ޚަބަރު

މިއީ ބަދަލެއް ގެންނަންވީ ވަގުތު: ސައުތުގޭޓް


މިދިޔަ އަށް އަހަރުގެ ތެރޭގައި ވާދަކުރީ ހަތަރު ބޮޑު މުބާރާތުގެ ތެރެއިން ދެ މުބާރާތެއްގެ ފައިނަލަށް ގެންގޮސްދިނުމަށްފަހު އިންގްލެންޑްގެ ކޯޗުގެ މަގާމުން ވަކިވަމުން ގަރެތު ސައުތުގޭޓް ބުނީ، މިއީ ބަދަލެއް އަންނަންވީ ވަގުތު ކަމަށެވެ.

ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އިންގްލެންޑް އެންމެ ފަހުން ކުޅުނީ ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ސްޕެއިން އަތުން 1-2 އިން ބަލިވި މެޗެވެ.

ސައުތުގޭޓް ބުނީ، ފަޚުރުވެރި އިނގިރޭސިއެއްގެ ގޮތުގައި ގައުމީ ޓީމަށް ކުޅުމާއި، ކޯޗުކޮށްދިނުމަކީ ލިބުނު ޝަރަފެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އެއީ އޭނާ އަށް ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ކުރެވެން އޮތް އެންމެ ބުރަކޮށް މަސައްކަތްކޮށްދީފައިވާ ކަމަށް ސައުތުގޭޓް ބުންޏެވެ.

"މިއީ ބަދަލެއް އަންނަންވީ ވަގުތު، އާ ބާބެއް ފަށަންވީ ވަގުތު." ސައުތުގޭޓް ބުންޏެވެ.

އިންގްލެންޑް ގައުމީ ފުޓްބޯޅަ ޓީމާއެކު ސައުތުގޭޓް ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން އޮތީ މިއަހަރުގެ ނިޔަލަށެވެ. އެހެންނަމަވެސް، އޭނާ މަގާމުން ވަކިވާކަން ހާމަކޮށްފައިމިވަނީ މިދިޔަ ދުވަސްތަކުގެ ތެރޭގައި މުސްތަގުބަލާ ގުޅޭގޮތުން މީޑިއާގައި ގިނަ ވާހަކަތަކެއް ދެކެވި، ވަކިގޮތެއް ނުނިމި ވަނިކޮށެވެ.

އިންގްލެންޑްގެ ކޯޗުގެ މަގާމާ ސައުތުގޭޓް ހަވާލުވީ، 2016 ވަނަ އަހަރުގައެވެ. އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެންމެ ފަހުން ކުޅުނު ޔޫރޯގެ ދެ މުބާރާތުގެ ފައިނަލްގައި ކުޅެފައެވެ. މީގެއިތުރުން، 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ހަތަރުވަނަ މަގާމާއި، އެންމެ ފަހުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ވަނީ ދަތުރުކޮށްފައެވެ.

އިންގްލެންޑްގެ ކޯޗުކަމުން ސައުތުގޭޓް ވަކިވުމުން އެ ގައުމުގެ ފުޓްބޯޅަ އެފްއޭގެ ރައީސް އަދި ޕްރިންސް، ވިލިއަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ، ސައުތުގޭޓް ކޮށްދެއްވި މަސައްކަތަށް ޝުކުރުއަދާކޮށްފައެވެ. އަދި ޕްރިންސް ވިލިއަމް ޝުކުރު އަދާކުރަނީ އެފްއޭގެ ރައީސްގެ ހައިސިއްޔަތުން ނޫން ކަމަށާއި، އިނގިރޭސި ސަޕޯޓަރެއްގެ ގޮތުގައި ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

މިހާރު ދުނިޔޭގައި ތިބި އެންމެ މޮޅު ކުޅުންތެރިންނާ ވާދަކޮށްލޭ ވަރުގެ ޓީމެއް ބިނާކޮށްދިނީތީވެ ޝުކުރު އަދާކުރާ ކަމަށް ވެސް ޕްރިންސް ވިލިއަމް އެކްސްގައި ކުރެއްވި ޕޯސްޓްގައިވެއެވެ.

މި ފަހަރުގެ ޔޫރޯގެ ކުރީން ވެސް ސައުތުގޭޓް ވަނީ، އެ މުބާރާތުގައި ނާކާމިޔާބުވެއްޖެނަމަ އެއީ އެ ޓީމާއެކު އޭނާގެ ފަހު މުބާރާތަށް ވާނެ ކަމަށް ބުނެފައެވެ.