ޚަބަރު

ސަރުކާރުން ކުންފުނިތަކަށް ދޭން ހުރި ފައިސާ ދައްކާނެ ގޮތްތައް ކަނޑައަޅައިފި


  • ސަރުކާރުން ކުންފުނިތަކަށް ފައިސާ ދައްކާނީ ދައުލަތުގެ އާމްދަނީން

  • ކުންފުނިތަކަށް ފައިސާގެ ބަދަލުގައި އެހެން ގޮތްތައް ހަމަޖެއްސުމަށްވެސް ފުރުސަތު ދޭނެ

ސަރުކާރުން ކުންފުނިތަކަށް ދޭންހުރި ފައިސާ ދައްކައި ޚަލާސް ކުރާނެ ގޮތްތަކެއް ކަނޑައަޅައި އެމައްސަލަ ހައްލުކުރުމަށް ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ. އެމަނިކުފާނު މިގޮތަށް ނިންމެވީ ޤައުމަށް މިހާރު ދިމާވެފައިވާ މާލީ ގޮންޖެހުންތަކަށް ހައްލު ހޯއްދެވުމަށް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށްފަހުއެވެ.

ޤައުމުގެ ފިސްކަލް އަދި މަނިޓަރީ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މަލީ ވަޒީރު އެކަމާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހުގައެވެ.

ސަރުކާރުން ކުންފުނިތަކަށް ދޭންހުރި ފައިސާގެ ތަފްސީލާއި އެ ފައިސާ ދޭންހުރި ބޮޑެތި ވެންޑަރުންނަށް ދެވިދާނެ ޙައްލުތަކާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވިކަންކަމުގެ ތެރޭގައި ދައުލަތަށް ލިބޭ އާމްދަނީން މި ފައިސާ ދައްކާ ޚަލާސްކުރަން ވަނީ ނިންމާފައެވެ. މިގޮތުން މިކަން ކުރާނީ ކޮންމެ މަހަކު ވެންޑަރުންނަށް ދެއްކުމަށް ކަނޑައެޅޭ ފައިސާގެ އަދަދަށް ބަލައި، އެންމެ ގިނަ ދުވަސްވީ ބިލުތަކުގެ ތަރުތީބުން، ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ފައިސާ ދެއްކުމުގެ ކަންކަން ކުރިއަށް ގެންދާގޮތަށެވެ. އަދި ކަނޑައެޅޭ ވަކި މިންވަރަކަށްވުރެދަށުގެ ބިލުތަކަށް ފައިސާ ދައްކާނެ އަދަދެއް ކަނޑައަޅައި، ދެބައި ވަކިން ބެލެހެއްޓުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ފައިސާ ނުދެއްކި ހުރި ފަރާތްތަކަށް ފައިސާ ދެއްކުމުގައި އިތުރު ގޮތްތަކެއް ހަމަޖެއްސުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ދައުލަތުން ނުދެއްކި ހުރި ފައިސާއަށް ބަދަލުދޭނެ ގޮތްތައް

  • ވެންޑަރުންނަށް އިތުރު އާމްދަނީއެއް ލިބޭނެ ފަދަ ޓީ-ބޮންޑަކަށް އެ ފައިސާ ބަދަލުކުރުން
  • ބިމެއް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ދިނުން
  • ވިޔަފާރިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާއިން (ހާއްސަކޮށް ޓެކްސްއިން) އެފައިސާ އޮފްސެޓް ކުރުން

މީގެ އިތުރުން އެކިއެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް، ކަމާބެހޭ ފަރާތްތައް ހިމެނޭ ގޮތަށް ޓާސްކްފޯހެއް އެކުލަވައިލުމަށް ސަރުކާރުން ވަނީ ނިންމަވައި އެ ފައިސާ ހޯދުމުގެ މަސައްކަތް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރެއްވުމަށް ވަނީ ނިންމާވާފައެވެ. މީގެ އިތުރުން މަލީ ވުޒާރާއިން ހުށަހެޅުއްވި ލޯނު ފުރުސަތުތަކުގެ އިތުރަށްވެސް ކުރު މުއްދަތެއްގެ ތެރޭގައި ލޯނު ލިބޭނެ އިތުރު ގޮތްތައް ބައްލަވައި އެކަމަށް މަސައްކަތްކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ވަޒީރުންގެ މަޖިލީހުގައި ނިންމެވި އިތުރު ކަންކަމުގެ ތެރޭގައި، ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ބާޒާރު ހަރުދަނާކޮށް، ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް އިތުރުކުރެއްވުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމަވާފައެވެ. އެގޮތުން ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނެވުމަށާއި، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ރާއްޖެއަށް އެތެރެކުރާ މުދަލުން ނަގާ އިމްޕޯޓް ޑިއުޓީ، ޑޮލަރުން ނަގަން ފެއްޓެވުމަށް ވަނީ ނިންމަވާފައެވެ. އަދި ބޭރު ފައިސާއިން މުސާރަ ދޭ ކުންފުނިތަކަށް ޤާނޫނު ޕެންޝަނާއިބެހޭ ޤާނޫނަށް އިސްލާހު ގެނެސް ޕެންޝަން ކޮންޓްރިބިއުޝަން، ޑޮލަރުން ނަގަން ފެށުމާއި ބޭރު ފައިސާއިން އާމްދަނީ ލިބޭ ކުންފުނިތަކުގެ ކޯޕަރޭޓް އިންކަމް ޓެކްސް، އެމެރިކާ ޑޮލަރުން ދައްކާ ގޮތަށް ބަދަލު ކުރުމަށްވެސް ވަނީ ނިންމާފައެވެ.