ޚަބަރު

އާޓްސް އެންޑް ކަލްޗަރ ސެންޓަރެއް ޤާއިމްކުރުމަށް ބީސީސީއާއި ޕޮލިޓެކްނިކާ ދެމެދު ސޮއިކޮށްފި


  • ވިޔަފާރިވެރިންނަށާއި އެނޫންވެސް ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދޭނެ

  • ހިންގުމާއި ބެލެހެއްޓުމުގެ ކަންކަން ކުރާނީ ބީސީސީއާއި ޕޮލިޓެކްނިކުން

ފަންނާއި ޘަޤާފަތަށް ޚާއްޞަ ސެންޓަރެއް ޤާއިމުކުރުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި މޯލްޑިވްސް ޕޮލިޓެކްނިކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ސްޓްރެޓެޖިގް އޮފިސަރ މަރިޔަމް ނަޝާއެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ޒޫޝާން ކަމާލުއްދީނެވެ.

މި އެއްބަސްވުމުގެ ދަށުން ޤާއިމްކުރާ "އާޓްސް އެންޑް ކަލްޗަރ ސެންޓަރ" އެކަށީގެންވާ ގޮތެއްގައި ބޭނުންކުރުމާއި، ހިންގުމާއި ބެލެހެއްޓުމާ ގުޅޭ ހުރިހާ ކަމެއްގައި ބީސީއާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން މަސައްކަތް ކުރާނެއެވެ. އަދި މި ސެންޓަރުގެ ވަޞީލަތްތައް ބޭނުންވާ ފަރާތްތަކަށް ދޫކުރުމާ ގުޅޭ އިންތިޒާމުތައް ހަމަޖައްސައި ހިންގުންވެސް މީގެތެރޭގައި ހިމެނެއެވެ.

ޢިލްމީ ވަޞީލަތްތަކާއި، ފަންނީ ލަފަޔާއި، ތަން ހިންގުމަށް ބޭނުންވާ ލޮޖިސްޓިކަލް ގޮތުން އެއްބާރުލުން ދިނުމުގެ އިތުރުންވެސް ތަނުގެ ޚިދުމަތާއި ވަޞީލަތްތައް ބޭނުންކުރާ ފަރާތްތަކަށް ޢިލްމީ ޤާބިލުކަން އިތުރު ކުރެވޭނެފަދަ ގޮތަކަށް ކަންކަން އިންތިޒާމުކޮށް ހިންގުންވެސް ހިމެނޭކަމަށް ބީސީސީން ވަނީ ވިދާޅުވެފައެވެ.

ބީސީސީއާއި ޕޮލިޓެކްނިކް ގުޅިގެން އާޓްސް އެންޑް ކަލްޗަރ ސެންޓަރ އިޝްތިހާރުކޮށް، ރާއްޖޭގެ ވިޔަފާރިވެރިންނަށާއި، އިޖުތިމާޢީ ގޮތުން ޙަރަކާތްތެރިވާ ޖަމާޢަތްތަކަށާއި، އެނޫންވެސް ކަމާބެހޭ އެންމެހާ ފަރާތްތަކަށް އެތަނާބެހޭ މަޢުލޫމާތު ފޯރުކޮށްދީ ހެދުމަށް ތަފާތު ޙަރަކާތްތައް ހިންގުމަށްވެސް މި އެއްބަސްވުމުގެ ސަބަބުން މަގުފަހިވާނެކަން ބީސީސީން ފާހަގަކުރައްވައެވެ.