ޚަބަރު

ކޮންމެ އަހަރަކު އެންމެ ރަނގަޅު ޢުމްރާ ޖަމާޢަތްތައް ހޮވަނީ


  • 50 އަށްވުރެ ގިނަ ޢުމްރާ ޖަމާޢަތްތަކުން ޢުމްރާއަށް ގެންދޭ

  • 5 ނުވަތަ 7 ޖަމާއަތަށް ސްޓަރ ދިނުން ނުވަތަ އެވޯޑެއް ދިނުމަކީ އަމާޒެއް

ރާއްޖެއިން މީހުން ޢުމްރާއަށް ގެންދާ ޖަމާޢަތްތަކުގެ ތެރެއިން އެންމެ ރަނގަޅަށް ހިންގާ ޖަމާޢަތްތައް ކޮންމެ އަހަރަކުވެސް ފާހަގަކޮށް އެކަމުގެ އަގުވަޒަން ކުރަން ނިންމައިިފިއެވެ.

ރާއްޖެއިން މީހުން ޢުމްރާއަށް ގެންދިޔުމުގެ ހުއްދަ 50 ޖަމާޢަތަކަށް ދޫކޮށްފައިވެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ރާއްޖެއިން މީހުން ޢުމްރާއަށް ގެންދާ ޖަމާޢަތްތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށްޓަކައި މަހާސިންތާއެއް ނުވަތަ ފޯރަމެއް ބާއްވަން ނިންމަވާފައިވާކަމަށާއި، ޢުމްރާއަށް މީހުން ގެންދިޔުމާ ގުޅޭ ގަވައިދުތަކާ ބެހޭ މަޝްވަރާ ކުރަންވެސް ރާވާފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ، ކޮންމެ އަހަރަކު އެއްފަހަރު ޢުމްރާ ޖަމާޢަތްތަކުގެ ތެރެއިން އެންމެ ރަނގަޅަށް މަސައްކަތްކުރާ ޖަމާޢަތްތަކަށް ސްޓަރ ނުވަތަ ރޭންކް ކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މިކަމުގެ ސަބަބުން ޖަމާޢަތްތަކުން ދޭ ޚިދުމަތްތައްވެސް ރަނގަޅު ކުރަން ބޮޑު ހިތްވަރަކަށްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒެއް ޢުމްރާއަށް މީހުން ގެންދާ ޖަމާޢަތްތަކުގެ ތެރެއިން ކޮންމެ އަހަރަކު ފަސް ނުވަތަ ހަތް ޖަމާއަތަށް ސްޓަރ ދިނުން ނުވަތަ އެވޯޑެއް ދިނުމަކީ." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

ރާއްޖޭގައި ޙައްޖާ ޢުމްރާއަށް ގެންދާ ޖަމާއަތްތަކުން ބޮޑު އަގު ނަގާ މައްސަލައަކީ ފެންމަތިވާ މައްސަލަތަކެވެ. ޚާއްސަ ގޮތެއްގައި ޙައްޖަށް ގެންދިޔުމަށް ބޮޑު އަގު ނަގާ މައްސަލަ އިތުރުވުމުން އެކަން ޙައްލުކުރުމަށް ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމުގެ ހުއްދަ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށް ވަނީ ދީފައެވެ.

ޙައްޖާއި ޢުމްރާގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށްޓަކާ ގަވާއިދުތަކާއި އުޞޫލުތަކުގައި ހުރި ކަންކަމާއި، ޢުމްރާ ދަތުރުތަކުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ހުރި ދަތިތަކާއި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޚާއްސަ މަހާސިންތާއެއް އަންނަ އޮކްޓޯބަރުމަހުގެ ތެރޭގައި ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ނިންމަވާފައެވެ.