ޚަބަރު

ފަލަސްޠީނުގެ ހައްގުގައި އދ.ގައިވެސް ރައީސްގެ އަޑުފުޅު ގަދަ، ޑރ.މަޙްމޫދު އައްބާސްގެ ޝުކުރު


  • ދިވެހިން ތިބޭނީ އަބަދުވެސް ފަލަސްޠީނާއެކުގައިކަން ރައީސް ފާހަގަކުރެއްވި

ފަލަސްޠީނުގެ ނަސްލު ނައްތާލުމަށް އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވައި، ފަލަސްޠީނަށް މިނިވަންކަން ދިނުމަށް ގޮވައިލައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދުނިޔެއަށް ގޮވާލައްވާ ގޮވައިލެއްވުން އަނެއްކާވެސް ތަކުރާރުކުރައްވައިފިއެވެ.

ޔަހޫދީ ފައުޖުން ފަލަސްތީނުގައި ހިންގަމުން އަންނަ ގަތުލުއާންމު ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވައިލެއްވުމާ ގުޅިގެން ފަލަސްޠީނުގެ ރައީސް ޑރ.މަޙްމޫދު އައްބާސްވަނީ ތައުރީފުކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.

ފަލަސްޠީނުގެ މައްސަލާގައި ވަގުތުންވަގުތަށް ޢަމަލީ ފިޔަވަޅު އެޅުމަށް ރައީސް އަނެއްކާވެސް މިގޮވާލެއްވީ އދ.ގެ އާންމު މަޖިލީހުގެ 79ވަނަ ސެޝަންގެ ހަވާސާގެ ތެރެއިން ފަލަސްތީނުގެ ރައީސް ޑރ.މަހުމޫދު އައްބާސްއާ ބައްދަލުކުރައްވައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭން އަބަދުވެސް ފަލަސްތީނާއެކު ތިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ޔަހޫދީ ފައުޖުތަކުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓުވުމުގައި ބައިނަލްއަގުވާމީ އެހީތެރިކަމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގަތުލުއާންމު ހުއްޓާލުމަށް ގޮވާލައްވަނީ "އަޅުގަނޑުމެންނަކީވެސް އިންސާނުންނަށް ވާތީ"ކަމަށެވެ. އަދި އެ ގަތުލުއާންމު ހުއްޓުވުމުގައި އެކުގައި ގުޅިގެން މަސައްކަތް ކުރުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްތީނަށް އެހީވުމަށް ވެދެއްވެން އޮތް ހުރިހައި އެހީތެރިކަމެއް ރާއްޖޭން ވެދެއްވާނެކަމުގެ ޔަގީންކަން ދެއްވަފައެވެ. އަދި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަގުމާވީގޮތުން މަސައްކަތް ކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު މީޑިއާތަކަށް މައުލޫމާތުދެއްވަމުން ރައީސް ވިދާޅުވީ ފަލަސްޠީނުގެ މައްސަލާގައި ދިވެހިންގެ މެދުގައި ޚިޔާލުތަފާތުވުމެއް ނެތްކަމަށާ ކޮންމެ ދިވެއްސަކުވެސް ވަނީ ފަލަސްތީނާއެކު ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި ދެ ރައީސުންވަނީ ދެ ޤައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުންވެސް ދެ ރައީސުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

"މީގެ ކުރިންވެސް، މިހާރުވެސް އަދި ކުރިއަށް އޮތްތަނުގައިވެސް ފަލަސްތީނަށް އެއްބާރުލުން ދިނުމަށްޓަކައި ރާއްޖޭން ކުރެވެން އޮތް ހުރިހާކަމެއް ކުރާނެ،" ރައީސް ވިދާޅުވިއެވެ.


ދެ ރައީސުންގެ ބައްދަލުކުރެއްވުމުގައި ފަލަސްތީނުގެ ރައީސް ޑރ.މަހުމޫދު އައްބާސް ވަނީ ރާއްޖޭން ފަލަސްތީނަށް ދެއްވާ އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކުރައްވައި ބައިނަލް އަޤްވާމީ ދުނިޔޭގައި ވަކާލާތުކުރައްވާކުރެއްވުން ޝުކުރުވެރިކަމައެކު ޑރ.މަޙްމޫދު އައްބާސް ފާހަގަކުރެއްވިއެވެ.

އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ފައުޖުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމު ވަގުތުން ހުއްޓާލުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންދަވަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ވަކާލާތު ކުރައްވަމުންނެވެ. އަދި ރާއްޖެއިން އޮންނާނީ އަބަދުވެސް ފަލަސްޠީނާއެކުކަން ހާމަކުރައްވައި އަޑުއުފުއްލަވަމުންނެވެ.

ފަލަސްޠީނުގެ ސަރުކާރާއި އެޤައުމުގެ ރައީސް ޑރ.މަޙުމޫދު އައްބާސް ވަނީ ރާއްޖޭގެ ރައީސަށް ތައުރީފުކުރައްވައި ފަލަސްޠީނުގެ ޙައްޤުގައި ކުރައްވާ މަސައްކަތްތައް ޝުކުރުވެރިކަމާއެކު ބަލައިގަންނަކަން ހާމާކުރައްވާފައެވެ.