކާކުރެވޭނެ ޑިވައިސްތައް މިހާރު އަޅުގަނޑުމެން އަތުގައި އެބަހުރި ހަމަ ދެވޭނެ ވަރަށް. އަދި މިކަމުގެ ޕޯޓަލް ބޭނުންކުރާނެ ގޮތާއި އަދާހަމަކުރާނެ ގޮތްތައް ތަމްރީންގެ ތެރެއިން ބުނެދިނުމުން ކައުންސިލްތަކާއި ފުލުހުން ގުޅިގެން މިމަސައްކަތް ރަށްރަށުގައި ކުރާނީ.  އަދި އެކަމުގައި ބޭނުންވާނެ އެހީތެރިކަން ދޭން ވުޒަރާ އޮންނާނީ ތައްޔާރަށް." އަޝްރަފް ވިދާޅުވިއެވެ. 
		
 
										
			މީގެ ޕައިލެޓް ޕްރޮގްރާމުން ލިބުނު ތަޖުރިބާއަށް ބަލާއިރު ވަކި ވަކި ރަށްރަށުގައި މިކަން ކުރާނަމަ ބިދޭސީން މިނިޒާމުގެ ތެރެއަށް ނުވަދެ އެހެން ރަށްތަކަށް ދިޔުމުގެ ފުރުސަތު ބޮޑުކަން އަޝްރަފް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެއްފަހަރާ ހުރިހާ ރަށެއްގައި މަސައްކަތް ފެށުމުން މިނިޒާމަށް ނުވަދެ ތިބި ބިދޭސީން ނުތިބޭނެކަމަށާއި، ފުލުހުންނާއި ކައުންސިލްތައް މިކަމުގައި ބައިވެރިކުރުވުމުން ކުދި އާބާދީތަކުގައި މިމައްސަލަ އަވަހަށް ޙައްލުވާނެކަމަށް އަޝްރަފް ވިދާޅުވިއެވެ. 
އަޝްރަފް ވިދާޅުވީ މިއީ ބިދޭސީންނަށް ފިޔަވަޅު އެޅުމަށް ހިންގާ ޕްރޮގްރާމެއް ނޫންކަމަށެވެ. ރާއްޖެއަށް އައިސް އެތައް އަހަރެއްވެފައިވާ މީހުންގެ އެއްވެސް މަޢުލޫމާތެއް ނެތި ތިބި ގިނަ ޢަދަދެއްގެ ބިދޭސީން ތިބިކަން އޭނާ ފާހަގަކުރައްވާ އަޝްރަފް ވިދާޅުވީ، މަޢުލޫމާތު އަދާހަމަކޮށް ނިޒާމުގެ ތެރެއަށް ވެއްދުމަކީ ކުށްކުރުމާއި އެމީހުންގެ ޙައްގުތައް ރައްކާތެރިކުރުމަށްވެސް ލިބޭ ބާރެއްކަމަށެވެ.
ރާއްޖޭގައި އޮތް ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް ޒަމާނީ ވަޞީލަތްތަކުގެ އެހީގައި އެމީހުންގެ މަޢުލޫމާތު އަދާހަމަކޮށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މީގެ އިތުރުން ގަވައިދާ އެއްގޮތަށް ކޮންމެ ބިދޭސީއަކަށް ޒިންމާވާނެ މީހަކު ކަށަވަރުކޮށް ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމުގެ ބޮޑު އޮޕަރޭޝަނެއް މިހާރުވަނީ ފަށާފައެވެ.