ރަށްރަށުގައި ސޯލާ ހަކަތަ ޖެހުމަށް މިހާރު ކަނޑައަޅާފައި އޮންނަ ލިމިޓަށް ޙައްލެއް ހޯދައިދެއްވާނެކަމަށް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެދަށުން ކ.ހިންމަފުށީގެ މަގުތަކުގައި ސޯލާ މަގު ބައްތި ޖެހުމުގެ މަސައްކަތް ނިންމާ ޚިދުމަތް ފެށުމަށްޓަކައި އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުން އަބަދުވެސް އިސްކަންދެނީ ކައުންސިލްތަކަށް ލުއިގޮތްތައް ހޯދައިދިނުމަށްކަމަށެވެ. އެގޮތުން ކައުންސިލްތަކުގައި ހުރި ދަތިތައް ސަރުކާރުން ބަލަމުންދާކަމަށާއި، އެދަތިތައް ނައްތާލާ ކައުންސިލްތައް ބާރުވެރިކުރުމަށް ބޭނުންވާ ބާރުތައް ދޫކޮށްލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. ވަޒީރު ވިދާޅުވީ އެންމެ އިސްކަމެއް ދެއްވަނީ ރައްޔިތުން ބޭނުންވާފަދަ ޚިދުމަތެއް ކައުންސިލްތަކުން ދެވޭނެ މަގު، ކައުންސިލްތަކަށް ފަހިކޮށްދިނުމަށްކަމަށެވެ.
Grateful to the Chinese government @ChinaEmbassy_MV, @China_Amb_Mdv for the generous donation of 165 solar street lights to K. Himmafushi. Such support is a significant boost to our sustainability efforts, and it is a testament to the strengthening ties between our two nations.… pic.twitter.com/H1GiNWfUDa
— Adam Shareef Umar (@Adamshareefz) July 8, 2024
މީގެއިތުރުން ކައުންސިލްތައް ހިންގުމުގެ ޚަރަދު ކުޑަކޮށް، ކައުންސިލްތަކަށް އިތުރު މާލީ މަންފާ ލިބޭނެ ގޮތްތަކަށް ސިޔާސަތުތައް ބައްޓަންކުރަމުންދާކަމަށްވެސް އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު ވިދާޅުވިއެވެ. އެގޮތުން ރަށްރަށުގައި ސޯލާ ޖެހުމަށް އޮތް ލިމިޓު އިތުރުކޮށްދެއްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
''ހިންމަފުށި ކައުންސިލް ފާހަގަކުރިގޮތަށް މިހާރު ރަށްރަށުގައި ސޯލާޖެހެނީ ވަަކި ލިމިޓަކަށް. ބައެއް ރަށްތަކުގައި ލިމިޓް ހަމަވެ، އިތުރަށް ސޯލާގެ ހުއްދަ ދޫނުކުރެވި އެބަހުރި. މިކަމަށް ޙައްލެއް ގެނެސްދޭނަން.'' ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.
އާދަމް ޝަރީފް ވަނީ ރަށު ފެންވަރުގައާއި ޤައުމީ ފެންވަރުގެ މަޝްރޫޢުތައް ހިންގުމަށް ޗައިނާ ސަރުކާރުން ދޭ އެހީތެރިކަން ފާހަގަކުރައްވާފައެވެ.
މި ފަސްއަހަރު ނިމިގެންދާއިރު، ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ ތިންބައިކުޅަ އެއްބައި ނުވަތަ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ސަރުކާރުގެ ޢަމާޒެވެ.
ހިންމަފުށީގައި ސޯލާ މަގު ބައްތި ޖެހުމުގެ މަސައްކަތުގެދަށުން 165 ބައްތި ވަނީ ޖަހާފައެވެ. މިއީ %100 އިރުގެ އަލި ބޭނުންކޮށްގެން އުފައްދާ ކަރަންޓުން ދިއްލާ މަގުބައްތިތަކެވެ.
މި މަސައްކަތާއި ގުޅޭގޮތުން ހިންމަފުށި ކައުންސިލްގެ ރައީސް ހަސަން ފާއިޒު ވިދާޅުވީ މި މަޝްރޫޢުއާއެކު، މަގު ބައްތިތައް ދިއްލުމަށް ކައުންސިލުން ކުރަމުން އައި ހޭދައަށް ބޮޑު ލުޔެއް ލިބޭނެކަމަށެވެ.
''ވަރަށް ގިނަ ފައިދާތައް އެބަ ލިބޭ. މަގު ބައްތި ދިއްލަން ކަރަންޓު ބިލުން މަހަކު 80000-100000 ރުފިޔާ މިއާއެކު އެބަ ސަލާމަތްވޭ. ޚަރަދެއް ނުގޮސް ރަށް ދިއްލާލެވޭކަމީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް.'' ހިންމަފުށީ ކައުންސިލްގެ ރައީސް ޙަސަން ފާއިޒު ވިދާޅުވިއެވެ.
މަގު ބައްތިތައް ޖަހާ ނިމި، ޚިދުމަތް ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލިޒިންވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. އެކަމަނާ ވިދާޅުވީ، މި އެހީއަކީ ޗައިނާގެ ޔުނާން ޕްރޮވިންސްގެ އެހީއެއްކަމަށެވެ. ކުދި އާބަދީތަކުގެ ކުރިއެރުމަށް ބޭނުންވާ، ޒަމާނަށް ފެތޭ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދިނުމުގައި ޗައިނާއިން އަބަދުވެސް އެހީތެރިކަން ދޭނެކަމަށް ސަފީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ޤައުމުން އެއްބަސްވިގޮތަށް އިތުރު ގިނަ އެހީތައް ރާއްޖެއަށް ލިބޭނެކަން ސަފީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
''މިއީ ރާއްޖެއިން ތިމާވެށްޓާ ރައްޓެހިގޮތްތަށް އަށަގެންނެވުމަށް ކުރަމުންދާ މަސައްކަތްވެސް ދެވޭ އެހީއެއް. ގުޅުންބަދަހިކުރުމުގެ މަސައްކަތުގެދަށުން ޗައިނާގެ އެކި ޕްރޮވިންސްތަކުގެ އެހީތައް ރާއްޖެއަށް ލިބޭނެ.'' ޗައިނާއަށް ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލިޒިން ވިދާޅުވިއެވެ.
ހިންމަފުށީގައި ޖަހާފައިވާ ސޯލާ ބައްތިތަކަކީ އެންމެ ޒަމަނީ ލައިޓްތަކެކެވެ. ލައިޓްތައް ޖަހާފައިވަނީ ރަށަށް އިތުރު ފުރިހަމަކަމަކަށް ހިތްގައިމުކަމެއް ލިބޭގޮތަށެވެ. މި މަޝްރޫޢު ނިމި އޭގެ ހިތްހަމަޖެހުން ފުރިހަމައަށް ލިބިގަންނަކަމަށް ހިންމަފުށި ކައުންސިލުން ވަނީ ވިދާޅުވެފައެވެ.