ޚަބަރު

229 ދަރިވަރަކު މޯލްޑިވްސް ޕޮލިޓެކްނިކުން ދަސްވެނިވެއްޖެ


މޯލްޑިވްސް ޕޮލިޓެކްނިކުން ހިންގަވާ ފަންނީ ކޯސްތައް ފުރިހަމަކުރާ ހުރިހާ ޒުވާނުންވެސް ދަސްވެފައިވާ ހުނަރުތައް އިތުރަށް ދިރާސާކޮށްދީ، އެހުނަރު އިތުރަށް ތަރައްޤީކުރެވޭނެ އާ ގޮތްތައް ހޯދުމަށް އެޑިއުކޭޝަން މިނިސްޓަރ ގޮވާލައްވައިފިއެވެ.

މިނިސްޓަރ މިކަމަށް ގޮވާލެއްވީ، ޕޮލިޓެކްނިކްގެ 2016 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ 2016 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޖަލްސާގައި ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ ތަފާތު 12 ކޯހެއް ފުރިހަމަކޮށް، 229 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. މީގެތެރޭގައި ސެޓްފިކެޓް ލެވަލް އެކަކުން ފެށިގެން ޑިޕްލޮމާ ފެންވަރުގެ ކޯސްތައް ނިންމި ދަރިވަރުން ހިމެނެއެވެ. މި ރަސްމިއްޔާތުގައި  ކޯސްތަކުން އެންމެ ފާހަގަކުރެވުނު 21 ދަރިވަރަކަށް އެކްސަލެންސް އެވޯޑް ވަނީ ދެއްވާފައެވެ.

img:http://s2.psmnews.mv/images/660x400/14636539864033.jpg|މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝތު ޝިހާމް ވިދާޅުވީ، ޕޮލިޓެކްނިކުން ހިންގަވާ ކޯސްތަކަކީ ޒުވާނުންނަށް ނުހަނު ބޭނުންތެރި، އޭގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާ ކޯސްތަކެއް ކަމަށާއި، މިފަދަ ފަންނީ ކޯސްތައް ނިންމާ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި، ޒުވާނުން ކޯސްތައް ފުރިހަމަކުރިއިރު ވަރަށް ގިނަ އާ ކަންކަމާއި ހުނަރު ދަސްވެފައި ހުންނާނެކަން ފާހަގަކުރައްވައި، އެހުނަރުތައް އަބަދުވެސް އިތުރަށް ތަރައްޤީކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަދައްކަވަމުން ޕޮލިޓެކްނިކް ހިންގެވުމާ ޙަވާލުވެވަޑައިގެން ހުނެވި އެޑިއުކޭޝަން މނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް ޙަނީފް ވިދާޅުވީ، ޕޮލިޓެކްނިކުން ހިންގަވާ ކޯސްތަކާއި، ޒުވާނުން ތަމްރީނުކުރެވޭ މިންވަރު މިދިޔަ ދެއަހަރުގެ ތެރޭގައި ވަރަށް ބޮޑަށް އިތރުވެފައިވާކަމަށާއި، އެއީ ސަރުކާރުން ޒުވާނުން ޢިލްމީ ޤާބިލުބަޔަކަށް ހެއްދެވުމަށް ކުރައްވާ މަސައްކަތުގެ ހެއްކެތް ކަމުގައެވެ.

ކޮންމެ ޒުވާނަކަށްވެސް ލިބިފައިވާ ހުނަރު ތަރައްޤީކޮށް އިތުރަށް ޢިލްމު އުންގަންނައިދެއްވުމަށް މޯލްޑިވްސް ޕޮލިޓެކްނިކުން ހިންގަވާ ކޯސްތަކުގެ ތެރޭގައި އިންޖިނިއަރިންގެ ދާއިރާއާއި ސްމޯލް ބިޒްނަސް، އަދި ފަތުރުވެރިކަމުގެ ދާއިރާ އަދި މިހާރު އަލަށް ފަށްޓަވާފައިވާ ރަންރިހީގެ މަސައްކަތް ދަސްކޮށްދޭ ކޯސްތައްވެސް ހިމެނެއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ 4 ކެމަޕަހެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ޤާއިމްކުރައްވާފައިވާއިރު، ލާރނިންގ އައުޓްރީޗް ދެ ސެންޓަރެއްގައި ޕޮލިޓެކްނިކްގެ ކޯސްތައް ހިންގަވަމުން ގެންދަވައެވެ. މިއީ ޓިއުޝަން ފީ ނުނަންގަވާ ކޯސްތަކެކެވެ. މިއަހަރުގެ ޖޫންމަހު ހިންގަވާ މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުއްވާލައްވާފައެވެ.