ޚަބަރު

ޕީޖީ ޢައްޔަންކުރެއްވުމަށް އަންނަ ބުދަ ދުވަހު ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ


  • ދައުރުން ބޭރުން ޖަލްސާ ބާއްވަން ސޮއި ވަނީ ހަމަކޮށްފައި

  • ދައުރުން ބޭރުން 2 ޖަލްސާ ބާއްވަން ދައުރުގެ އެންމެ ފަހު ޖަލްސާގައި ވަނީ ނިންމާފައި

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް އަންނަ ބުދަ ދުވަހު ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ދައުރުން ބޭރު ޖަލްސާއެއް ބޭއްވޭނީ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކުގައެވެ. 20 ވަނަ މަޖިލީހުގައި 92 މެންބަރުން ތިއްބަވާއިރު 31 މެންބަރުންގެ ސޮއި ބޭނުންވާއިރު އެ އަދަދަށް ސޮއި ހަމަވެފައިވާ ކަމަށް މަޖިލީހުގެ ޕީއެންސީ ޕާލަމަންޓްރީ ގްރޫޕުން ވަނީ ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދެއްވާފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލުން ބޭފުޅަކު ޢައްޔަންކުރުމަށް ދައުރުން ބޭރުން ދެ ޖަލްސާއެއް ބާއްވަން ނިމުނު ދައުރުގެ ފަހު ޖަލްސާގައިވަނީ ނިންމާފައެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން އެ މަޤާމު އެއްވެސް ޙާލަތެއްގައި ހުސްވެއްޖެނަމަ، މަޤާމު ހުސްވާތާ ލަސްވެގެން 30 ދުވަހުގެ ތެރޭގައި އެ މަޤާމަށް މީހަކު ޢައްޔަންކުރަން ޖެހެއެވެ.

ޕީޖީގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި އަލްއުސްތާޛް ޙުސައިން ޝަމީމް މިދިޔަ މަހުގެ 22 ވަނަ ދުވަހު އެ މަޤާމުން ވަކިކުރުމަށް މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ. އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ މި މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 12:00އާ ހަމައަށް ހުޅުވާލާފައެވެ.

ރައީސް އޮފީހުން ވިދާޅުވީ ޕީޖީގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ބަލައިގަންނާނީ، މި މަހުގެ 10 އިން 11 އަށް، ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން 12:00 އަށް އެ އޮފީހުން ކަމަށެވެ.