ޚަބަރު

ޕީއެސްއެމްގެ 9 މިލިޔަން ރުފިޔާއަށް ޚިޔާނަތްތެރިވިކަމަށް ތުހުމަތުކުރެވޭ މައްސަލަ އޭސީސީއަށް


  • ޑޮލަރު ގަތުމަށް ނެގި 4.58 ރުފިޔާ ގެއްލިފައިވޭ

  • އާމްދަނީގެ ގޮތުގައި ބަލައިގަތް 4.26 މިލިޔަން ރުފިޔާ ގެއްލިފައިވޭ

  • ޙަނީފްގެ ދަރިއެއްގެ ބޭންކު އެކައުންޓަށް 1.16 މިލިޔަން ރުފިޔާ ޖަމާކޮށްފައިވޭ

ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމުން 9.03 މިލިޔަން ރުފިޔާ ގެއްލުނު މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް ދަޢުވާކުރުމަށް ފޮނުވައިފިއެވެ. ފުލުހުން ވިދަޅުވީ މި މައްސަލަ ބެލުމަށްފަހު މިހާރު އޭސީސީއަށް ފޮނުވާފައިވާކަމަށެވެ.

ޕީއެސްއެމްއިން ޑޮލަރު ގަތުމަށް ނެގި ފައިސާއާއި އާމްދަނީގެ ގޮތުގައި ބަލައިގަނެފައިވާ ފައިސާ ގެއްލިފައިވާކަން ފާހަގަކުރެވި، އެކަމުގެ ތުހުމަތުގައި ޕީއެސްއެމްގެ އޭރުގެ ޑިރެކްޓަރ އޮފް ފައިނެންސް އަހްމަދު ޙަނީފު މަޤާމުގެ މަސްއޫލިއްޔަތުން އެކަހެރިކުރިއެވެ. އަދި މިކަމާ ގުޅިގެން ޚާއްސަ އޮޑިޓެއް ހެދުމަށް، ކުންފުނީގެ ފަރާތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި އެދުނެވެ.

މިގޮތުން ހެދި އޮޑިޓަށްފަހު ނެރުނު ރިޕޯޓުގައިވާ ގޮތުން ޑޮލަރު ގަތުމަށް ނެގި ފައިސާއާއި އާމްދަނީގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން ޖުމްލަ 9.03 މިލިޔަން ރުފިޔާ ކުންފުންޏަށްވަނީ ގެއްލިފައެވެ.

އޮޑިޓު ރިޕޯޓުގައިވާ ގޮތުން ގެއްލުނު 9 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ ތެރެއިން ޑޮލަރު ގަތުމަށް ނެގި 4.58 ރުފިޔާ ގެއްލިފައިވެއެވެ. އަދި އާމްދަނީގެ ގޮތުގައި ބަލައިގަތް 4.26 މިލިޔަން ރުފިޔާ ވަނީ ގެއްލިފައެވެ. އަދި ޕީއެސްއެމްގެ ތިޖޫރީގައިހުރި 190،000 ރުފިޔާވެސް ވަނީ ގެއްލިފައެވެ.

2017 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ޕީއެސްއެމްއިން ބަލައިގަނެފައިވާ ނަގުދު ފައިސާގެ ތެރެއިން 4.26 މިލިޔަން ރުފިޔާ ޕީއެސްއެމްގެ ބޭންކު އެކައުންޓަށާއި ތިޖޫރީއަށް ވައްދާފައިނުވާކަމަށް އޮޑިޓު ރިޕޯޓުގައިވެއެވެ. އަދި އެ ފައިސާގެ ތެރެއިން 4.15 މިލިޔަން ރުފިޔާއާ އެންމެ ފަހުން ޕީއެސްއެމްގެ ފަރާތުން ހަވާލުވެފައިވަނީ ޕީއެސްއެމްގެ ކުރީގެ ފައިނެންސް ޑިރެކްޓަރު އަޙްމަދު ހަނީފްކަން ފާހަގަކުރެވިފައިވާކަމަށްވެސް އޮޑިޓު ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން ޕީއެސްއެމްގެ ތިޖޫރީން ގެއްލުނު 190،000 ރުފިޔާ ކުންފުނީގެ ބޭންކު އެކައުންޓަށް ޖަމާކުރުމަށް ކުރީގެ ފައިނެންސް ޑިރެކްޓަރ ހަވާލުވިކަމަށް ސޮއިކޮށްފައިވާކަމަށް ރިޕޯޓުގައިވެއެވެ. ނަމަވެސް މި ފައިސާވަނީ ގެއްލިފައެވެ.

އަދި ޑޮލަރު ގަތުމަށް ޕީއެސްއެމްއިން 5.79 މިލިޔަން ރުފިޔާ ނަގާފައިވާއިރު އޭގެ ތެރެއިން ކުންފުންޏަށް ލިބިފައިވަނީ 1.20 މިލިޔަން ރުފިޔާއަށްވާ 76،000 ޑޮލަރެވެ. އަދި މި ފައިސާގެ ތެރެއިން ކުރީގެ ފައިނެންސް ޑިރެކްޓަރުގެ ދަރިއެއްގެ އެކައުންޓަށް 1.16 މިލިޔަން ރުފިޔާ ޖަމާކޮށްފައިވާކަމަށްވެސް އޮޑިޓު ރިޕޯޓުގައިވެއެވެ.

ޕީއެސްއެމްއިން ޑޮލަރު ގަތުމަށް ނެގި ފައިސާއާއި އާމްދަނީގެ ގޮތުގައި ބަލައިގަނެފައިވާ ފައިސާ ގެއްލުނު މައްސަލަ ބަލައި، އެކަންކަމުގައި ޒިންމާވާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް އޭސީސީއަށް އެންގުމަށް އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައިވެއެވެ.