ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބީ ގުޅިފައިވަނީ ޒިންމާދާރު އުސޫލުތަކުގެ މައްޗަށް: ޝިއުރީ


  • ޝިއުރީ މިހެން ވިދާޅުވީ ޗައިނާގައި އޮތް ފަތުރުވެރިކަމުގެ ހަރަކާތެއްގައި

  • ރާއްޖެއިން ފަތުރުވެރިކަމަށް ދޭ އަހައްމިއްޔަތު ވަނީ ކިޔާދީފައި

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކާމިޔާބީ ބިނާވެފައި ވަނީ ޒިންމާދާރު ފަތުރުވެރިކަމުގެ އުސޫލުތަކުގެ މައްޗަށް ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ޗައިނާގެ ހައިނާންގައި ބޭއްވި "2024 ޓްރޮޕިކަލް ކޯސްޓަލް ސިޓީ ޓޫރިޒަމް އިވެންޓް" ގައި ދިވެހިރާއްޖެ ތަމްސީލްކުރައްވަމުންނެވެ.

ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ގެ އެހީތެރިކަމާއެކު މި ހަރަކާތް ކުރިއަށް ގެންދިޔައީ ސަންޔާ ސިޓީގެ ބިއުރޯ އޮފް ޓޫރިޒަމް، ކަލްޗާ، ރޭޑިއޯ، ޓީވީ އެންޑް ސްޕޯޓްސް އާއި ސަންޔާ ޓޫރިޒަމް ބޯޑު ގުޅިގެންނެވެ.

މި ހަރަކާތުގައި ރާއްޖޭގެ ވަފުދުގައި އެމްއެމްޕީއާރުސީގެ ޗެއަރޕަރސަން ޢަބްދުالله ޤިޔާސް ރިޔާޒާއި ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ބައިވެރިވެވަޑައިގަތެވެ.

އިންޓަނޭޝަނަލް ޓޫރިޒަމް މާކެޓިންގ ގެ ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގެ އެމްއެމްޕީއާރުސީގެ އެމްޑީ ޝިއުރީ ވަނީ ވާހަކަދައްކަވާފައެވެ.

މިގޮތުން ޕަބްލިކް ޕްރައިވެޓް ކޯލަބްރޭޝަންއާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އަޕްސްކިލްކުރުމުގެ މުހިންމުކަމާއި، ފަތުރުވެރިކަމުގެ އާމްދަނީ ހަމަހަމަކަމާއެކު މުޅި ރާއްޖެއަށް ބެހުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކުރުން ފަދަ މުހިންމު މައުޟޫޢުތަކާ ބެހޭގޮތުން ޝިއުރީ މަޝްވަރާކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކާމިޔާބީ ބިނާވެފައި ވަނީ ޒިންމާދާރު ފަތުރުވެރިކަމުގެ އުސޫލުތަކާއި ދެމެހެއްޓެނިވި ކުރިއެރުމަށް ޕަބްލިކް ސެކްޓާ އާއި ޕްރައިވެޓް ސެކްޓާގެ މެދުގައި އޮންނަ އެއްބައިވަންތަ ވިސްނުމުގެ މައްޗަށް" ޝިއުރީ ވިދާޅުވިއެވެ.

2024 ޓްރޮޕިކަލް ކޯސްޓަލް ސިޓީ ޓުއަރިޒަމް އިވެންޓުން ވަނީ އެކިއެކި ގައުމުތަކުގެ ފަތުރުވެރިކަމުގެ މާހިރުންގެ ވިސްނުން ހިއްސާކުރުމަށާއި އިންޑަސްޓްރީގެ ފަންނުވެރިންނާއެކު ނެޓްވޯކިންގ ހަރަކާތްތައް ކުރިއަށްގެންދިޔުމުގެ އިތުރުން ޓްރޮޕިކަލް ކޯސްޓަލް ސަރަޙައްދުތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ ފުރުޞަތުތައް ހޯދުމަށް އަގުހުރި ޕްލެޓްފޯމެއް ފަހިކޮށްދީފައިކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

މި ހަރަކާތުގައި އެމްއެމްޕީއާރުސީން ބައިވެރިވުމުގެ ސަބަބުން ފަތުރުވެރިކަން މާކެޓްކުރުމުގައި ރާއްޖެއިން ބޭނުންކުރަމުންދާ ތަފާތު ވިސްނުންތައް ހިއްސާކޮށް ރާއްޖެއިން ފަތުރުވެރިކަން ކުރިއެރުވުމަށްދޭ އަހައްމިއްޔަތުކަން ދައްކާލާފައިވާކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.