ޚަބަރު

ދަނޑުވެރިކަމުގެ މަޢުލޫމާތު އެއްކުރުމަށް ޤައުމީ ފެންވަރުގެ މަސައްކަތެއް ފަށާނީ


  • މިމަހުގެ ތެރޭގައި މިސަރވޭގެ މަސައްކަތް ފެށުމަށްދަނީ ތައްޔާރުވަމުން

  • މިއާއެކު ރާއްޖޭގައި ހެއްދޭ ބާވަތްތަކުގެ ނިސްބަތް ދެނެގަނެވި އިމްޕޯޓަށް ބަރޯސާވާވަރު ދަށްކުރުމަށް މަސައްކަތް ކުރެވޭނެ

ދަނޑުވެރިކަމާއި ގުޅޭގޮތުން މަޢުލޫމާތު އެއްކުރުމަށް ޤައުމީ ފެންވަރުގައި "އެގްރިކަލްޗަރ ސެންސަސް"ގެ ނަމުގައި ސަރވޭއެއް ފެށުމަށް ތައްޔާރުވެފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ.ޢައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.

މި ސަރވޭގެ މަސައްކަތް މިމަހު ފެށުމަށްދަނީ މަސައްކަތް ކުރަމުންނެވެ.

ދަނޑުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން މުހިއްމު އެއްދާއިރާއެވެ. ރާއްޖޭގެ އެވޭލާ ޒަމާނުގައި ފުޅާދާއިރާއެއްގައި މިމަސައްކަތް ކުރެވިފައިވާކަން އެންގެން އޮތްއިރު މިހާރުވެސް ބައެއް ރަށްރަށަކީ ދަނޑުވެރިކަމުގައި ޙަރަކާތްތެރިވެ އެކަމުން ޢާމްދަނީ ހޯދަމުންދާ ރަށްރަށެވެ. އެހެންނަމަވެސް މިގޮތަށް މަސައްކަތްކުރާ ރަށްރަށާއި ދަނޑުވެރިންގެ މަޢުލޫމާތު އެންމެ އެކަށީގެންވާ ގޮތުގައި ސަރުކާރުގެ ވުޒާރާތަކުގައި ނެތެވެ. ދަނޑުވެރިކަމުގެ ސިނާޢަތްކޮޅަށް ޖެހުމަށް ކުރިމަތިވާ އެންމެ ބޮޑު ހުރަހަކީވެސް އެކަށިގެންވާ މަޢުލޫމާތު ނެތުމެވެ.

މިކަމަށް ޙައްލެއް ގެނައުމަށް ސަރުކާރުން މިހާރުދަނީ ތައްޔާރުވަމުންނެވެ. މިމަޝްރޫޢާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ.ޢައިޝަތު ރަމީލާ ވިދާޅުވީ، ސިނާޢަތާއި ބެހޭ ރަނގަޅު މަޢުލޫމާތު ނެތުމަކީ ބޭރުގެ އެހީ ނުވަތަ ފަންޑު ހޯދުމަށާއި، ރަނގަޅު މަޝްރޫޢުތައް ރާވާ ހިންގުމަށްވެސް ކުރިމަތިވާ އެންމެ ބޮޑު އެއް ހުރަސްކަމަށެވެ.

"އަޅުގަނޑުމެނަށް އެބަ އިނގޭ ކަސްޓަމްސްގެ ޑޭޓާއިން ރާއްޖެއަށް އެތެރެވާ ކާބޯތަކެތީގެ ބާވަތްތައް. އެކަމަކު ދިވެހި ދަނޑުވެރިން އުފައްދާ ބާވަތްތަކުގެ މަޢުލޫމާތު އެނގޭނެ ގޮތެއް ނެތް. މިސާލަކަށް ބަލާނަމަ ރާއްޖޭގައި ކަރާ އުފައްދަނީ ކިހާވަރަކަށްކަން އެނގުމުން އަޅުގަނޑުމެނަށް އިނގޭނެ އިމްޕޯޓު މަދުކުރެވޭނެ ނިސްބަތް. އަދި އިތުރަށް ކިހާވަރަކަށް އުފައްދައިގެންކަން ކަރާއަކީ 100 އިންސައްތަ ދިވެހިން އުފައްދާ އެއްޗަކަށް ހެދޭނެކަންވެސް އެނގިގެންދާނެ." ވަޒީރު ވިދާޅުވިއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ.ޢައިޝަތު ރަމީލާ ވިދާޅުވީ، މިސަރވޭއަށް ބޭނުންވާ ސުވާލުތައް ތައްޔާރުކޮށް 2 ފަހަރެއްގެ މަތިން ޓެސްޓުކޮށްފައިވާކަމަށެވެ. އަދި މިމަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއާއި ގުޅިގެންކަމަށް ވަޒީރު ވިދާޅުވިއެވެ. މިމަސައްކަތް މިމަހުގެ ތެރޭގައި މުޅި ރާއްޖޭގައި ފެށުމަށްދަނީ ތައްޔާރުވަމުންނެވެ. މިދިރާސާއާއެކު ރާއްޖޭގެ ރަށްރަށުގައި ހައްދަމުންދާ ދަނޑުތަކުގެ ޢަދަދާއި އެކަމުގައި ޝާމިލުވާ ފަރާތްތަކާއި، ކުރާ ޚަރަދާއި، ލިބޭ ޢާމްދަނީގެ އިތުރުން ދަނޑުވެރިކަމުގެ ސަބަބުން އިޤްތިޞާދަށް ލިބޭ ނަފާ އެނގިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ދަނޑުވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުގެ ބަޖެޓުންނާއި ބޭރުގެ އެހީއާއެކު ގިނަ މަޝްރޫޢުތަކެއް ދަނީ ހިންގަމުންނެވެ. އަދި ދަނޑުވެރިކަން އަމިއްލަގޮތުން ކުރަމުން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ތަމްރީނާއި އެކި ވަޞީލަތް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ސަރުކާރުންދަނީ ކުރަމުންނެވެ.