ހެޕިނެސްގެ އިންޑެކްސް ކަނޑައަޅާނީ ރައްޔިތުންނާއި ކައުންސިލްތަކުގެ ބައިވެރިވުމާއެކުކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އުފާވެރިކަމުގެ އިންޑެކްސް އެކުލަވާލުމާ ބެހޭގޮތުން ބޭއްވި ދެވަނަ މަސައްކަތު ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
ހެޕިނެސް ނުވަތަ އުފާވެރިކަމުގެ އިންޑެކްސް އެކުލަވާލުމާބެހޭ މަސައްކަތު ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ އުޞޫލުން ކަންކަން ނިންމުމުގައި އެންމެ މުހިންމީ ރައްޔިތުންނާއި ކައުންސިލްތަކުގެ މަޝްވަރާއާއެކު ކަންކަން ނިންމުން ކަމަށެވެ.
ވަޒީރު އާދަމް ޝަރީފް ވިދާޅުވީ އުފާވެރިކަމުގެ އިންޑެކްސް އެކުލަވާލާއިރުވެސް އޭގެ އެންމެ ރަނގަޅު ނަތީޖާއެއް ނިކުންނާނީ ރައްޔިތުންނާއި ކައުންސިލްތަކާއެކު މަޝްވަރާއާއެކު އިންޑެކްސް އެކުލަވާލެވިގެން ކަމަށެވެ. އަދި މިއަދު ކައުންސިލްތަކާއެކު ބައްދަލުކޮށް އުފާވެރިކަމުގެ އިންޑެކްސް އެކުލަވާލުމުގައި ޚިޔާލާއި މަޝްވަރާ ހޯދަން ނިންމެވީ އެ ސަބަބާހުރެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ރަށްރަށުގެ އުފާވެރިކަމުގެ އިންޑެކްސް ކުރިއެރުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ކައުންސިލްތަކަށް. މިހެންވެ އެންމެން ޝާމިލްވާނެހެން އިންޑެކްސް ކަނޑައެޅުމަށް އަޅުގަނޑުމެން މި މަސައްކަތްކުރަނީ." އާދަމް ޝަރީފް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އުފާވެރިކަމުގެ އިންޑެކްސް އެކުލަވާލުމުގައި ގިނަ ކައުންސިލްތަކުގެ ޝައުގުވެރިކަން ހުރިކަން ފާހަގަކުރެވޭ ކަމަށެވެ.
އުފާވެރިކަމުގެ އިންޑެކްސް އެކުލަވާލުމާ ބެހޭގޮތުން މިއަދު ކުރިއަށްދިޔަ މަސައްކަތު ބައްދަލުވުމުގައި ރަށާއި އަތޮޅު ކައުންސިލްތަކުން 140 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ. މިގޮތުން ކައުންސިލް ރައީސުންނާއި ނައިބު ރައީސުންނާއި މެންބަރުންނާއި ސިޓީ ކައުންސިލްތަކުގެ މޭޔަރ އަދި ޑެޕިޔުޓީ މޭޔަރުންވެސް ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގައި އުފާވެރިކަމުގެ އިންޑެކްސްއާ ބެހޭގޮތުން ކައުންސިލްތަކަށް މަޢުލޫމާތު ދީފައިވެއެވެ.
އުފާވެރިކަމުގެ އިންޑެކްސް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ގުޅިގެންނެވެ.
އުފާވެރިކަމުގެ އިންޑެކްސް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރަމުންދަނީ މި އިންޑެކްސް ކަނޑައެޅުމުގައި ބަލާނެ އޮނިގަނޑެއް ނުވަތަ ރުބްރިކެއް ހެދުމުގެ މަސައްކަތެވެ.