ރާއްޖެ ޓްރާންސްޕޯޓް ލިންކް ޚިދުމަތަށް ބޭނުންވާ އިތުރު ފެރީތައް ބަނުމުގެ ފުރުޞަތު ދިވެހި ކުންފުނިތަކަށްވެސް ބައިވެރިވެވޭގޮތަށް އާންމުކޮށް ހުޅުވާލުމަށް ނިންމައިފިއެވެ. މީގެ ކުރިން އާރްޓީއެލް ޚިދުމަތުގައި ބޭނުންކުރާ ފެރީތައް ބަނުމަށް ހަވާލުކޮށްފައިވަނީ ބޭރުގެ ކުންފުނިތަކާއެވެ.
ރާއްޖެ ޓްރާންސްޕޯޓު ލިންކު އާރްޓީއެލްގެ ޚިދުމަތް މިހާރު 9 އަތޮޅުގެ 81 ރަށަށް ދޭއިރު މިޚިދުމަތުގައި މިހާރު 26 ފެރީ ބޭނުންކުރެއެވެ. މިޚިދުމަތް އެންމެ ފަހުން ފަށާފައިވަނީ ނ.އަތޮޅުގައެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރ. އަދި ބ. އަތޮޅުގެ ރަށްތަކަށްވެސް މިޚިދުމަތް ފެށުމެވެ.
އާރްޓީއެލް ޚިދުމަތުގައި މިހާރު ބޭނުން ކުރަމުން އަންނަނީ ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްގެން ބަނދެފައިވާ އުޅަނދުތަކެވެ. އެހެންނަމަވެސް ބާކީ ހުރި ފެރީތައް ބަނުމުގެ ފުރުޞަތު ދިވެހި ކުންފުނިތަކަށްވެސް ލިބޭގޮތް ހެދުމަށް މިހާރު ނިންމާފައެވެ. މިކަމާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ ޒައިދު އަމްޖަދު ވިދާޅުވީ ދިވެހި ކުންފުނިތަކަށްވެސް ބައިވެރިވެވޭގޮތަށް 55 ފެރީ ބަނުމަށް ވަރަށް އަވަހަށް ހުޅުވާލާނެކަމަށް.
"ޓާމިނަލްތައް އެޅުމުގެ މަސައްކަތްވެސް ސަރުކާރާ ގުޅިގެން ކުރަމުން ދަނީ. ޚާއްސަކޮށް މިވަގުތު މިބަލަނީ ޒޯން 5 އާއި 6 އަދި 2 ގައިވެސް އެންމެ ގިނައިން މަޑުކުރަން ޖެހޭ ތަންތަނަށް ފޯކަސްކޮށްގެން އެފަދަ ތަންތަން ޤާއިމްކުރުން." އެމްޓީސީސީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ ޒައިދު އަމްޖަދު ވިދާޅުވިއެވެ.
މިޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރުގެ ނައިބް އިބްރާހިމް ޔާސިރު ވިދާޅުވީ އާރްޓީއެލްގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން އަންނަ އަހަރުގެ ތެރޭގައި ޒޯން 4 ގައި ހިމެނޭ ރަށްތަކަށް ޚިދުމަތް ފަށާނެކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް ހުރިހާ ރަށަކަށް އެ ޚިދުމަތް ފޯރުކޮށްދިނުންކަމަށްވެސް ޔާސިރު ވިދާޅުވިއެވެ.
"ޖައިކާއާއެކު މިޚިދުމަތާ ގުޅިގެން އެކި މަޝްވަރާތައް މިދަނީ ކުރަމުން. އެބޭފުޅުންގެ ޓީމެއް މިހާރުވެސް ރާއްޖޭގައި އެބައުޅޭ. މިޕްރޮޖެކްޓަށް ބޭނުންވާ ޑޭޓާ ކަލެކްޓުކުރުމަށް. އެ ބޭފުޅުންވެސް މި ޕްރޮޖެކްޓަށް އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރަމުން އެގެންދަނީ" ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރުގެ ނައިބު އިބްރާހިމް ޔާސިރު ވިދާޅުވިއެވެ.
އާރްޓީއެލް ޚިދުމަތަކީ ކޮންމެ ދުވަހަކު ދެމުންދާ ޚިދުމަތަކަށް ވުމާއެކު، މިއީ ރައްޔިތުންނަށް ބަރޯސާވެވޭ ޚިދުމަތަކަށްވެސް ވަނީ ވެފައެވެ. އެންމެ ގިނަ މީހުން މި ޚިދުމަތް ބޭނުންކުރަމުން އަންނަނީ ބޭސްފަރުވާގެ ޚިދުމަތް ހޯދުމަށެވެ. ޚިދުމަތުގައި ބޭނުން ކުރަމުން އަންނަނީ އޭސީކޮށްފައި ހުންނަ، ބާރުދުވެލީގައި ދަތުރުކުރާ 50 މީހުންގެ ޒަމާނީ ލޯންޗު ފެރީތަކެކެވެ.