ޚަބަރު

ކަރަންޓާއި ފެނާއި ނަރުދަމާގެ މައްސަލަތައް ޙައްލުކުރަން ބިލިޔަނެއްހައި ރުފިޔާ ޚަރަދުވާނެ: ފެނަކަ


  • 150 އަށްވުރެ ގިނަ ރަށަށް ޔުޓިލިޓީ ޚިދުމަތް ދެނީ ފެނަކައިން

  • ކަރަންޓުގެ މައްސަލަ ޙައްލުކުރަން 800 މިލިޔަން ޚަރަދުވާނެ

  • ފެނާ ނަރުދަމާ މައްސަލަ ޙައްލުކުރަން 268 މިލިޔަން ހޭދަވާނެ

މިހާރު އޮތް ޙާލަތުން، ރަށްރަށުގެ ކަރަންޓާ ފެނާ ނަރުދަމާގެ މައްސަލަތައް ޙައްލުކުރުމަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ހޭދަވާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. ރަށްތަކުގެ ޔުޓިލިޓީ ޚިދުމަތްތަކުގައި ހުރި މައްސަލަތައް ދެނެގަތުމަށް ފެނަކައިން ދަނީ ޚާއްސަ އެސެސްމަންޓްތަކެއް ހަދަމުންނެވެ.

ރަށްރަށަށް އާއްމު ޚިދުމަތްތައް ނުވަތަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމުގެ ބޮޑު ޒިންމާއެއް އަދާކުރަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. ގާތްގަނޑަކަށް 150 އަށްވުރެ ގިނަ ރަށުގައި ކަރަންޓުގެ ޚިދުމަތް ފެނަކައިން ފޯރުކޮށްދެމުންދާއިރު، އެ ރަށްރަށުގައި ތަރައްޤީކުރާ ފެނާއި ނަރުދަމަގެ ނިޒާމުތައްވެސް ބެލެހެއްޓުން ޙަވާލުކުރަމުންދަނީ ފެނަކަ ކޯޕަރޭޝަނާއެކެވެ.

ފެނަކައިން ޚިދުމަތްދެމުންދާ ރަށްތަކުގެ ތެރޭގައި ވަރަށް ޙާލަތު ދަށްކޮށް އަދި އެއްވެސް ބެކަޕެއް ނެތް ރަށްތަށް ގިނައެވެ. ފެނަކައިން ފާހަގަކޮށްފައިވާގޮތުގައި އެ ކުންފުނިން ހަވާލުވިއިރު ކަރަންޓުގެ ޙާލަތު އެންމެ ދަށްކޮށް އޮތީ އެ ކުންފުނިން ޚިދުމަތް ދޭ އާބާދީ ބޮޑެތި ރަށްތަށްކަމަށްވާ ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ޅ. ހިންނަވަރުގައެވެ.

ފެނަކައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯޕަރޭޝަންގެ ޗީފް ޓެކްނިކަލް އޮފިސަރ ޢަބްދުﷲ ނާޝިތު ވިދާޅުވީ، ފެނަކައިން ޚިދުމަތްދޭ ރަށްތަކުގައި ހުރި 250 އެއްހާ އިންޖީނުގެ ތެރެއިން %55 އިންޖީނު ހުރީ އޯވަހޯލްނުކޮށްކަމަށެވެ. މިއީ އިންޖީނުތައް އަވަހަށް ހަލާކުވެ ކަރަންޓުގެ މައްސަލަތައް ކުރިމަތިވާ މައިގަނޑު އެންމެ ބޮޑު ސަބަބުކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އިންޖީނުތައް މަރާމާތުކޮށް އޯވަހޯލް ކުރުމަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާ، އިންޖީނުތައް އޯވަހޯލްކުރުމުގެ މަސައްކަތް ކުރިއަށް އޮތް 2-3 މަސްތެރޭ ހުރިހާ ރަށެއްގައި ނިންމާނެކަމަށް ނާޝިތު ވިދާޅުވިއެވެ.

ނާޝިތު ވިދާޅުވީ ޑިމާންޑަށް ޚިދުމަތް ދިނުމަށް، އައު އިންޖީނު ހޯދަންޖެހޭ ރަށްތަކާ ކަރަންޓު ނެޓްވޯކް އަޕްގްރޭޑްކުރަންޖެހޭ ރަށްތައް ހިމެނޭހެން 90 އަށްވުރެ ގިނަ ރަށް ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް ބޮޑު ޚަރަދެއް ހޭދަވާނެތީ، އެކަމުގައި ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކުރަމުންދާކަމަށެވެ.

"ކަރަންޓުގެ މައްސަލަ އެކަނި ޙައްލުކުރުމަށް 800 މިލިޔަނާ 1 ބިލިޔަނާ ދެމެދުގެ ޚަރަދެއް ހިނގާނެ. ރަށްތަކުގެ ސަރވޭތައް ހެދިއިރު، ވަރަށް ގިނަ ރަށްތަކުގެ ކަރަންޓުދޭ ނިޒާމު މިއޮތީ އަޕްގްރޭޑްކުރަން ޖެހިފައި. ފެނަކައިގެ އާމްދަނީއަށްވުރެ އެތަށް ގުނަ ޚަރަދެއް ހިނގާނެ. އެހެންވީމަ ސަރުކާރާ މިކަމާ ގުޅޭ މަޝްވަރާ ދަނީ ކުރަމުން." ފެނަކަ ކޯޕަރޭޝަންގެ ޗީފް ޓެކްނިކަލް އޮފިސަރ ޢަބްދުﷲ ނާޝިތު ވިދާޅުވިއެވެ.

ފެނާ ނަރުދަމާގެ މައްސަލަ ބޮޑު ރަށްތަކުގެ ތެރޭގައި ތިނަދޫ ސިޓީއާއި، ދ. ކުޑަހުވަދޫ، ގއ. ވިލިނގިލި، ތ. ގުރައިދޫ، އައްޑޫ ސިޓީ ހިތަދޫ އަދި ފ. ނިލަދޫ ފަދަ ރަށްތަށް ހިމެނެއެވެ. މި ރަށްތަކުގައި ފެނާ ނަރުދަމާގެ ވިއުގައިގެ މައްސަލަތަކާ އަދި އިތުރުވަމުން އަންނަ އާބާދީއަށް ޚިދުމަތްދެވޭ މިންވަރަށް ކެޕޭސިޓީ ނެތުން ހިމެނެއެވެ.

ފެނަކައިން ވިދާޅުވީ، މިގޮތަށް ބެކަޕް ޕްލޭނެއް ނެތުމަކީ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މިންގަނޑުތަކާވެސް ޚިލާފު ކަމެއްކަމަށެވެ. އަދި ވަރަށް ގިނަ ރަށްތަކުގައި އަލަށް މީހުން އާބާދުވާ ސަރަޙައްދުތަކާއި ބިން ހިއްކާ ސަރަޙައްދުތަކަށް ޚިދުމަތް ނުލިބުމުގެ ގޮންޖެހުން އެބައޮތްކަމަށެވެ.

"ފެނާ ނަރުދަމާގެ މައްސަލަ 22 ރަށުގައި އެބައޮތް. އަޅުގަނޑުމެން ހެދި އެސެސްމަންޓްތަކުން ފެންނަނީ މި މައްސަލަތައް ޙައްލުކުރުމަށް 268 މިލިއަން ރުފިޔާ ހޭދަވާނެކަމަށް." ފެނަކަ ކޯޕަރޭޝަންގެ ޗީފް ޓެކްނިކަލް އޮފިސަރ އަބްދުﷲ ނާޝިތު ވިދާޅުވިއެވެ.

ފެނަކައިން މިވަގުތު އެންމެ އިސްކަންދީގެން ކުރަމުންދާ މަސައްކަތަކީ ވަގުތީ ޙައްލު ބޭނުންވާ ރަށްތަކަށް އެ ޙައްލުތައް ހޯދައިދިނުމުގެ މަސައްކަތެވެ. އަދި ދާއިމީ ޙައްލު ހޯދުމަށް ބޭނުންވަ މަޝްރޫޢުތައް ފަރުމާކޮށް އެކަމަށް ބޭނުންވާ މަސައްކަތްތައް ފެށުން ހިމެނެއެވެ.

އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި މިހާރު ކުރިއަށްދަނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލައަށް ވަގުތީ ޙައްލެއް ހޯދައިދިނުމުގެ މަސައްކަތެކެވެ.