ޚަބަރު

އޮންލައިންކޮށް ހިންގާ ވިޔަފާރީގެ މުޢާމަލާތްތަކުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި


  • ފޭކު ބޭންކު ޓްރާންސްފަރ ސްލިޕް ބޭނުންކޮށް، އޮޅުވާލައިގެން ދަނީ ވިޔަފާރިކުރަމުން

  • އޮންލައިން މުޢާމަލާތްތަކުގައި ފައިސާ ޖަމާވިކަން ޔަޤީންކުރުމަށް އިލްތިމާސްކުރެއްވި

އޮންލައިންކޮށް ހިންގާ ވިޔަފާރީގެ މުޢާމަލާތްތަކުގައި ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ފަހަކަށް އައިސް ބޭންކު ޓްރާންސްފަރ ޞައްޙަ ނޫން ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް އިތުރުވަމުންދާ ކަމަށެވެ.

ފުލުހުން ވިދާޅުވީ އޮޅުވާލައިގެން ބޭންކު ޓްރާންސްފަރ ސްލިޕްތައް ހަދާފައި ހުންނަނީ އެކަމަށް ޚާއްސަ އެޕްލިކޭޝަނެއް ބޭނުންކޮށްގެން ކަމަށެވެ. އަދި ރެސްޓޯރަންޓުތަކާއި ފިހާރަތަކުން ވިޔަފާރި ކުރުމަށްފަހު އަގު ދެއްކުމުގެ ގޮތުން މިފަދަ ސްލިޕްތައް ފޮނުވާކަން ތަޙުޤީޤަށް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އެހެންކަމުން މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި އެކައުންޓަށް ފައިސާ ޖަމާވިކަން ޔަޤީންކުރުމަށްފަހު ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް ނުހިންގުމަށް ފުލުހުން އިލްތިމާސްކުރެއްވިއެވެ.

މިފަދަ ކަމެއްގެ ޝިކާރައަކަށްވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށާއި އޮންލައިންކޮށް ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގައިވެސް އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.