ޚަބަރު

ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑުގެ މެންބަރުކަމަށް ހުޅުވާލައިފި


  • ނަން ހުށައެޅުމުގެ ފުރުޞަތު އަންނަ މަހުގެ 10 އަކަށް ވަނީ ހުޅުވާލާފައި

  • މި ބޯޓު އެކުލެވިގެންވަނީ 10 މެންބަރުންގެ މައްޗަށް

  • މެންބަރެއްގެ ދައުރަކީ 5 އަހަރު

ނޭޝަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑުގެ މެންބަރުކަމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 10 މެމްބަރުންގެ މައްޗަށް އެކުލެވޭ މި ބޯޑުގެ މެންބަރެއްގެ ދައުރަކީ 5 އަހަރެވެ.

ސިއްޙީ ވުޒާރާއިން ވަނީ މި ބޯޑުގައި ޚިދުމަތް ލިބިގަންނަ ފަރާތްތައް ތަމްސީލުކުރާ ފަރާތަކާއި ފުޑް ސައިންސްގެ މާހިރެއްގެ އިތުރުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ތަމްސީލުކުރާ ފަރާތްތަކަށް ނަން ހުށައެޅުމަށް ހުޅުވާލާފައެވެ.

މި ބޯޑުގެ މެންބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ކާބޯތަކެތީގެ ފެންވަރާއި ޞިއްޙީ ރައްކާތެރިކަން ކަށަވަރު ކުރުމާ ގުޅޭގޮތުންނާއި ކާބޯތަކެއްޗަކީ ޞިއްޙަތަށް ފައިދާހުރި ތަކެތި ކަމުގައި ކަށަވަރުކުރުމާ ގުޅޭގޮތުން ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ލަފަޔާއި އިރުޝާދާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި ޤާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި އޮތޯރިޓީއަށް ލަފާދިނުންވެސް ހިމެނެއެވެ.

މި ބޯޑުގެ މެންބަރުކަމުގެ ޚާއްސަ ޝަރުތަކީ ކާބޯތަކެތީގެ ޚިދުމަތްދޭ ވިޔަފާރިއެއް ނުވަތަ ކާބޯތަކެތީގެ ޚިދުމަތްދޭ އެ ނޫންވެސް ތަނެއްގައި މަސްލަހަތެއް އޮތް މީހެއް ކަމުގައި ނުވުމެވެ. އަދި މަޤާމަށް އައްޔަން ކުރުމުގައި ޚިދުމަތް ލިބިގަންނަ މީހުން ތަމްސީލު ކުރާ ޖަމިއްޔާތަކުން ކަނޑައަޅާ މެންބަރުންނަށް އިސްކަންދެވޭނެ ކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑުގެ މެންބަރު ކަމަށް އެދި ހުށަހަޅަންޖެހެނީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭހެން ތައްޔާރުކޮށްފައިވާ ސީވީއެކެވެ. އަދި މީގެ އިތުރުން ތައުލީމާއި ތަޖުރިބާ ލިބިފައިވާކަމުގެ ލިޔުންތައްވެސް ހުށަހަޅަން ޖެހެއެވެ. ސިއްޙަތާ ބެހޭ ވުޒާރާއިން ވަނީ ނަން ހުށައެޅުމުގެ ފުރުޞަތު އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައެވެ.

ސާފުތާހިރުކަމެއް ނެތި ބިދޭސީން ކާބޯތަކެތި ހަދައި ވިއްކުމަކީ ރާއްޖޭގައި މިފަހަކަށް އައިސް އާންމުވެފައިވާކަމެކެވެ. އެކަން ހުއްޓުވުމަށްޓަކައި މިހާރުވެސް ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ދާދިފަހުން ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަށް އަމަލުކުރަން ފަށާފައެވެ.

އަލަށް އަމަލުކުރަން ފެށި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން މިހާރު އެގޮތަށް އަންގާ އެންގުމާއެކު ބާޒާރުން ތަކެތި ނެގުމަށް ރީކޯލް ނޯޓިސް ނެރެ، އެއަށް ޢަމަލުނުކުރުމަކީ ޤާނޫނީ ކުށެއްގެ ގޮތުގައި ކަނޑައަޅައި 10،000ރ. އާއި 1،000،000ރ. ދެމެދު އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އެއޮތޯރިޓީއަށް ވަނީ ލިބިފައެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން އެމްއެފްޑީއޭއަށް ބާރުވެރިކަން ލިބި، ކާބޯތަކެތި އުފައްދާ، ވިއްކާ، އަދި ގުދަންކުރާ ތަންތަން ބަލައި ފާސްކުރުމާއި، މިންގަނޑަށް ނުހުންނަ ތަންތަނަށް ފިޔަވަޅު އެޅުމުގެ ބާރު ލިބިދެއެވެ. ހަމައެއާއެކު ޤާނޫނު ތަންފީޒުކުރެވޭ މިންވަރު ބަލައި މޮނިޓަރކުރެވޭ ނިޒާމެއް ޤާއިމުކުރުމަށް އެމްއެފްޑީއޭއަށް ލާޒިމުކުރެއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ޤާނޫނީ ބާރުވެރިކަން ވަނީ ވަރަށް ބޮޑަށް ލިބިފައެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ވަރަށް ބޮޑަށް ކަށަވަރުވެގެންދާނެ ކަމަށް ސަރުކާރާއި ކަމާއި ބެހޭ އިދާރާތަކުން ޤަބޫލުކުރެއެވެ.