ޚަބަރު

ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރާނެ ނިޒާމް ކިނބިދޫގައި ޤާއިމްކޮށް ބޭނުންކުރަން ފަށައިފި


  • ދުވާލަކު 200 ކިލޯގްރާމްގެ ފަނާވާ ޒާތުގެ ކުނި ޕްރޮސެސްކޮށް ކާދަށް ބަދަލުކުރެވޭނެ

  • މި ނިޒާމުގެ ސަބަބުން އެންމެ 15 މިނެޓުގެ ތެރޭގައި ރޯ ކޮމްޕޯސްޓް ހެދޭނެ

ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރާނެ ނިޒާމެއް ތ. ކިނބިދޫގައި ޤާއިމްކޮށް ބޭނުންކުރަން ފަށައިފިއެވެ. މިގޮތުން އެރަށުގައި ކުންޏާއި ވަޞީލަތްތައް މެނޭޖުކުރާ ނިޒާމު އިފްތިތާޙްކޮށްދެއްވީ ތިމާވެށްޓާއި ހަމަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމެވެ.


ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރާ ނިޒާމަކީ ސަރުކާރުން ކުރިއަށްގެންދާ 'މަގޭ ސާފު ރާއްޖެ' ޕްރޮގްރާމްގެ ދަށުން، ދިވެހި ދައުލަތުގެ ބަޖެޓާއި، ވަރލްޑް ބޭންކުގެ ހިލޭ އެހީގައި ޤާއިމްކުރި ނިޒާމެކެވެ.

މި ނިޒާމް ޤާއިމްކުރުމަށް ކިނބިދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ ކިނބިދޫގައި މިހާރު ޤާއިމުކުރެވިފައިވާ މި ނިޒާމަކީ ކުންޏާއި ވަޞީލަތް ރައްކާތެރިގޮތުގައި މެނޭޖުކުރާ މަރުކަޒެއްކަމަށެވެ. އެއީ ޒަމާނީ ވަޒީލަތްތަކާއެކު ޤާއިމްކުރި ނިޒާމެއްކަން ފާހަގަކުރައްވާ ވަޒީރު ވަނީ އެރަށުގައި މި ނިޒާމް ޤާއިމްކުރެވިފައިވަނީ ރަށުގައި އުފެދޭ ތަފާތު ބާވަތްތަކުގެ ކުނި ވަކިން މެނޭޖުކުރެވޭނެ ގޮތައްކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުނި މެނޭޖުކުރުމުގައި މަސައްކަތްކުރާ ހުރިގާ މުވައްޒަފުންނަށް ރައްކާތެރި އަދި ތަނަވަސް މާހައުލެއް ޤާއިމުކުރެވިފައިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ނިޒާމު ޤާއިމުކުރެވުމާއެކު، ކިނބިދޫގައި ކުނީގެ މައްސަލަ ޙައްލުވެ، ރަށުގެ ތިމާވެށި ރައްކާތެރިކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރަށުގެ ސާފުތާހިރުކަން އިތުރުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ނިޒާމުގެ ސަބަބުން ރަށުގައި ދުވަހުން ދުވަހަށް އުފެދޭ ކުނި ވަކިކޮށް، ހަރުދަނާ ގޮތެއްގައި މެނޭޖްކުރުމުގެ ޤާބިލުކަން ރަށު ކައުންސިލަށް ލިބިގެންދާނެ. އަދި މި ވަސީލަތްތަކުގެ ސަބަބުން ކުނިން ނަފާ ހޯދުމުގެ ފުރުޞަތު ފަހިވެ، ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ލިބިގެންދާނެ " ވަޒީރު ވިދާޅުވިއެވެ.

ޕީއެސްއެންނިއުސްއަށް މައުލޫމާތު ދެއްވަމުން ކިނބިދޫގެ ކައުންސިލް ރައީސް ޢަލީ ޙުސެއިން ވިދާޅުވީ ތ. ކިނބިދޫގައި ގާއިމްކުރި ކުނި މެނޭޖުކުރާ ނިޒާމާއެކު މިހާރު ރަށުގެ ގޮނޑުދޮށަށް ކުނިއެޅުން އެއްކޮށް ހުއްޓުވާނެކަމަށެވެ. ޢަލީ ހުސެއިން ވިދާޅުވީ އެ ރަށުގައި ގާއިމް ކުރެވިފައިވާ ވަސީލައްތަކުން މިހާރު ރަށުގައި އުފެދޭ ބަދިގެ ކުނިން ކާދު އުފައްދާ އެއިން ނަފާ ލިބޭނޭ މަގު ފަހިވެފައިކަމަށެވެ.

"މިކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ދުވާލެއްގެ މައްޗައް ކިނބިދޫގައި މިހާރު ބޭނުން ކުރެވެމުން އަންނަ ބަދިގެ ޑަސްބިންތަކުން ނަގާ ކުނި ކާދަށް ހެދި އެ ތަކެތި ވިއްކައިގެން އަޅުގަނޑުމެންނަށް ނަފާ ހޯދޭނެ މަގު މި ވަނީ ފަހިވެފައި" ކައުންސިލްގެ ރައީސް ޢަލީ ހުސެއިން ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ ކުނި މެނޭޖުކުރުމުގެ މަސައްކަތްތަށް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ޒަމާނީ މެޝިނަރީތަކާއި އާލާތްތައްވެސް ފޯރުކޮށްދީފައިވާކަމަށެވެ. މިގޮތުން މަލްޓި ޕަރޕަސް ބޭލަރ، ކާދު ހަދާ މެޝިން، ގްލާސް ކްރަޝަރ އަދި އެކި ސައިޒުގެ ޑަސްބިން ހިމެނެއެވެ.

މީގެ އިތުރުން މުވައްޒަފުންގެ ރައްކާތެރިކަމަށް ބޭނުންކުރާނެ ވަސީލަތްތަކާއި ކުނި ގެންގުޅުމުގައި ބޭނުންކުރާނެ ތަފާތު އާލާތްތައްވެސް ވަނީ ފޯރުކޮށްދެވިފައިކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި ރަށުގެ ގޭގެއާއި ވިޔަފާރިތަކާއި މުއައްސަސާތަކުން އުފެދޭ ކުނި ޖަމާކުރުމަށް ބޭނުންވާ ވެހިކަލެއްވެސް ވަނީ ކައުންސިލާ ޙަވާލުކޮށްފައެވެ.

އެ ވުޒާރާއިން ވިދާޅުވީ ކިނބިދޫގައި ޤާއިމްކުރި ކުނި މެނޭޖުކުރާ ނިޒާމާއެކު ދުވާލަކު 200 ކިލޯގްރާމްގެ ފަނާވާ ޒާތުގެ ކުނި ޕްރޮސެސްކޮށް ކާދަށް ބަދަލުކުރެވޭނެ ބަޔޯ ވޭސްޓް ޓްރީޓްމަންޓް ސިސްޓަމެއް ޤާއިމުކުރެވިފައިކަމަށެވެ. އޭގެ ސަބަބުން އެންމެ 15 މިނެޓުގެ ތެރޭގައި ރޯ ކޮމްޕޯސްޓް ހެދި، 10 ދުވަހުގެ ތެރޭގައި ފުރިހަމައަށް ފައްކާވެފައިވާ ކާދު އުފެއްދޭނެކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

ތިމާވެށްޓާބެހޭ ވުޒާރާއިން ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި އުފެދޭ ކުނީގެ ގާތްގަނޑަކަށް 65 އިންސައްތައަކީ ފަނާވާ ޒާތުގެ ކުނިކަމަށާއި، މި ނިޒާމުގެ ސަބަބުން ރަށުގެ ސިއްޙީ އަދި އިޖުތިމާޢީ ޙާލަތަށްވެސް އެދެވޭ އަސަރުތަކެއް ކުރާނެކަމަށެވެ. އަދި މި މަޝްރޫޢު ކާމިޔާބުކަމާއެކު ކުރެވިއްޖެނަމަ އެހެން ރަށްރަށަށްވެސް މިފަދަ މަޝްރޫޢުތައް ތަޢާރަފްކުރުމަށް މަގުފަހިވެގެންދާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއީ މުޅި ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ.