ޚަބަރު

ކާވާ މުބާރާތަކީ ވޮލީގެ މުސްތަގްބަލަށް މަގު ކޮށައިދޭނެ މުބާރާތެއް: ރާފިޢު


މާލޭގައި ފެށި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ 20 އަހަރުން ދަށުގެ މުބާރާތަކީ ޒުވާން ކުޅުންތެރިން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރުމަށް މަގު ކޮށައިދޭނެ މުބާރާތެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ މި ސަރުކާރުން ކުޅިވަރު ކުރިއެރުވުމުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ކުޅިވަރަށް ހާއްސަ އިސްކަމެއްދޭ ކަމަށެވެ.

އަދި ކުޅުންތެރިން ބިނާކުރުމަކީ ރާއްޖެއިން ހާއްސަ އަހައްމިޔަތުކަމެއް ދޭ ކަމެއް ކަމަށާއި މިއީ ބައިނަލްއަޤްވާމީ މައިދާނުގައި މިފަދަ ފުރުސަތުތައް ދިވެހި އެތުލީޓުންނަށް ފަހިކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވި އެވެ. އަދި އުއްމީދަކީ މި މުބާރާތަކީ މުސްތަގްބަލުގައި ގިނަ ފައިދާތަކެއް ކުޅުންތެރިންނާއި ޓީމުތަކަށް ކުރާނެ މުބާރާތެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވި އެވެ.

ރާއްޖެއާއެކު ޖުމްލަ ހަތަރު ޓީމު މި މުބާރާތުގައި ވާދަކުރެއެއެވެ. އެއީ ސްރީ ލަންކާއާއި ނޭޕާލްގެ އިތުރުން ކިރްގިސްތާނެވެ. މުބާރާތުގެ މެޗުތައް ހަވީރާއި ރޭގަނޑު ކުރިއަށްދާއިރު ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހުގައެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރުގެ އިތުރުން ކާވާގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގަތެވެ. ސަގާފީ ހަރަކާތްތަކާއެކު މި މުބާރާތް ފެށިއިރު، މިއީ ޒުވާން އުމުރުފުރާއަށް ހުޅުވާލައިގެން މާލޭގައި މިހާތަނަށް ކުރިއަށްދާ އެންމެ ބޮޑު ބައިނަލްއަގްވާމީ މުބާރާތެވެ.