ޚަބަރު

ތުރުކީވިލާތުން މަތީ ތަޢުލީމާ ގުޅޭ ފުރުޞަތުތައް ހޯދުމަށް މަޝްވަރާކުރައްވައިފި


  • ގިނަ ޔުނިވަރސިޓީތަކަށް ޒިޔާރަށްކުރައްވާ ފުރުޞަތުތައް ހޯދުމަށް މަޝްވަރާކުރެއްވި

ދިވެހި ދަރިވަރުންނަށް ތުރުކީވިލާތުން މަތީ ތަޢުލީމުގެ ފުރުސަތުތައް ހޯދައިދިނުމާ ގުޅޭގޮތުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާއިބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ، އެޤައުމުގެ އޮސްޓިމް ޓެކްނިކަލް ޔުނިވަރސިޓީއާއެކު މަޝްވަރާކުރައްވައިފިއެވެ. ޑރ.މާރިޔާގެ މި ދަތުރުފުޅުގައި ތުރުކީވިލާތުގެ ގިނަ ޔުނިވަރސިޓީތަކާ ބައްދަލުކުރައްވާ، ރާއްޖެއަށް ފުރުޞަތުތައް ހޯދައިދިނުމަށް ދަނީ މަޝްވަރާކުރައްވަމުންނެވެ.

މަތީ ތަޢުލީމާބެހޭ ވަޒީރުގެ ދަތުރުފުޅުގައި ވަނީ އޮސްޓިމް ޓެކްނިކަލް ޔުނިވަރސިޓީގެ ރެކްޓަރ ޕްރޮފެސަރ ޑރ. މުރާދު ޔޫލެކްއާ ބަދަލުކުރައްވާފައެވެ. އަދި މަތީ ތަޢުލީމުގެ ދާއިރާއިން އެއްބާރުލުން ދިނުމާގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ. އޮސްޓިމް ޓެކްނިކަލް ޔުނިވަރސިޓީއަކީ ފަންނީ އެކި ދާއިރާތަކުން ކޯސްތައް ހިންގާ ޔުނިވަރސިޓީއެކެވެ.

އެ ޔުނިވާސިޓީއަށް ވަޒީރުކުރެއްވި ޒިޔާރަތުގައި ވަނީ އެ ޔުނިވަރސިޓީން ކުރިއަށްގެންދާ މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު އޮލުންފިލުއްވަވާފައެވެ. އަދި ޔުނިވާރސިޓީގެ ލެބޯޓަރީތަކުގައި ކުރެވެމުންދާ މަސައްކަތްތައްވެސް ބައްލަވާލެއްވިއެވެ.

ވަޒީރުގެ މި ދަތުރުފުޅުގައި ވަނީ ތުރުކީގެ ޓޫރިޒަމް އަދި ކަލްޗަރ މިނިސްޓަރާއި ބައްދަލުކުރައްވާ، ދިވެހި ދަރިވަރުންނަށް އެޤައުމުން ލިބެންހުރި ސްކޮލަރޝިޕްގެ ފުރުސަތުތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

މަތީ ތަޢިލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާއިބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ، ތުރުކީވިލާތަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ މި މަހުގެ 6 ން 8 އަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި ވަޒީރުގެ ނައިބު އާމިނަތު ޝަޝީއާއި ވުޒާރާގެ ޕާމަނަންޓް ސެކެޓްރީ އައިމިނަތު ޙިކްމާވެސް ބައިވެރިވެވަޑައިނަވައެވެ.