ޚަބަރު

އައްޑޫ ސިޓީގެ މޫދުގައި 10 މެގަވޮޓް ސޯލަރ ޕީވީ ޤާއިމުކުރުމަށް އިންވެސްޓަރުން ހޯދަނީ


  • ބީލަން ހުށައެޅުމުގެ ފުރުޞަތު އޮކްޓޫބަރު 29 ވަނަ ދުވަހާ ހަމައަށްވަނީ ހުޅުވާލާފައި

  • މަރަދޫ ބަނދަރު، ސ. ހުޅުމީދޫ ސެންޓްރަލް ބަނދަރުގައި 2 މެގަވޮޓްގެ ސޯލަރ ހަރުކުރާނެ

  • ޑީސެލުން އަހަރަކު ގާތްގަނޑަކަށް 4.43 މިލިއަން ލީޓަރު ދަށްވާނެ

އައްޑޫ ސިޓީގެ މޫދުގައި 10 މެގަވޮޓް ސޯލަރ ޕީވީ ޤާއިމުކުރުމަށް އިންވެސްޓަރުން ހޯދަން ހުޅުވާލައިފިއެވެ. މިއީ ވޯލްޑް ބޭންކުގެ އެހީގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހިންގާ އެކްސަލަރޭޓިންގ ރިނިއުވަބަލް އެނަރޖީ އިންޓަރގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާރޖީ - އެރައިސް ޕްރޮޖެކްޓުން ހިންގާ މަޝްރޫޢެކެވެ.

އައްޑޫ ސިޓީގެ މޫދުގައި 10 މެގަވޮޓް ސޯލަރ ޕީވީ ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ސ. މަރަދޫ ބަނދަރު އަދި ސ. ހުޅުމީދޫ ސެންޓްރަލް ބަނދަރުގައި 2 މެގަވޮޓްގެ ސޯލަރ ޕީވީ ހަރުކުރުމަށް ވަނީ ނިންމާފައެވެ. އަދި ހިތަދޫ ޕޯޓު ސަރަޙައްދުގައި 8 މެގަވޮޓްގެ ސޯލަރ ޤާއިމްކުރުމަށްވެސް ނިންމާފައިވެއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ މިމަޝްރޫގެ ދަށުން ސޯލަރ ޕީވީ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ކެޕިޓަލް ޚަރަދުކޮށް، 20 އަހަރުގެ މުއްދަތަށް ނިޒާމު ބަލަހައްޓައި އެއިން ކަރަންޓް އުފައްދާނީ މަޝްރޫޢުގެ ބީލަން ކާމިޔާބުކުރާ ކޮންޓްރެކްޓަރުކަމަށެވެ. އަދި ކޮންޓްރެކްޓަރ ހޮވާނީ ކޮމްޕެޓެޓިވް ބިޑިންގ ޕްރޮސެސްއެއްގެ ތެރެއިން ބީލަންތަކުގެ އިވެލުއޭޝަން ހަދައި އެކުންފުނިތަކުގެ ފަންނީ އަދި މާލީ ގާބިލުކަން މިނެކިރައި، ޤާއިމުކުރާ ސޯލަރ ޕީވީ ނިޒާމުތަކުން އުފައްދާ ކަރަންޓް ދައުލަތަށް ވިއްކުމަށް އެންމެ ކުޑަ ރޭޓެއް ހުށަހަޅާ ކުންފުންޏަކަށެވެ.

10 މެގަވޮޓްގެ ފްލޯޓިންގ ސޯލަރ ޕީވީ ނިޒާމުގެ ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ މިމަސައްކަތް ކުރާނެ ކޮންޓްރެކްޓަރަކު ހޮވޭނެކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ ފުރަތަމަ ކުއަޓާގައިކަމަށެވެ. އަދި ސޯލަރ ޕީވީ ނިޒާމު ޤާއިމުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ހަދަންޖެހޭ ތިމާވެށި އަދި އެހެނިހެން ފަންނީ ސަރވޭތައް ނިމި އަމަލީ މަސައްކަތް ފެށޭނެ ކަމަށް އަންދާޒާކުރެވެނީ 2025ވަނަ އަހަރުގެ ފަހު ކުއާޓަރގައިކަމަށެވެ.

އެވުޒާރާއިން ވިދާޅުވީ މިނިޒާމުތަކުން ކަރަންޓް އުފައްދަން ފެށޭނެ ކަމަށް އަންދާޒާކުރެވެނީ 2026 ވަނަ އަހަރުގެ 2 ވަނަ ކުއާޓަރގައިކަމަށެވެ. 10 މެގަވޮޓްގެ ފްލޯޓިންގ ސޯލަރ ނިޒާމު ޤާއިމުކުރެވި އެނިޒާމުން ކަރަންޓު އުފައްދަން ފެށުމުން މިރަށްތަކުގައި ކަރަންޓް އުފެއްދުމަށްޓަކައި ބޭނުންކުރާ ޑީސެލުން އަހަރަކު ގާތްގަނޑަކަށް 4.43 މިލިއަން ލީޓަރު ދަށްވާނެކަމަށް އަންދާޒާ ކުރެވެއެވެ. އަދި ދަޢުލަތުން ތެލަށް ކުރާ ހޭދައިގެ ތެރެއިން ގާތްގަނޑަކަށް އަހަރަކަށް 35.5 މިލިއަން ދިވެހި ރުފިޔާ ސަލާމަތްކުރެވޭނެކަމަށްވެސް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެރައިސް މަޝްރޫޢުން އައްޑޫ ސީޓިގައި ޤާއިމުކުރާ 10 މެގަވޮޓްގެ ފްލޯޓިންގ ސޯލަރގެ އިތުރުން ވޯލްޑް ބޭންކުން ހިންގާ އެސްޕަޔަރ މަޝްރޫޢުންވެސް އައްޑޫ ސިޓީގައި 5 މެގަވޮޓްގެ ސޯލަރ ޕީވީ ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ. އެހެންކަމުން އެސްޕަޔަރ އަދި އެރައިސް މަޝްރޫޢުގެ ތެރެއިން 13 މެގަވޮޓްގެ ސޯލަރ ޕީވީ ނިޒާމު އައްޑޫ ސިޓީގައި ޤާއިމުވެގެންދާނެއެވެ. މިމަޝްރޫޢުތަކުން ސޯލަރ ހަކަތައިން ކަރަންޓް އުފައްދަން ފެށުމުން ރާއްޖޭގެ ތެލަށްކުރާ ހޭދަ 46.2 މިލިއަން ދިވެހިރުފިޔާ އަހަރަކު ސަލާމަތްކުރެވޭނެ ކަމަށް އަންދާޒާކުރެވެއެވެ.

އެރައިސް މަޝްރޫޢަކީ ރާއްޖޭގައި ބޭނުންކުރާ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ބޮޑުތަނުން އިތުރުކޮށް އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ރައްކާކުރެވޭނެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކޮށް ރަށްރަށުގެ ކަރަންޓް ވިއުގަތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ބޭރުގެ އެހީއާއެކު ހިންގާ މަޝްރޫޢެކެވެ.

މި މަޝްރޫޢުން ރާއްޖޭގެ އެކި ރަށްރަށުގައި 36 މެގަވޮޓްގެ ސޯލަރ ޕީވީ ގާއިމުކޮށް 40 މެގަވޮޓް އަވާގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ 19 ރަށެއްގެ ކަރަންޓް ވިއުގަވެސް މިމަޝްރޫޢުގެ ތެރެއިން އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.