ޚަބަރު

ރިސޯޓުތަކުން ކުނި އުކާލުމުގެ ޚިދުމަތް ވެމްކޯއިން ފަށަނީ


  • މި ޕްރޮޖެކްޓް ޕައިލެޓްކުރަނީ ޒޯން 2ގެ އަތޮޅުތަކުގައި

  • 3 އަތޮޅުގައި މިމަހު ޚިދުމަތް ފަށާނެ

ވެމްކޯގެ ކުނި އުކާލުމުގެ ޚިދުމަތް ރިސޯޓްތަކަށް ދިނުމަށް، އެމަސައްކަތުގެ ޕައިލެޓް ޕްރޮޖެކްޓު މިމަހު 3 އަތޮޅެއްގައި ފަށާނެކަމަށް ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އެވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުކުރުރެއްވުމުގައެވެ.

ވަޒީރު ވިދާޅުވީ ބައެއް ރިސޯޓްތަކުން ކުނި މެނޭޖުކުރުމުގެ ކަންކަން އެންމެ ރަނގަޅަށް ތަންފީޒުކުރަމުން ނުދާކަމަށެވެ. މި މައްސަލަ ބޮޑަށް ކުރިމަތިވަނީ ރިސޯޓްތަކުން ކުނި އުކާލަށް ހަވާލުކުރާ ކޮންޓްރެކްޓަރު، މޫދަށް ކުނި އެޅުން ނުވަތަ ޓްރާންސްފަރ ސްޓޭޝަނާ ހަމައަށް އެކަށީގެންގޮތުގައި އެ ކުނިތައް ނުގެންދާތީކަމަށް ވަޒީރު ވިދާޅުވިއެވެ.

ޚާއްސަކޮށް ބައެއް ރިސޯޓްތަށް ކައިރީ އޮންނަ ރަށްރަށުގެ ގޮނޑުދޮށަށް ކުނި ލައްގާ މައްސަލައަކީ ކައުންސިލްތަކުން ހުށައަޅާ ވަރަށް ބޮޑު ޝަކުވާއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ބައެއް ރިސޯޓުތަކުން ބޭރުކުރާ ކުނި މީހުން ދިރިއުޅޭ ރަށްރަށަށް އެރުވުމާއި، މިގޮތަށް ގޮނޑުދޮށަށް ލައްގާ ކުނި ނައްތާލުމަށްވެސް ކައުންސިލްތަކުން ޒިންމާ ވާންޖެހޭތީ، އެ ކަމަކީ ކައުންސިލްތަކުން ކޮންމެން ޙައްލު ހޯދަން ބޭނުންވާ މައްސަލައެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

"މިކަން ގިނަފަހަރަށް ކުރަނީ ސީދާ ރިސޯޓަކުން ނޫން. ރިސޯޓުން ކުނި ބޭރުކުރަން ކޮންޓްރެކްޓަރަކާ އެބަ ހަވާލުކުރޭ. މިގޮތަށް ކޮންޓްރެކްޓަރު ކުނި ގެންދާއިރު މޫދަށް އޭގެއިން ބައެއް އުކާލެވޭތަން އާދޭ." ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.

ޠާރިޤް ވިދާޅުވީ ރިސޯޓްތަކުން ކުނި މެނޭޖުކުރުމަށް އޮތް ދަތިތަކާ ގުޅޭގޮތުން ތިމާވެށްޓާ ބެހޭ ވުޒާރާއާއި ވެމްކޯ އަދި ރިސޯޓްތަކާއެކުވެސް މަޝްވަރާކޮށްފައިވާކަމަށެވެ. އެއަށްފަހު މިހާރު ނިންމާފައިވަނީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ޒޯން 2 ގެ 3 އަތޮޅުގައި ފުރަތަމަ މި މަސައްކަތް ފެށުމަށްކަމަށް ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ. އަދި ތަޖުރިބާގެ ނަތީޖާއަށް ބަލާ، ޚިދުމަތް އިތުރާ ފުޅާކުރުމަށް ވަނީ ހަމަޖެހިފައިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އަޖުމަބެލުމުގެ މަސައްކަތްތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެތެރޭގައި ފަށާނަން. އެއީ ރ، ބ އަދި ޅ އަތޮޅުގެ ރިސޯޓްތަކަށް. ނަތީޖާއަށް ބަލާ އިތުރު ސަރަޙައްދުތަކަށް ފުޅާކުރާނަން." ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޒިންމާދާރުކަމާއެކު މި ޚިދުމަތް ދޭން ފެށުމުން، ކުނި މެނޭޖުކުރުމުގެ ޤަވައިދުތަކާ އުސޫލުތައްވެސް ފުރިހަމައަށް ތަންފީޒުކުރެވޭނެކަމަށެވެ. ރިސޯޓުތަކުން ކުނި މެނޭޖުކުރުމުގެ އުސޫލުތަކާ ޚިލާފުވާނަމަ، އޮންނަ އުސޫލުން ނަސޭހަތްދީ އަދި ޙައްލުނުކޮށްފިނަމަ ފިޔަވަޅު އަޅަނެކަމަށް ތިމާވެށްޓާ ބެހޭ ވަޒީރު ވިދާޅުވިއެވެ.