ޚަބަރު

7 ޤައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުންނާއި ޚާރިޖީ ވަޒީރު ބައްދަލުކުރައްވައިފި


7 ޤައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުންނާއި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބައްދަލުކުރައްވައިފިއެވެ.

ޚާރިޖީ ވަޒީރު ބައްދަލުކުރައްވާފައިވަނީ އަލްޖީރިއާ، ޑިބުޓީ، އާޒަރުބައިޖާން، ބަލްގޭރިއާ، ވިއެޓްނާމް، ޖޯޖިއާ އަދި ޤަތަރުން ކަނޑައެޅުއްވި ސަފީރުންނާއެވެ.

މި ބައްދަލުކުރެއްވުމުގައި ސަފީރުން ވަނީ ރާއްޖެއާ އެ ޤައުމުތަކާ ދެމެދު ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް އެބޭފުޅުންގެ ދައުރުގައި އިތުރުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އާޒަރުބައިޖާންގެ ސަފީރު އެލްޗިން ނަރީމަނޮގްލް ސޭންލީ އާއި ސަފީރު ޒަމީރު ވަނީ ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ސަގާފީ އެއްބާރުލުމާއި، ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކުގެ ކަންކަމުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މަލްޓިލެޓަރަލް ފޯރަމްތަކުގައި، ޚާއްޞަކޮށް ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމުގައި ވަރަށް ގާތުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ޑިބުޓީގެ ސަފީރު އިސޭ ޢަބްދުﷲ އަސާވޭއާއެކު ބޭއްވި ބައްދަލުވުމުގައި ވަޒީރު ޒަމީރު ވަނީ ރާއްޖެއާއި ޑިބުޓީއާ ދެމެދު ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކުގައި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

ވިއެޓްނާމްގެ ސަފީރު ޓްރިންހް ތީ ޓާމްއާއެކު ބޭއްވި ބައްދަލުވުމުގައި ވައިގެ ގުޅުމާއި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި މުސްތަޤްބަލުގައި އެއްބާރުލުމާއި ގުޅުން ބަދަހިކުރެވޭނެ ދާއިރާތައް ދެނެގަތުމާ ބެހޭގޮތުން ޚިޔާލު ބަދަލު ކުރެއްވިއެވެ. އަދި ސަފީރު ޓެމް ވަނީ ބައިލެޓަރަލް އަދި މަލްޓިލޭޓަރަލް އެންގޭޖްމަންޓްތަކަށް ހަރުދަނާ އަދި ފައިދާހުރި ޕާޓްނަރޝިޕެއް ޤާއިމުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ބައްދަލުކުރެއްވުންތަކުގައި ވަޒީރު ޒަމީރުގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި ސެކްރެޓަރީ ބައިލެޓަރަލް ޑރ.ހާލާ ހަމީދާއި ޖޮއިންޓް ސެކްރެޓަރީ މަރިޔަމް ރީޝާ އާއި ޑެޕިއުޓީ ޑެސްކް އޮފިސަރު ފާތުމަތު ލަޔާނާ އިހުސާން ބައިވެރިވެވަޑައިގެންނެވިއެވެ.