ޚަބަރު

ޕާކިސްތާނާއެކު ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި


  • ދެ ޤައުމުގެ ދެމެދު ސީދާ ދަތުރުތައް އިތުރުކުރުމާގުޅޭގޮތުން މަޝްވަރާކުރެއްވި

  • ޕާކިސްތާނުގައި ފަތުރުވެރިކަން ފުޅާކުރަން ރާއްޖޭގެ ތަޖުރިބާ ހޯދުމަށްވެސް މަޝްވަރާކުރެއްވި

ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝަހްބާޒް ޝަރީފާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖެއާ ޕާކިސްތާނާ ދެމެދު ޒަމާނުއްސުރެ އޮތް ގާތް އަޚުވަންތަގުޅުން ފާހަގަކުރައްވާ، މި ގުޅުން އިތުރަށް ބަދަހިކޮށް ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި ގުޅިގެން ކުރެވޭނެ މަސައްކަތްތަކާގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ ވިޔަފާރީއާއި އިޤްތިޞާދީ ދާއިރާއާއި، ތަޢުލީމާއި، ފަތުރުވެރިކަމާއި، ދެޤައުމުގެ ދެމެދުގައި ސީދާ ދަތުރުތައް އިތުރުކުރުން ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖޭން ހޯދާފައިވާ ކާމިޔާބީތަކާއި ކުރިއެރުންތައް ފާހަގަކުރައްވާ، އެ ޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ރާއްޖޭގެ ތަޖުރިބާގެ ބޭނުން ހިފުމަށް ޝަޢުގުވެރިވާކަން ފާހަގަކުރައްވާފައެވެ.

ހަމައެހެންމެ މޫސުމަށް އަންނަ ބަދަލުތަކާއި، އެޑަޕްޓޭޝަން ސްޓްރެޓެޖީތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއިރު، ބައިނަލްއަޤްވާމީ ގޮތުން ކުރިމަތިވެފައިވާ މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް އެއްބަޔަކު އަނެއް ބަޔަކަށް ބާރުއެޅުމާ ގުޅޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރުން ކުރިއަށްގެންދަވާ 5 މިލިޔަން ގަސް އިންދުމުގެ މަޝްރޫޢުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ކޮޕް28 ގެ ތެރޭގައި ޕާކިސްތާނުން މިކަމުގައި ބައިވެރިވެ އެހީތެރިވުމަށް ޝަޢުގުވެރިކަން ފާޅުކޮށްފައިވާތީ އެކަމުގައި ކުރިއަށްދެވޭނެ ގޮތްތަކާގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުންވެސް ވަނީ ދެ ޤައުމުގެ ދެމެދު އޮތް ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސް، އެކި ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލުން އެއް ޤައުމުން އަނެއް ޤައުމަށް ދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

ދިވެހިރާއްޖެއިން ޕާކިސްތާނާއެކު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 26 ޖުލައި 1966 ގައެވެ. ޕާކިސްތާނުން އަންނަނީ ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ވަކިން ޚާއްސަކޮށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، މީހުން ބިނާކުރުމާއި، ޞިއްޙީ ދާއިރާއިން އެކިގޮތްގޮތުން އަންނަނީ އެހީތެރިވަމުންނެވެ.