ޚަބަރު

މަގުމަތިން ބުޅާ ހިފާކަމަށް ތުހުމަތުކުރެވޭ މީހެއްގެ މައްސަލައެއް ފުލުހަށް ހުށަހަޅައިފި


  • މިމައްސަލަ ފުލުހަށް ހުށަހެޅީ ދިރޭތަކެއްޗާއިބެހޭ ވުޒާރާއިން

  • އޭނާ ހޯދުމުގެ މަސައްކަތް އިމިގްރޭޝަނުންވެސް ދަނީ ކުރަމުން

މަގުމަތީގައި އުޅޭ ބުޅާތައް ހިފާ މީހެއްގެ ގޮތުގައި ތުހުމަތު ކުރެވޭފަރާތެއްގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމާށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެމީހާގެ މައްޗަށް މަގުމަތީގައި އުޅޭ ބުޅާތައް ހިފާ ކަމުގެ ތުހުމަތުކޮށް އެކަމުގެ ކަންބޮޑުވުން މީސް މީޑިއާގައިވެސް އާންމު ބައެއް ފަރާތްތަކުން ހިއްސާކޮށްފައިވެއެވެ. އަދި އެމައްސަލަ ކަމާއިބެހޭ އިދާރާތަކުގެ ސަމާލުކަމަށް އާންމުންވަނީ ގެނެސްފައެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވީ، މަގުމަތީގައި އުޅޭ ބުޅާ ހިފާ މީހެއްގެ ގޮތުގައި ތުހުމަތު ކުރެވޭ ފަރާތަކާ ބެހޭ މަޢުލޫމާތު އަމިއްލަ ފަރާތަކުން އެ ވުޒާރާއާއި ހިއްސާކުރުމާ ގުޅިގެން، އެ މައްސަލަ ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ފުލުހުން އެ މައްސަލަ ތަހުޤީޤުކުރަމުންދާކަމަށާއި އެމީހައާ ގެޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާތަކާއި ގުޅިގެން އެކަން ބަލަމުންދާ ކަމަށް ފުލުހުންނާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މިމައްސަލަ ފެންމަތިވެ އޭނާ ހޯދުމުގެ މަސައްކަތް އިމިގްރޭޝަނުންވެސް ވަނީ ފަށާފައެވެ. އެގޮތުން މައްސަލަ ބެލުމަށް އޭނާ ދިރިއުޅޭ ތަނަށް އިމިގްރޭޝަނުން ދިޔައިރު އެތަނުން އޭނާ ފެނިފައި ނުވާތީ، އޭނާގެ ވަނަވަރު އާންމުކޮށް ކުރިއަށް އޮތް 5 ދުވަސް ތެރޭގައި އޭނާ އިމިގްރޭޝަނަށް ހާޒިރުވުމަށް ވަނީ އަންގާ އިއުލާންކޮށްފައެވެ. އަދި އޭނާއާއި ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ހުރިނަމަ އިމިގްރޭޝަނަށް ގުޅައި ނުވަތަ އީމެއިލް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރުމަށް އިމިގްރޭޝަނުން އެދެއެވެ.