ޚަބަރު

ތަރުޙީބު ބޮޑުވެ "ކަމަނާ"ގެ ވަދާޢީ ޝޯވތަކެއް ބޭއްވުމަށް މަސައްކަތް ކުރަނީ


  • ހުރިހާ ޝޯވ ތަކެއްގެ ޓިކެޓް ވަނީ ހުސްވެފައި

އާންމުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ދިވެހި ފިލްމް "ކަމަނާ" ގެ ވަދާޢީ ޝޯވތަކެއް އެޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް ފިލްމުގެ ޑައިރެކްޓަރ ޙުސައިން މުނައްވަރު ބުނެފިއެވެ.

އަންބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައި އޮތް ބިރުވެރި މިންވަރު ފެނިގެންދާ "ކަމަނާ" އޮލިމްޕަހުގައި އެޅުވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގައެވެ. މިއީ ޙަޤީޤީ ހާދިސާއަކަށް އުފައްދާފައިވާ ފިލްމެކެވެ.

އާންމުގެ މެދުގައި ތަރުޙީބު އިތުރުވަމުން އަންނަ ފިލްމް "ކަމަނާ" ފިލްމް އެޅުވިފަހުން ހުރިހާ ޝޯވއެއްގެ ޓިކެޓް ވަނީ ވިކި ހުސްވެފައެވެ. މިމަހުގެ 11،10 އަދި 13 ވަނަ ދުވަހުގެ އިތުރު ގަޑިތަކެއްގައިވެސް ފިލްމު އެޅުވުމަށް ނިންމިނަމަވެސް އެ ޝޯވތަކަށްވެސް ވަނީ ޓިކެޓް ހުސްވެފައެވެ.

މީގެ އިތުރުން މިމަހުގެ 14 ވަނަ ދުވަހު މެންދުރު ފަހާއި ރޭގަނޑު 23:30 ގައި އިތުރު ޝޯވތަކެއް ބެއްވުމަށް ނިންމާފައިވާއިރު އެ ޝޯވގެ ޓިކެޓްތައްވެސް މިހާރު ވަނީ ހުސްވެފައެވެ.

ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ވަދާޢީ ޝޯތަކެއް ބޭއްވުމަށެވެ. އެގޮތުން މިމަހުގެ 15 ވަނަ ދުވަހު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވާ ފިލް އުދަބާނީގެ ޝޯވތަކުގެ ތެރެއިން "ކަމަނާ" އެޅުވުމަށް 3 ޝޯވއެއް ދިނުމަށް އުދަބާނީގެ ޓީމަށް އެދެމުންދާކަމަށް ޑައިރެކްޓަރ ޙުސައިން މުނައްވަރު ބުންޏެވެ. އަދި އެ ޓީމްގެ ފަރާތުން ޖަވާބެއް ލިބުނުހާ އަވަހަކަށް ވަދާޢީ ޝޯވތައް އިޢުލާންކުރާނެކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ބެލުންތެރިން ހިތްހަމަޖެހޭ ގޮތަށް ދެއްކޭނެ ގޮތަށް ހަމަޖެއްސުމަށް. އެކަން ކުރުމަށް އަޅުގަނޑުމެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަށް." ފިލްމުގެ ޑައިރެކްޓަރ ޙުސައިން މުނައްވަރު ބުންޏެވެ.

މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް މި ފިލްމުގެ ޝޯވތައް ވަނީ އަޅުވާފައެވެ. އަތޮޅުތެރެއިންވެސް މި ފިލްމަށް ބޮޑު ތަރުޙީބެއް ލިބުނެވެ. ކިޑް ޕްރޮޑަކްޝަނާއި ސެޓަރން ސްޓޫޑިއޯ ހުށަހަޅައިދިން މި ފިލްމުގެ ޕްރޮޑިސަރުންނަކީ ކާމިޔާބު ފިލްމު "ލޯބިވެވިއްޖެ" ގެ ޕްރޮޑިއުސަރ ޝާނިޒް ޢަލީ އަދި ޙުސައިން މުނައްވަރުއެވެ. މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ޙުސައިން މުނައްވަރުއެވެ.

މި ފިލްމްގެ ލީޑް ތަރީންގެ ތެރޭގައި މަރްޔަމް އައްޒައާއި ޔޫސުފް ޝަފީޢުގެ އިތުރުން އާމިނަތު ރަޝްފާ (އާޝާ) ހިމެނެވެ. މީގެ އިތުރުން ނަތާޝާ ޖަލީލާއި މުޙައްމަދު މަނިކާއި ދަރާ މުޙައްމަދު ރަޝީދު ފިލްމުގެ މުހިންމު ރޯލްތަކުން ފެނިގެންދެއެވެ.

ދިވެހި ފިލްމް "ކަމަނާ" ސިނަމާގައި އެޅުވުމާއެކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފިލްމުގެ ޝޯވތައް ހައުސްފުލްވެގެންދިޔައިރު، ފަހުން އިތުރުކުރި މުއްދަތުގެ ތެރޭގައިވެސް ޓިކެޓް ގަތުމަށް އޮލިމްޕަސްކައިރީ ދިގު ކިއުތަކެއް ހަދާފައިވާކަން ފާހަގަކޮށްލެވެއެވެ. މިއީ ފަހުގެ ތާރީޚެއްގައި ދިވެހި ފިލްމަކަށް ބެލުންތެރިންގެ ފަރާތުން މިހާ ބޮޑު ތަރުޙީބެއް ލިބުނު ފުރަތަމަ ފަހަރެވެ.