ޚަބަރު

ކޮންމެ މަސް ދޯންޏެއްގައި ފައިސާގެ ކަންކަން ބަހަލައްޓާނެ މީހަކު ތަމްރީންކުރަނީ


  • މަސްވެރިކަމުގެ ސިނާއަތުގައި މީހުން ތަމްރީން ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރާނެ

  • މީހުން ބޭނުންވާ ދާއިރާތައް ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުން

ކޮންމެ މަސް ދޯންޏެއްގައި ފައިސާގެ ކަންކަން ބެލެހެއްޓުމަށްޓައި އެކަމަށް ތަމްރީންވެފައިވާ އެކަކު ހުރިކަން ޔަޤީންކުރުމަށްޓަކައި މަސައްކަތްތަކެއް ފަށްޓަވާފައިވަކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ސަރުކާރުން ވަނީ ކޮންމެ ދޯންޏެއްގައި ރެސްކިއު ޑައިވަރެއް ތަމްރީން ކުރުމުގެ ޕްރޮގްރާމްތަކެއްވެސް ފަށްޓަވާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވީ، މަސްވެރިކަމުގެ ދާއިރާއަށް ޚާއްސަކޮށްގެން ރާއްޖޭގައި ކޯސްތަކެއް ނުހިންގާތާ ވަރަށް ގިނަ ދުވަސްވެފައިވާކަމަށެވެ. ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތައް ބޭނުންވާ ސްކްލަރޝިޕްގެ ފުރުސަތު ހުޅުވާލައި، ވީހާވެސް ގިނަ މީހުން ތަމްރީންކުރުމަކީ މިހާރުގެ ވަޒީރުގެ ވަރަށް ބޮޑު ވިސްނުމެއްކަމަށް މުއްޠަލިބު ވިދާޅުވިއެވެ.

މި މަސައްކަތުގެ ދަށުން މިވަގުތުވެސް ކުންފުނިތަކާއި ވާހަކަދައްކައިގެން މަސްވެރިކަމުގެ ސިނާއަތުގައި މީހުން ބޭނުންވާ ދާއިރާތައް ދެނެގަނެ އެކަމަށް އެސެސްމަންޓެއްހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށް މުއްޠަލިބު ވިދާޅުވިއެވެ. އަދި އެ ދާއިރާތަކުން މީހުން ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް މުއްޠަލިބު ވިދާޅުވިއެވެ.

މުއްޠަލިބު ވިދާޅުވީ، ކޮންމެ މަސް ދޯންޏެއްގައި ފައިސާގެ ކަންކަން ބެލެހެއްޓުމަށްޓަކައި އެކަމަށް ޚާއްސަކޮށް ތަމްރީންވެފައިވާ މީހެއް ބެހެއްޓުމުގެ މަސައްކަތް މިހާރު ފަށްޓަވާފައިވާކަމަށެވެ.

"މަސްވެރިކަމުގެ ދޯނިތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށްވެސް ކޯސްތަކެއް އެކުލަވާލައިގެން އެ ކޯސްތައް ހޯދައިގެން އެ ކޯސްތަކަށް ފޮނުވުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ ކޮންމެ ދޯންޏެއްގައިވެސް ފައިސާ ބެހެލެއްޓުމުގެ ނިޒާމަކީ ކޮންމެ ދޯންޏެއްގައިވެސް އެކަށީގެންވާ ގޮތެއްގައި ގާއިމްކުރެވިފައިވާ ނިޒާމަކަށް ހެދުމަށްޓަކައި ކޮންމެ ދޯންޏަކުންވެސް އެފަދަ ތަމްރީން ކުރެވިފައިވާ އެކަކު ހުރިކަން ޔަޤީންކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން." މުޙައްމަދު މުއްޠަލިބް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިކަމަކީ 1 އަހަރުން ހާސިލްކުރެވޭނެކަމެއް ނޫންކަމަށެވެ. ނަމަވެސް މި 5 އަހަރުގެ ތެރޭގައި މި މަސައްކަތުގެ ބޮޑު ބައެއް ހާސިލްކުރެވޭތޯ މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު މުއްޠަލިބު ވިދާޅުވިއެވެ.