ޚަބަރު

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި


  • ސްކޫލްތައް އާއްމުކޮށް ފެށޭ ގަޑިއާއި ނިމޭ ގަޑީގައި މުދާ އުފުލުމަކީ މަނާކަމެއް

  • މިގަޑިތަކާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ

މާލެ ސަރަޙައްދުގައި މުދާ އުފުލާ އުޅަނދުތަކާއި ބަރު އުޅަނދު ދުއްވުން މަނާ ވަގުތުތަކެއް ކަނޑައަޅައިފިއެވެ.

އިގުތިޞާދީ ތަރައްޤީއާ ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މާލެ ސަރަޙައްދުގައި މުދާ އުފުލާ އެއްގަމު އުޅަނދާއި ބަރު އުޅަނދު ދުއްވާ ގަޑިތަކެއް އެ ވުޒާރާއިން މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

ދަތުރުފަތުރާބެހޭ ވުޒާރާއިން ވިދާޅުވީ، މިގޮތަށް ވަކި ގަޑިތަކެއް ކަނޑައަޅާފައިވަނީ މާލެ ސަރަޙައްދުގެ މަގުތަކުގައި ހިނގާބިގާވެ އުޅޭ ފަރާތްތަކާއި އުޅަނދު ދުއްވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

މިއީ މާލެ ސަރަޙައްދުގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި އުޅަނދުތައް ދުއްވާ ފަރާތްތަކަށް ފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ޚާއްސަކޮށް ދަރިވަރުންނަށާއި ބެލެނިވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ނިންމި ނިންމުމެެއްގެ ގޮތުގައި އެވުޒާރާއިން ފާހަގަކުރެއެވެ.

ސްކޫލް އޮންނަ ދުވަސްތަކުގައި، ސްކޫލްތައް އާއްމުކޮށް ފެށޭ ގަޑިއާއި ނިމޭ ގަޑީގައި، ސްކޫލްތަކުގެ ސަރަހައްދުތަކުގައި ވަކި ބާވަތެއްގެ އުޅަނދެއް ދުއްވުމާއި، އެފަދަ އުޅަނދުތަކުގައި މުދާ އުފުލުން ވަނީ މަނާކޮށްފައެވެ.

އަލަށް ކަނޑައެޅި އުސުލުގެ ދަށުން، ހެނދުނު 06:00 އިން 08:30 އަށް 350 ކިލޯއަށް ވުރެ މަތީގެ މުދާ އުފުލާ އުޅަނދުތަކާއި ފޯކްލިފްޓް، ޓްރަކް، ކްރޭން އަދި ޓްރެއިލަރ ފަދަ ބަރު އުޅަނދުފަހަރު ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެނިހެން މަގުތަކުގައްޔާއި ހުޅުމާލޭގެ މަގުތަކުގެ އިތުރުން ސިނަމާލެ ބުރިޖާއި ހައިވޭގައި ދުއްވުން ވަނީ މަނާކޮށްފައެވެ.

ހެނދުނު 11:30 އިން މެންދުރު 01:30 އަށް، 350 ކިލޯއަށް ވުރެ މަތީގެ މުދާ އުފުލާ އުޅަނދުތަކާއި ބަރު އުޅަނދުތައް ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން މަގުތަކުގައްޔާއި ބުރިޖު އަދި ހައިވޭގައި ދުއްވުންވެސް ވަނީ މަނާކޮށްފައެވެ.

ދަތުރުފަތުރާބެހޭ ވުޒާރާއިން ވަނީ، މިފަދަ އުޅަނދުތައް ދުއްވާ ފަރާތްތަކުން މި ގަޑިތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ދަންނަވާފައެވެ. އަދި މިކަމާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.