ޚަބަރު

އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ރާއްޖެއިން އިތުރު ޙައްލުތަކެއް ހޯދަންޖެހޭ: ކްލައިމެޓް އެންވޯއި


  • ހަކަތަ އުފެއްދުމަށް ސޯލާޕެނަލް ހަރުކުރުމަކީ ދެމެހެއްޓެނިވި ޙައްލެއް ނޫން

  • އިތުރު ދާއިރާތަކުން ޙަކަތަ އުފެއްދުމަށް ވިސްނަންޖެހޭ

އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ރާއްޖެއިން އިތުރު ޙައްލުތަކެއް ހޯދަންޖެހޭކަމަށް ސްޕެޝަލް އެންވޮއި ފޯރ ކްލައިމެޓް ޗޭންޖް ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ ކޮންފަރެންސެއްކަމުގައިވާ "ސަސްޓެއިނަބަލް މެޓީރިއަލްސް އެންޑް އެޑްވާންސެސް އިން ރިނިއަބަލް ޓެކްނޮލޮޖީސް"ގައި ވާހަކަދައްކަވަމުން ސްޕެޝަލް އެންވޮއި ފޯރ ކްލައިމެޓް ޗޭންޖް ޢަލީ ޝަރީފް ވިދާޅުވީ، ދުނިޔެއަށް ބަލާއިރުވެސް އަތްވާއި ވައިގެ ޒަރިއްޔާއިން ހަކަތަ އުފެއްދުމުގެ މަސައްކަތް ކުރިނަމަވެސް އަދި އެންމެ އެކަށީގެންވާގޮތުގައި ކަނޑުގެ އޮއިގެ ޒަރިއްޔާއިން ހަކަތަ އުފެއްދުމަށް މަސައްކަތްކުރެވެމުން ނުދާކަމަށެވެ.

އެހެންނަމަވެސް ރާއްޖެ ފަދަ ޤައުމަކަށް ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފެއްދުމަށް މިވަޞީލަތުގެ ބޭނުން ކުރުމާމެދު މިއަދު ވިސްނަންޖެހޭކަމަށް ޢަލީ ޝަރީފް ވިދާޅުވެއެވެ.

ޝަރީފް ވިދާޅުވީ، ރާއްޖެއަކީ ބިމުގެ ސަތަޙަ ކުޑަ ޤައުމަކަށްވުމުން ސޯލާ ޕެނަލް ހަރުކުރުމަކީ އިތުރުވަމުންދާ ކެޕޭސިޓީއާއެކު ދެމެހެއްޓެނިވި ޙައްލެއް ނޫންކަމަށެވެ. އެހެންކަމުން ރާއްޖޭގައި ހުރި ވަޞީލަތްތަކުގެ ބޭނުންކޮށްގެން ހަކަތައިގެ ދާއިރާ ފުޅާކުރަންޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.

"ސަސްޓެއިނަބަލް މެޓީރިއަލްސް އެންޑް އެޑްވާންސެސް އިން ރިނިއަބަލް ޓެކްނޮލޮޖީސް"އަކީ ބަދަލުވަމުންދާ ދުނިޔޭގައި ދެމެހެއްޓެނިވި ގޮތެއްގައި އީޖާދީ އުފެއްދުންތައް ތަރައްޤީކުރުމުގެ ސަބަބުން ނުކުންނަ ނަތީޖާއަށް އަލިއަޅުވާލާ ކުރިއަށްގެންދާ ކޮންފަރެންސެކެވެ.

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުކުރުމަށް ކުރަމުންދާ މަސައްކަތުގައި ތަޢުލީމީ އަދި ފަންނުވެރި އެކި ފަރާތްތަކާއި އެކި ސިނާޢަތްތަކާއި ދިރާސާކުރާ ފަރާތްތަކުގެ އިތުރުން ސަރުކާރުގެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުވެ އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރުމަކީ މިކޮންފަރެންސްގެ މައިގަނޑު މަޤްސަދެވެ.

މިކޮންފަރެންސްގައި މިވަގުތު ހުރި އެންމެ ގޮންޖެހުން ބޮޑެތި މައްސަލަތަށް އަލިއަޅުވާލާ ޢިލްމީ ދިރާސާގެ އަލީގައި ދެމެހެއްޓެނިވި ގޮތެއްގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޙައްލު ހޯދުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ. 9 ދާއިރާއަކުން ދިރާސީ ކަރުދާސް ހުށައެޅުމާއި ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންގެ ބައިވެރިވުން މި ކޮންފަރެންސްގައި ހުށައެޅުމަށްވަނީ ހަމަޖެހިފައެވެ.