ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ވަރަށް އަވަހަށް އިންޑިއާއަށް ވަޑައިގަންނަވަނީ


  • ރައީސް ވަނީ މީގެކުރިންވެސް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަރަށް އަވަހަށް އިންޑިއާއަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މިހާރު ކުރިއަށްދަނީ މި ދަތުރުފުޅު ކުރެއްވުމަށް އެންމެ ރަނގަޅު ތާރީޚަކީ ކޮބައިތޯ މަޝްވަރާކުރުމުގެ މަސައްކަތްކަމަށެވެ. ދަތުރުގެ ތާރީޚު ކަނޑައަޅާނީ ދެ ޤައުމުގެ އިސްވެރިންނަށްވެސް އެންމެ ފަސޭހަ ތާރީޚަށް ބެލުމަށް ފަހުގައިކަން ހީނާ ފާހަގަކުރެއްވިއެވެ.

"ދިވެހިރާއްޖެއާއި އިންޑިއާއާއިއެކީގައި މިވަގުތު އެންމެ ރަނގަޅު ތާރީހަކީ ކޮބައިތޯ އެކަމާއި ގުޅޭ މަޝްވަރާތައް ކުރިއަށް މިދަނީ. އެހެންވީމަ އެނގިވަޑައިގަންނަވާނެ ދައުލަތުގެ އެންމެ އިސްވެރިން އެގޮތައް ކުރައްވާ ދަތުރުފުޅުކުރައްވަމުން ގެންދަވަނީ ދެ ޤައުމުގެ އެންމެ އިސްވެރިންނަށް އެންމެ ފަސޭހަ ވަގުތުތަކުގައި. އެކަމާއި ބެހޭ މަޝްވަރާތައް މިހާރު ކުރެވެމުންދާ ވާހަކަދަންނަވާލަން." ހީނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވެރިކަމަށް ވަޑައިގެންނެވިފަހުން އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. މިއަހަރުގެ ޖޫން މަހު ކުރެއްވި އެ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ބޮޑުވަޒީރުކަމުގެ އައު ދައުރަކަށް އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން، ބޮޑުވަޒީރު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ރާއްޖެއާ އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.