ޚަބަރު

ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނަޔަށް ބޮޑުކުރާނަން: ރައީސް


  • ކީރިތި ޤުރްޢާނުގެ ޢިލްމު ފުޅާކޮށް ފެތުރުމަށް އިސްކަންދެއްވާނެކަމަށް ވިދާޅުވި

  • ދީނީ ކަންކަން ކުރިއެރުވުމަށް ކުރަންޖެހޭ ހޭދަ އިތުރުކުރައްވާނެކަމަށްވެސް ވިދާޅުވި

ކީރިތި ޤުރްއާން ހިތުދަސް ހާފިޒުން އުފައްދަން ސަރުކާރުން ޚާއްޞަ ހޭދައެއްކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނަޔަށް ބޮޑުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކީރިތި ޤުރްއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ދިވެހި ދައުލަތް ހިންގަން ބޭނުންފުޅުވަނީ ދިވެހީންނަށް އެންމެ ލާބަ ހުރި ގޮތަށްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާނެ ޤައުމީ ވާޖިބަކީ މާތްވެގެންވާ އިސްލާމްދީނަށް ނަޞްރުދިނުމަށްކަމަށެވެ. އެކަމަށްޓަކައި ކީރިތި ޤުރްއާނުގެ ޢިލްމު ފެތުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށާއި ކީރިތި ޤުރުއާން ހިތުދަސް ހާފިޒުން އުފެއްދުމަށާއި އެ ކަމަށް ހިތްވަރުދީ މަގުކޮށައި ދިނުމަށް ސަމާލުކަން ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރިން ކީރިތި ޤުރްއާން ހިތުދަސް މީހުން މަދު ނަމަވެސް މިހާރު އެ އަދަދު އިތުރުވަމުންދާތީ ކީރިތި ޤުރްއާނުގެ ޢިލްމާއި ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށް ސަރުކާރުން އަވަސް ހަލުވި ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވަކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިުއެވެ.

"ކީރިތި ޤުރްއާނަކީ އުފެދެމުން ތަރުބިއްޔަތުވަމުން އަންނަ ޖީލުގެ ޢަމަލީ ޙަޔާތުގެ އެންމެ މުހިންމު ބައިވެރިޔާކަމުގައި ހެދުމަށް މި ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދޭނަން. މާލީ ގޮތުން. ވަސީލަތުގެ ގޮތުން. އަދި ކުރެވޭ ހޭދަޔާއި ދެވޭ އިނާމާއި އަގުވަޒަންކުރުމާއި ހިތްވަރުދިނުމުގެ ގޮތުން ވެސްމެ. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެންގެ ޒުވާން ޖީލުގެ ޢަމަލުން މި ކަމުގައި ވެސް ނަތީޖާ ފެންނަން" ރައީސް ވިދާޅުވިއެވެ.

ކީރިތި ޤުރްއާނުގެ ޢިލްމާއި ކިޔެވުމުގެ ފަންނު ކުރިއެރުވުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން ކޮންމެ ކަމެއް ކުރުމުގައި މާލީ އެހީތެރިކަން ބޭނުންވާތީ އެ ކަމަށް ވެސް ޚާއްޞަ ވިސްނުންތަކެއް ތަންފީޒުކުރަމުންގެންދާ ކަމަށާއި އެ ގޮތުން މި ވަގުތު މާލޭގައި ހުރީ "ދާރުލް އީމާން"ގެ އިތުރުން އިތުރު ވަޤުފް އިމާރާތްތަކެއް ސަރުކާރުން ޤާއިމްކުރާނެކަމަށް ރައީސް ވިދާލުވިއެވެ.

"ދާރުއްސަލާމް"ގެ ނަމުގައި އާ ވަފުޤު އިމާރާތެއް އެޅުމަށް ޓަކައި މަސައްކަތްކުރެވެމުން އެބަދޭ. ހަމަ އެހެންމެ "ދާރުލްއަރްޤަމް"ގެ ނަމުގައި އެހެން ވަޤުފު އިމާރާތެއް އެޅުމަށް ބިމެއް ހަމަ ޖެހި އެ ބިން ރަޖިސްޓަރީ ކުރުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިހާރު ކުރިޔަށް ގެންދަވާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކީރިތި ޤުރްއާނަށް ޚާއްޞަ ޤައުމީ ހިޔާވައްސެއް ހުރުމަކީ މުހިންމުކަމަކަށްވާތީ ސަރުކާރުން ވަޢުދުވިގޮތަށް އެ ފުޅާ މިނުގައި ޤުރްއާނާ ބެހޭ ކަންކަން ކުރިޔަށް ގެންދިޔުމަށް ޓަކައި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒެއް އަލުން އިމާރާތްކުރުމަށް ބިމެއް ހަމަޖެހިގެންދާނެކަމަށްވެސް ރަީސް ވިދާޅުވިއެވެ.

މި ލޮބުވެތި ދިވެހި ފަސްގަނޑުގައި ކީރިތި ޤުރްއާން އުނގެނުމާއި އުނގަންނާ ދިނުމުގެ ދާއިރާއަށާއި އަޅުގަނޑުމެންގެ އަޚްލާޤާއި ސުލޫކަށް އިންޤިލާބީ އިޞްލާޙީ ބަދަލެއް އަންނާނެކަމަށާއި އެމަނިކުފާނު ދެކެން ބޭނުންވަނީ އެދުވަސްކަން ފާހަގަކުރައްވައި ރައީސް ވަނީ ކީރިތި ޤުރުއާނަށް މި ދިވެހި ފަސްގަނޑުން ޙައްޤު މަތިވެރި ދަރަޖައާއި ޖާގަ ދިނުމުގައި މި ސަރުކާރު ފިސާރި ދީލަތިވާނެކަން ފާހަގަކުރައްވާފައެވެ.