ޚަބަރު

2 މިލިޔަން ފަތުރުވެރިންގެ އަމާޒު ޑިސެމްބަރުމަހު ހާސިލްކުރެވޭނެކަމަށް ލަފާކޮށްފި


  • މިހާތަނަށް ރާއްޖެއަށްވަނީ 1,467,827 ފަތުރުވެރިން ޒިޔާރަތްކޮށްފަވޭ

  • އަމާޒު ހާސިލްކުރުމަށް ދެން ބޭނުންވަނީ 532،173 ފަތުރުވެރިން

ރާއްޖެއަށް މިހާރު ފަތުރުވެރިން އަންނަ އަދަދަށް ބަލާއިރު، މިއަހަރުގެ އަމާޒު އަންނަ ޑިސެމްބަރުމަހުގެތެރޭ ހާސިލްކުރެވޭނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ލަފާކޮށްފިއެވެ.

ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެފަހުން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 1,467,827 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއާއެކު ރާއްޖެއިން މިއަހަރަށް ހިފާފައިވާ އަމާޒު ހާސިލްކުރުމަށް ދެން ބޭނުންވަނީ 532،173 ފަތުރުވެރިންނެވެ.

މިމަހުގެ 27 ވަނަ ދުވަހު ފާހަގަކުރި ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ މެސެޖުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވީ، މިއަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި މިއަހަރަށް ކަނޑައަޅާފައިވާ އަމާޒު ހާސިލްކުރެވޭނެ ކަމަށެވެ.

ވަޒީރު ފާހަގަކުރެއްވިގޮތުގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމުތަކުން ފަތުރުވެރިންގެ އަދަދު މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ.

"މިދިޔަ އަހަރު ޗައިނާއިން އައި ޖުމްލަ އަދަދަށްވުރެ މިއަހަރުގެ މިހާތަނަށް އައި އަދަދުވަނީ އިތުރުވެފައި، އިޓަލީ، ރަޝިއާ، ޖަރމަނީއަށް ބެލި ނަމަވެސް އަދަދުތައް ވަރަށް ބޮޑަށް އިތުރުވެފައިވަނީ،" ފައިޞަލް ވިދާޅުވިއެވެ.

ފަތުރުވެރިކަމާ ބެހޭ ވަޒީރު ފައިޞަލް ވިދާޅުވީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވަމުންދާއިރު، މޯލްޑިވްސް މަރކެޓިންގ އެންޑު ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީއިން ކުރަމުންދާ މަސައްކަތްތައް ވަރުގަދަކުރުމަށް ނިންމާފައިވާ ކަމަށެވެ. މިއާއެކު އަންނަ އަހަރުތެރޭ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް މިއަހަރަށް ވުރެ އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"ގުޅިގެން ކުރެވޭ މަސައްކަތްތަކާއި އެކު، ފަތުރުވެރިންގެ އަދަދު މި 5 އަހަރު ނިމޭއިރު، 3.5 މިލިޔަން ފަތުރުވެރިން ނުވަތަ 4 މިލިޔަން ފަތުރުވެރިންނަށް އަރާނެކަމަށް އުއްމީދުކުރެވޭ." ވަޒީރު ފައިޞަލް ވިދާޅުވިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4344 ފަތުރުވެރިން އާދެއެވެ. އަދި ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 7 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.