ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް މިއަދާ ހަމައަށް 43 ޖަނެރޭޓަރު އަލަށް ގަނެވި އެކި ރަށްރަށުގައި އިންސްޓޯލް ކޮށްފައިވާކަމަށް ފެނަކަ ކޯޕަރެޝަނުން ވިދާޅުވެއްޖެއެވެ.
ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ، އެކުންފުނިން ކަރަންޓުގެ ޚިދުމަތް ދެމުންގެންދާ ގިނަ ރަށްރަށުގައި މިއަހަރު ފެށިއިރު ހުރީ ޖަނަރޭޓަރުތަކުގެ ޙާލަތު ރަނގަޅުކުރަންޖެހި ރަށްރަށުގެ ކެޕޭސިޓީ އިތުރުކުރަން ޖެހިފައިވާކަމަށެވެ. އަދި ވަރަށް ގިނަ ޖަނެރޭޓަންތަކެއް ހުރީ އޯވަރހޯލް ކުރަންޖެހިފަކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.
ނަމަވެސް އައު މެނޭޖްމަންޓާއެކު ކަރަންޓްގެ ޙާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަން ފެށިކަމަށާއި، ޖަނެރޭޓަރު ބޭނުންވާ ތަންތަނަށް ޖަނެރޭޓަރު ހޯދުމުގެ މަސައްކައި ވަރަށް އަވަހަށް ފަށާނެކަމަށް ފެނަކައިން ވިދާޅުވެއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާ ނިމުނު އިރުގައި 20 ރަށަކަށް އައު ޖަނެރޭޓަރު ވަނީ ފޮނުވާފައެވެ. އަދި ޖަނެރޭޓަރު ފޮނުވުނު ރަށް ރަށުގައި ކަރަންޓު އުފެއްދުމަށް ހުރި އުނދަގޫތަށް ފިލުވާފައިވާކަމަށް ފެނަކައިން ވިދާޅުވިއެވެ.
ގިނަ ރަށް ރަށުގެ އޯވަހޯލް ކުރުމާ އެހެން އިންޖިނިއަރިންގ މަސައްކަތްތަކެއް ވެސް ކުރަންޖެހުނު ކަމަށް ފެނަކައިން ވިދާޅުވިއެވެ. އަދި މިހާތަނަށް އިތުރަށް 43 ޖަނެރޭޓަރު އަލަށް ގަނެވި އެކި ރަށް ރަށުގައި އިންސްޓޯލްކޮށްފައިވާކަމަށެވެ. މިއަހަރު މިހާތަނަށް ދިޔައިރު ޖަނެރޭޓަރ ޙާލަތު ރަނގަޅުކޮށް ޖަނެރޭޝަން ކެޕޭސިޓީ އިތުރު ކޮށްފައިވާކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.
ފެނަކައިން ވިދާޅުވީ ވަރަށް ގިނަ ރަށް ރަށެއްގެ ޙާލަތު އަހަރު ފެށުނުއިރު ހުރި ވަރަށް ވުރެއް ރަނގަޅު ކޮށްފައިވާކަމަށެވެ. އަދި މިހާރު ވެސް ޖަނެރޭޓަރުތައް އިތުރަށް އޯވަރ ހޯލް ކުރުމާ ބޭނުންވާ ސްޕެއަރ ހޯދުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.
މި އަހަރު އަލަށް ގަތުމަށް ކަނޑައަޅާފައި ހުރި ޖަނެރޭޓަރުތައްވެސް ގެނައުމުގެ މަސައްކަތްތައް ކުރަމުންދާކަމަށާއި، ދާއިމީ ގޮތެއްގައި މިކަންތައްތައް ރަނގަޅުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ފެނަކައިން ވިދާޅުވެއެވެ.