ޚަބަރު

އަހަރު ނިމޭއިރު ފަތުރުވެރިކަމުގެ ގަދަ 3 ޤައުމުގެ ތެރޭގައި އިންޑިއާ ހިމެނުމަކީ އަމާޒެއް: ވަޒީރު ފައިޞަލް


  • އިންޑިއާއިން އަންނަ ފަތުރުވެރިން އިތުރުކުރުމަށް ޚާއްސަ ހަރަކާތެއްވަނީ ފަށާފައި

  • ވަޒީރު މިހާރު ހުންނެވީ ޗައިނާގައި

  • އިންޑިއާގެ 3 ސިޓީއެއްގައި މި ހަރަކާތްކުރިއަށްދާނެ

މިއަހަރު ނިމޭއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ގަދަ 3 ޤައުމުގެ ލިސްޓަށް އިންޑިއާ ގެނައުމަކީ އަމާޒެއްކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.

"ވެލްކަމް އިންޑިއާ" ނަމުގެ އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރުމުގެ ބޮޑު ހަރަކާތެއް މިހާރުވަނީ ފަށާފައެވެ.

އެމްއެމްޕީއާރުސީއިން ވިދާޅުވީ، ރޯޑްޝޯ ކޮންސެޕްޓަށް ބާއްވާ މި ހަރަކާތުގެ މަޤްޞަދަކީ ބޮޑު 3 ސިޓީއެއްގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުން ކަމަށެވެ. މި ރޯޑްޝޯތައް ބޭއްވުމަށް ހަމަޖެހިފައިވަނީ 30 ޖުލައިގައި ނިއުދިއްލީގައި، 01 އޮގަސްޓްގައި މުމްބާއީގައި އަދި 03 އޮގަސްޓްގައި ބެންގަލޫރުގައެވެ.

އިންޑިއާގެ ދިއްލީގައި ހުންނަވައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވީ، މިހާރު މިކުރެވޭ މަސައްކަތްތަކާއެކު އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

"މި މީޓިންގްސްތަކާއެކު އެމްއެމްޕީއާރުސީއިން މި ކުރެވޭ މަސައްކަތްތަކުން ވަރަށް އުއްމީދު ބޮޑު، ޓޮޕް 3 މަރކެޓުގައި އިންޑިއާ ހިމެނިގެންދާނެކަން." ވަޒީރު ފައިޞަލް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރުމުގެ އިތުރު ހަރަކާތްތައް ކުރިއަށް ގެންދިިޔުމަށްވެސް ރާވާފައިވާ ކަމަށެވެ. އަދި އެޤައުމުގެ އެއަރލައިންތަކާއި ވާހަކަދައްކައިގެން އެޤައުމުން ރާއްޖެއަށް ބާއްވާ ދަތުރުތައް އިތުރުކުރުމަށްވެސް މަސައްކަތްކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައިވަނީ އިންޑިއާގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު ޝްރީ ގަޖެންދްރާ ސިންގ ޝެކާވަތު އާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެޤައުމު ގުޅިގެން ގުޅުންތައް ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް ރޯޑްޝޯ ދިއްލީގައި މިހާރު ދަނީ ކުރިއަށެވެ. މި ހަރަކާތުގައި އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާގެ 150 އަށްވުރެ ގިނަ ފަރާތްތައް ބައިވެރިވެއެވެ.

އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް 70000އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެޤައުމަކީ ރާއްޖެއަށް 6 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެ އަހަރުތެރޭ އެ ޤައުމުން ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ.