ޚަބަރު

ކުންފުނިތަކަށް އޮންލައިންކޮށް އެކައުންޓު ރަޖިސްޓްރީކުރެވޭ ގޮތަށް އެމްއައިބީން ހަދައިފި


  • މިހާރު އޮންލައިންކޮށް ކުންފުނިތަކަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެ

  • ބޭންކަށް ގޮސް، ފޯމު ފުރައިގެން އެކައުންޓު ހުޅުވުން ނިމުމަކަށް

ކުންފުނިތަކަށް އޮންލައިންކޮށް އެކައުންޓު ރަޖިސްޓްރީކުރެވޭ ގޮތް މޯލްޑިވްސް އިސްލާމިކް ބޭންކު، އެމްއައިބީން ހަދައިފިއެވެ.

މީގެ ކުރިން ބިޒްނަސް އެކައުންޓެއް ހަދަން ބޭނުންވާނަމަ، އޮންލައިންކޮށް އެކަން ކުރެވޭނެ ނިޒާމެއް ނޯވެއެވެ. ކުންފުނިތަކަށް އެކައުންޓު ހެއްދެން އޮންނަނީ ބޭންކަށް ގޮސްގެން އެކަންޏެވެ.

ޑިޖިޓަލް ބިޒްނަސް އެކައުންޓްގެ ނަމުގައި މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ، އެކަމަށްޓަކާއި އެމްއައިބީން ބޭއްވި ޚާއްސަ ރަސްމިއްޔާތެއް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދާއި އެމްއައިބީގެ މެނޭޖިން ޑިރެކްޓަރ މުފައްދަލް އިދްރީހެވެ.

މި ޚިދުމަތާ ގުޅޭގޮތުން އެމްއައިބީން ބުނީ ޑިޖިޓަލް ބިޒްނަސް އެކައުންޓްގެ ޚިދުމަތާއެކު ބޭންކަށް ނުގޮސްވެސް މިހާރު ކުންފުނިތަކަށް އޮންލައިންކޮށް ފޯމެއް ފުރާލައިގެން އެކައުންޓް ހުޅުވޭނެކަމަށެވެ. އެގޮތުން ފޯމު ފުރާ ޕޯޓަލް ހުންނާނީ އިޤުތިޞާދީ ތަރައްޤީއާބެހޭ ވުޒާރާގެ ޑޭޓާބޭސްއާ ގުޅާލެވިފައިކަމަށް އެމްއައިބީން ބުނެއެވެ. އަދި އިޤުތިޞާދީ ތަރައްޤީއާބެހޭ ވުޒާރާގެ ކުންފުނިތަކުގެ ޑޭޓާބޭސްގައި އެކުންފުންޏަކަށް ދީފައިވާ ކޯޑު، ޕޯޓަލްގައި ލިޔުމާއެކު އޮޓޮމެޓިކޮށް އެ ކުންފުންޏެއްގެ މަޢުލޫމާތު ހިމަނައިގެން ފޯމު ފުރާލަދޭނެކަމަށް އެމްއައިބީން ބުނެއެވެ.

އެމްއައިބީން ބުނީ ފޯމުގެ ވަރޑް ފައިލްއެއް އޮޓޮމެޓިކޮށް ޖެނެރޭޓުވާނެކަމަށާއި މި ވަރޑް ފައިލްގައި ޑިޖިޓަލް ސޮއި ހިމެނުމަށްފަހު ފޯމު އަޕްލޯޑު ކޮށްލުމުން އެކައުންޓު އުފައްދައިދޭނެ ކަމަށެވެ.

އެމްއައިބީން ބުނީ މި ޚިދުމަތުގެ އިތުރުން މިހާރު އެމްއައިބީގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް އޮންލައިންކޮށް ވިޔަފާރިތަކަށް ރާއްޖެއިން ބޭރަށްވެސް ފައިސާ ފޮނުވޭނެ ކަމަށެވެ. އަދި ބޭންކަށް ބަރޯއްސާނުވެ، ކުންފުނިތަކުގެ ބީއެމްއެލް ބިޒްނަސް އެކައުންޓު މެދުވެރިކޮށް މުވައްޒަފުންނަށް މުސާރަ ދެވޭނެކަމަށްވެސް އެމްއައިބީން ބުނެއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން "ބިޒްނަސް ބޭންކިން"ގެ ނަމުގައި އައު ގޮތްޕެއްވެސް ވަނީ މިދިޔަ މާރޗް މަހުގެ ތެރޭގައި ހުޅުވާފައެވެ. އެގޮތުން މި ގޮފީގައި ހިމެނޭ ޑޮލަރު ޖަމާކުރުމާއި ޑޮލަރު ނެގުމުގެ ޚިދުމަތާއި ކޭޝް ޑިޕޮސިޓްކުރުންފަދަ ޚިދުމަތްތައް ދިނުމަށް ޚާއްސަ ލޮބީއެއްވަނީ ހުޅުވާފައެވެ.