ޚަބަރު

ޢިލްމީ ގޮތުންނާއި ފިކުރީގޮތުން ރާއްޖެ ތަރައްޤީކުރުމަކީ ސަރުކާރުގެ އަމާޒު: ވަޒީރު ޑރ. ޝަފީޢު


  • ޤައުމު ބިނާކުރުމާއި އާރާސްތު ކުރެވޭނީ ދެވޭ ތައުލީމުގެ ފެންވަރު ރަނގަޅުކޮށްގެން

ޢިލްމީ ގޮތުންނާއި ފިކުރީ ގޮތުން ރާއްޖެ ތަރައްޤީކުރުމަކީ ސަރުކާރުގެ އަމާޒުކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތު 2022-2023 ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދަރުބާރުގޭގައި ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތު 2022-2023 ގައި ތައުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ޢިލްމުގެ ތަރައްޤީ ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާކަމަށެވެ. އަދި ސަރުކާރުން އެ އަމާޒަށް މަސައްކަތްތައް ބައްޓަން ކުރައްވަމުންދާކަމަށެވެ.

މި އަމާޒަށް ވާސިލްވުމަށް ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީޕީއީ)ގެ ހިލޭ އެހީގެ ދަށުން ވަނީ ތަފާތު 3 ގްރާންޓެއް ހިމެނޭހެން 9.5 މިލިޔަން ޑޮލަރު ނުވަތަ 146.5 މިލިޔަން ރުފިޔާގެ އެހީ ތަޢުލީމީ ދާއިރާއަށް ހޭދަކުރުމަށް ދީފައެވެ.

މި އެހީގެ ދަށުން ސްކޫލުތައް ޤާއިމުކުރުމާއި، ތަޢުލީމީ ދާއިރާ ހިންގުމުގެ ހުނަރުވެރިން އުފެއްދުމާއި، ތަޢުލީމީ ދާއިރާގެ ޕްލޭނިންގ އަދި ފައިނޭންސިންގ ހަރުދަނާކުރުމުގެ މަސައްކަތްތައްކޮށް، ތަޢުލީމީ ދާއިރާއަށް ބޭނުންވާ މުދައްރިސުން ތަމްރީނުކޮށް މައިދާނަށް ނެރުމުގެ މަސައްކަތްކުރުން ހިމެނެއެވެ. މީގެއިތުރުން އައު އެޑިޔުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމެއް ތަޢާރަފްކޮށް، ތަޢުލީމީ ދާއިރާގެ ޕޮލިސީތައް އެކަށައެޅުމުގައި ބޭނުންކުރަން ފަށާނެއެވެ.

ތަޢުލީމީ ނިޒާމަށް އިންޤިލާބީ ބަދަލު ގެނައުމުގެ ޕްރޮޖެކްޓާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ތައުލީމާ ބެހޭ ވަޒީރު ވިދާޅުވީ، ޢިލްމީ ތަރައްޤީ ގެނައުމަށް ވަރަށް ގިނަ މަސައްކަތް ކުރައްވަންޖެހޭ ކަމަށެވެ. އެގޮތުން މި ޕްރޮޖެކްޓުގައި ހިމެނޭކަންކަން ހާސިލްކުރެއްވުމާއެކު ޕްރައިމަރީ ގްރޭޑުތަކުން ފާސްވާ ކުދިންގެ ނިސްބަތްވެސް އިތުރުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ގްރޭޑް 3 ގެ ދިވެހި މާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް 40 އިންސައްތައަށްވުރެ ދަށްވެފައިވާކަމަށާއި ގްރޭޑް 6 ގައި އިނގިރޭސި، ހިސާބު އަދި ދިވެހި މާއްދާވެސް ހުރީ 50 އިންސައްތައަށްވުރެ ދަށުގައިކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ވަރަށް ކަންބޮޑުވާކަމެއްކަން ފާހަގަކުރައްވާ ތަޢުލީމާބެހޭ ވަޒީރު ވިދާޅުވީ އޭލެވެލްއާއި އޯލެވެލްއިން ގިނަކުދިން ފާސްވާން ބޭނުންވާނަމަ ޕްރައިމަރީ ގްރޭޑުން ފާސްވާ ކުދިންގެ އިންސައްތަ އިތުރު ކުރަންޖެހޭކަމަށެވެ.

"ސެކެންޑްރީ ގްރޭޑްތަކަށްވުރެ ޕްރައިމަރީ ގްރޭޑްތަކަށް ނިސްބަތުން ފައިސާ ޚަރަދުކުރެވޭ މިންވަރުވެސް މަދު. ޒަމާނުއްސުރެން ޕްރައިމަރީ ގްރޭޑަށް ދެވިފައި އޮތް އަހަމިއްޔަތުކަން ވެސް ކުޑަވެފައި އޮތީ. އަޅުގަނޑު އަރުވަން ބޭނުންވާ ޔަޤީންކަމަކީ ޕްރައިމަރީ ގްރޭޑްއިން ފާސްވާ ކުދިންގެ ނަތީޖާ ރަނގަޅު ކުރުމަށް ވުޒާރާއިން މަސައްކަތް ކުރާނެކަން" ވަޒީރު ވިދާޅުވިއެވެ.

ޤައުމު ބިނާކުރުމާއި އާރާސްތު ކުރެވޭނީ ދެވޭ ތައުލީމުގެ ފެންވަރު ރަނގަޅުކޮށްގެންކަން ކަމަށާއި އެކަން ހާސިލްކުރަން އެންމެން އެކުގައި މަސައްކަތް ކުރައްވަންޖެހޭ ކަމަށް ތައުލީމާބެހޭ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.