ޚަބަރު

ޤައުމު ހިންގުމުގައި ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމްދީނުގެ މައްޗަށް: ރައީސުލްޖުމްހޫރިއްޔާ


  • ރައީސް މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ޑިމޮކްރަސީ ދުވަހާ ގުޅުވައިގެން

ޤައުމު ހިންގުމުގައި ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމްދީނުގެ މައްޗަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ޑިމޮކްރަސީ ދުވަހާ ގުޅުވައިގެން ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ ޤައުމު ހިންގުމުގައި ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމްދީނާއި ދިވެހިރައްޔިތުން ޤަބޫލުކުރާ ހަމަތަކާއި، ދިވެހިވަންތަ އާދަކާދަތަކުގެ މައްޗަށްކަމަށެވެ.

ޑިމޮކްރަސީއަކީ ރައްޔިތުން ބާރުވެރިކުރުވާ، ރައްޔިތުންގެ ކިބައިން ވެރިކަމުގެ ބާރު އޮންނަ އަދި ރައްޔިތުންގެ ބާރު ވެރިކަމުގައި ފުޅާގޮތެއްގައި އޮންނަ ނިޒާމެކެވެ. މިނިޒާމަށް ރާއްޖޭގައި އަމަލުކުރަމުން އަންނަތާ މިވަނީ 16 އަހަރު ފުރިފައެވެ. ޑިމޮކްރަސީއާއެކު ރާއްޖެއަށްވެސް ގިނަ ކުރިއެރުންތަކެއް ލިބިގެންދިޔައެވެ.

މިސަރުކާރުން ބޭނުންވަނީ އިސްލާމްދީނަށް ނަޞްރުދީ، އިސްލާމްދީނުގެ މާތް ސިފަތަކަށް ހުރިހާ ދިވެހީން އަހުލުވެރިކުރުވުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ މީގެކުރިން ވެސް ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިސަރުކާރުން ބޭނުންވަނީ ޤާނޫނު ނަގަހައްޓާ އިސްލާމްދީނަށް ނަޞްރުދޭން ކަމަށެވެ. އަދި އިސްލާމްދީނުގެ މާތް ސިފަތަކަށް ހުރިހާ ދިވެހީން އަހުލުވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.