ޚަބަރު

އިސްލާމީ ޔުނިވާސިޓީއަށް ހުޅުމާލެއިން 35،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިދީފި


  • އައިޔޫއެމްގެ އަމާޒު ރާއްޖެއިން ބޭރުން ދަރިވަރުން ގެނައުމަށް

އިސްލާމީ ޔުނިވާސިޓީ ޤާއިމްކުރުމަށް ހުޅުމާލެއިން 35،000 އަކަފޫޓުގެ ބިމެއް ސަރުކާރުން ހަމަޖައްސައިދެއްވާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އެ ޔުނިވާސިޓީއަށް 45 އަހަރު ފުރުމުގެ ޙަފްލާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖޭގެ ފުރަތަމަ އިސްލާމީ ޔުނިވާސިޓީއަކީ މީގެ 45 އަހަަރު ކުރިން މައުޙަދުއް ދިރާސާތުލް އިސްލާމިއްޔާގެ ނަމުގައި އަރަބި ބަހުން ތަޢުލީމު އުނގަންނައި ދިނުމަށް ހުޅުވި މަރުކަޒެކެވެ.އެތަނުގެ މައި ޢިމާރާތަކީ 2013ވަނަ އަހަރު ކުރީގެ ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާގެ ނިޒާމީ ބައިގެ ސްކޫލްކުދިންނަށް ކިޔަވައިދިނުމަށް ހަދާފާއިވާ އިމާރާތެކެވެ. އެތަން 2015 ވަނަ އަހަރު ޔުނިވަރސިޓީއަކަށް ބަދަލުކޮށް އަންނަނީ ފުޅާދާއިރާއެއްގައި މަތީ ތަޢުލީމް ފޯރުކޮށްދެމުންނެވެ.

އައިޔޫއެމްގެ އަހަރީ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި އިސްލާމިކް ޔުނިވާރސިޓީ އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމަށް ވަރަށް ބޮޑަށް އިސްކަން ދެއްވާކަމަށެވެ.

އިސްލާމިކް ޔުނިވާސިޓީއަކީ ވަރަށް މުހިއްމު މުއައްސަސާއެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ދައުލަތުގެ ކަންކަން ނިންމުމުގައި އިސްލާމިކް ޔުނިވާސިޓީން ކިޔެވި ދަރިވަރުން އިސް ސަފުގައި ހަރަކާތްތެރިވާތަން ފެންނަކަމަށެވެ. ⁠އިސްލާމިކް ޔުނިވާސިޓީ ނުވަތަ މައުހަދު ޤާއިމްވެގެން ދިޔަކަން އެއީ ދިވެހިންނަށް ލިބިގެންދިޔަ ވަރަށް އަގުހުރި ފުރުސަތެއްކަމަށާއި، އެއީ ދިވެހިރާއްޖޭގެ އިސްލާމީ ސަޤާފަތް ދެމެހެއްޓުމާއި ނެގެހެއްޓުމަށް އެޅިގެންދިޔަ ވަރަށް ރަނގަޅު ފިޔަވަޅެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

⁠އައިޔޫއެމަށް އޮތީ ވަރަށް އުޖާލާ މުސްތަޤްބަލެއްކަން ސިފަކުރައްވާ ވަޒީރު ވަނީ އެންމެ އުއްމީދު ކުރާ ދުވަހަކީ އައިޔޫއެމްއަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ އިސްލާމިކް ޔުނިވާސިޓީއަކަށް ވެގެންދާ ދުވަސްކަމަށް ވިދާޅުވެފައެވެ.

⁠ރާއްޖޭގައި އިސްލާމީ ޙިދާޔަތު ދަމަހައްޓަން އިސްލާމީ ޔުނިވާސިޓީއަކީ މުހިއްމު މުއައްސަސާއެއްކަން ފާހަގަކުރައްވާ ވަޒީރު ވަނީ ⁠އައިޔޫއެމްގެ ކުރިއެރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދޭން ޖެހޭ އެންމެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި، އެ ޔުނިވަރސިޓީ ހިންގުމަށް އެކަށީގެންވާ އާ އިމާރާތެއް އެޅުމަކީ ސަރުކާރުގެ އަމާޒެއްކަމަށާއި، އެކަމަށްޓަކައި 35،000 އަކަފޫޓްގެ ބިމެއް މިހާރު ހުޅުމާލެއިން ހަމަޖައްސަވާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.